15 Mar 2012, 11:31
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 23 އަދި 24ގައި ބާއްވަން ނިންމައިފި އެވެ.
ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގަ ވިދާޅުވީ ދިވެހި ކުޅިވަރު އެސޯސިއޭޝަންތައް ބައިވެރިވާ ޖަލްސާގައި މި ފަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ އޮލިމްޕިކް ކޮމިޓީގެ ބަޖެޓް ބޮޑުކުރުމަށް ކަމަށެވެ.
"އަސްލު އޮލިމްޕިކް ކޮމިޓީގެ ބަޖެޓް ވަރަށް ކުޑަ އަބަދުވެސް. މިހެންވެ ފުޓްބޯޅަ ކަހަލަ އެސޯސިއޭޝަންތަކުގެ ފާޑުކިއުން އަމާޒުވޭ. މިހެންވެ މިފަހަރު ބަޖެޓް ބޮޑުކުރާނަން. މި ބަލަނީ ރެކޯޑް އަދަދެއްގެ ބަޖެޓެއް ފާސްކުރެވޭތޯ،" މަރުޒޫގް ވިދާޅުވި އެވެ.
މީގެ ދެ އަހަރު ކުރިން އޮލިމްޕިކް ކޮމިޓީ އިންތިހާބު ކުރިއިރު ވޮލީ އާއި ފުޓްބޯޅަ ވަނީ އެކްސްކޯއިން ބޭރުވެފަ އެވެ. މިހެންވެ އެކޮމިޓީ އަށް އެންމެ ބޮޑަށް ފާޑުކިޔާ ދެ އެސޯސިއޭޝަނަކީ ވޮލީ އާއި ފުޓްބޯޅަ އެވެ.
މަރުޒޫގް ވިދާޅުވީ އޮލިމްޕިކް ކޮމިޓީގެ ބަޖެޓް ބޮޑުކުރުމަށް ބޭރުގެ އެކިއެކި ފެޑަރޭޝަންތަކާ ވާހަކަ ދައްކަމުންދާ ކަމަށާއި މި އަހަރަކީ އޮލިމްޕިކް ކޮމިޓީގެ އާ އިމާރާތް ވެސް އަޅާ ނިންމަންޖެހޭ އަހަރުކަމަށްވުމުން ސަރުކާރުގެ ގައުމީ ކުޅިވަރު ބަޖެޓަށްވުރެ އޮލިމްޕިކް ކޮމިޓީގެ ބަޖެޓް ބޮޑުކުރެވޭނެކަމުގެ ޔަގީންކަން ބޮޑުކަމަށެވެ.