ޓެކްސީތަކުން އަގުބޮޑުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ތެލުގެ އަގަށް ބަދަލު އައުމާގުޅިގެން، މާލޭ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ދެމުން އަންނަ ސެންޓަރުތަކުން މަޝްވަރާކުރުމަށްފަހު، ޓެކްސީ ޚިދުމަތް ދޭ އަގުތައް އަމިއްލައަށް ބޮޑު ކުރަން ވަނީ ނިންމާފައެވެ.

ނަމަވެސް، އެގޮތަށް އެކަން ނުކުރެވޭނެ ކަމަށާއި، އަމިއްލައަށް އަގުބޮޑު ކޮށްގެން ޓެކްސީ ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހަމައެއާއެކު ރޭ، ފުލުހުންގެ "ރޯޑް ޕޮލިސް" ފޭސްބުކް ޕޭޖުގައި ވަނީ ޓެކްސީ ޚިދުމަތަށް މާލެ ތެރޭގެ ދަތުރުތަކަށް ނެގޭނީ 25 ރުފިޔާ ކަމަށާއި ހުޅުމާލެ ފުރަތަމަ ފިޔަވައްސާ ދެވަނަ ފިޔަވައްސާ ދޭތެރޭ ދަތުރު ކުރެވޭނީ 40 ރުފިޔާއަށްކަން ފާހަގަކޮށްފައެވެ. އަދި ހުޅުލެ އާއި މާލެއާ ދެމެދުގެ ދަތުރުތަކަށް ނެގޭނީ 60 ރުފިޔާ ކަމަށާއި ހުޅުމާލޭ ދެވަނަ ފިޔަވައްސާއި މާލެއާ ދެމެދުގެ ދަތުރުތަކަށް ނެގޭނީ 90 ރުފިޔާކަން ވެސް ފުލުހުން ފާހަގަކުރިއެވެ.

މީގެ އިތުރުން، މާލެ އާއި ހުޅުމާލެ ފުރަތަމަ ފިޔަވައްސާ ދެމެދުގެ ދަތުރުތަކަށް އަދި ހުޅުލެއާއި ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ނެގޭނީ 75 ރުފިޔާ ކަމަށާއި އެ އަގުތަކުގެ އިތުރުން މެންދަމު 12:00 އިން ހެނދުނު 6:00 ގެ ނިޔަލަށް އިތުރު ފަސް ރުފިޔާ ނެގޭނެ ކަމަށް ފުލުހުން ބުންޏެވެ.

މިއީ ޓްރާސްންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް ވާތީ، އެއަށްވުރެ އަގު ބޮޑުކޮށް ޓެކްސީ ދަތުރު ނުކުރެވޭނެ ކަމަށް ފުލުހުން ބުންޏެވެ.

މި އަގުތަކުގެ އިތުރަށް ޓެކްސީއަށް އަގު ނެގުމަކީ މަނާކަމެއް ކަމަށާއި އިތުރަށް އަގު ނަގާނަމަ، އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުގައި އޮންނަ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.

މިކަމާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް 7943434 އަށް އެސްއެމްއެސް ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ޓެކްސީ ކުރާ އަގު ބޮޑުކުރަން ޓެކްސީ ސެންޓަރުތަކުން އަމިއްލައަށް ނިންމީ، ޓެކްސީގެ ޚިދުމަތް ދެމުން އަންނަ ހުރިހާ ސެންޓަރުތަކުގެ އިސްވެރިން ބޭއްވި ދެ ވަނަ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ސެންޓަރުތަކުން ވަނީ ތަކެތީގެ އަގަށާއި ތެލުގެ އަގުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން، ޓެކްސީގެ އަގު ވެސް ބޮޑު ކުރުމަށް ނިންމައިފައެވެ. ދަތުރުކޮށްދޭ އަގު ބޮޑު ކުރުމަށް ފާސްކޮށްފައިވަނީ ބައިވެރިވި ހުރިހާ ސެންޓަރުތަކެއްގެ ވެސް އިއްތިފާގުންނެވެ.

ހަމައެހެންމެ، ޓްރާންސްޕޯޓު މިނިސްޓްރީން ވަކި ގޮތަކަށް ނުނިންމި ކަމުގައިވީނަމަވެސް، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ޚިދުމަތުގެ އަގު ބޮޑު ކުރުމަށް ޓެކްސީ ސެންޓަރު ތަކުން ނިންމިއެވެ.