ތައިރޮއިޑް މަތިވުން ނުވަތަ ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ހަލުވިވެ އިތުރުވުމަކީ ރާއްޖޭގެ ގިނަ ބަޔަކަށް ދިމާވާ ވަރަށް އާންމު ސިއްހީ މައްސަލައެކެވެ.

އިންސާނާގެ ތައިރޮއިޑަކީ ހަށިގަނޑުގެ އެކި ހިސާބުތަކުގައި ތަފާތު އެތައް މަސައްކަތްތަކަށް އެހީތެރިވެދޭ އަދި ހަށިގަނޑުގައި ހޯމޯން އުފެއްދުމުގެ ބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ.

ތައިރޮއިޑް ގްލޭންޑް އިންނަނީ ކަރުގެ ކުރިމަތިން މެދެއްހާ ހިސާބުން، ހަމާއި މަސްފަށަލައިގެ ދަށުން، ވައިނޮޅީގެ ކުރިމަތިން ގޮސްފައެވެ.

ތައިރޮއިޑް ގްލޭންޑަށް ޖެހޭ ބަލިތަކުގެ ތެރޭގައި ތައިރޮއިޑް ގްލޭންޑް ދުޅަވެ ފުއްޕުން، ތައިރޮއިޑް ގްލޭންޑްގެ ކެންސަރު، ތައިރޮއިޑް ހޯމޯން އެކަށީގެންވާވަރަށް ނުއުފެއްދުން އަދި ތައިރޮއިޑް ހޯމޯން އުފެދެންޖެހޭ މިންވަރަށްވުރެ ގިނައިން އުފެއްދުން ހިމެނެއެވެ.

ތައިިރޮއިޑް ގްލޭންޑް ރަނގަޅަށް މަސައްކަތް ނުކުރުމުގެ ސަބަބުން އޭގެ އަސަރު މުޅި ހަށިގަނޑަށްކުރާނެއެވެ.

ހަށިގަނޑުގައި ތައިރޮއިޑް ހޯމޯން މާ ގިނަވުމުގެ ސަބަބުން "ހައިޕަތައިރޮއިޑިޒަމް" ކިޔާ ބައްޔެއް އުފެދެއެވެ. އަދި ހަށިގަނޑުން ތައިރޮއިޑް ހޯމޯން މަދުން އުފެދޭނަމަ ޖެހޭ ބައްޔަކީ "ހައިޕޯތައިރޮއިޑިޒަމް"އެވެ.

މި ދެވައްތަރުގެ ބަލިން ބައެއް އެއްގޮތް އަލާމާތްތައް ފެނެއެވެ.

ހައިޕަތައިރޮޮއިޑިިޒަމް ޖެހުމުން ފެނިދާނެ އަލާމަތްތަކުގެ ތެރޭގައި، ބޭރަށް ހިންގުން އަދި އާންމުކޮން ދެވޭވަރަށްވުރެ ގިނައިން ބޮޑުކަމުދާން ޖެހުން، ބޮލުންނާއި ގައިން އިސްތަށި ފޭބުން، އަދި އިސްތަށިގަނޑު ތުނިވުމާއި ތައިރޮއިޑް ގްލޭންޑް ފުއްޕުން، ހިތްނުތަނަވަސްވުމާއި މާ އަވަހަށް ރުޅި ގަދަވުންފަދަ ކަންކަން ހިމެނެއެވެ.

ހައިޕޯތައިރޮޮއިޑިިޒަމްގެ އަލާމާތްތަކުގެ ތެރޭގައި އާންމުކޮށް ވަރިބަލިވެ، ނިދި އައިސްފައި ހުރުމާއި ގައިގެ ހަންގަނޑު ހިކިވެ ކުރަކިވުމާއި ބޮލުގެ އިސްތަށި ފޭބުމާއި މިޒާޖު ގޯސްވެ އަވަހަށް މާޔޫސްވުމާއި ބަނޑުހަރުވުމާއި މައްސަރުކަންތައް ތަރުތީބުން ކޮންމެ މަހަކު ނުޖެހުމާއި ކަންތައްތައް ހަނދާނުގައި ބަހައްޓަން އުދަނގޫވުމާއި ލޮލުގެ ފެނުމާއި ކަންފަތުގެ އަޑުއިވުމުގައި ވެސް މައްސަލަތައް ކުރިމަތިވުން ހިމެނެއެވެ.

އެ ބަލީގެ އުދަނގޫތައް މާބޮޑަށް ކުރިމަތިވެފައި ނުވިނަމަވެސް ހައިޕަތައިރޮއިޑިޒަމް ނުވަތަ ހައިޕޯތައިރޮއިޑިޒަމް ހުރިކަމަށް ޓެސްޓުތަކުން ދައްކާނަމަ، އެދެވިގެންވަނީ ހުއްޓާނުލައި ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް ބަލީގެ ފަރުވާ ކުރިއަށް ގެންދިއުމެވެ.