އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް މެންޗެސްޓާ ސިޓީން އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗަށް ނިކުތްއިރު ޔުނައިޓެޑްގެ ސްކޮޑުގައިވެސް ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނާފައެއް ނުވެއެވެ.

މިރޭގެ މެޗު ފެށުމުގެ ކުރިން ވެސް ދަނޑުގައި ވަނީ ޔޫކްރޭންގެ ދިދަތައް ދައްކުވައިފައެވެ. އަދި ދެ ޓީމުގެ ކެޕްޓަނުން ވެސް ތިބީ ޔޫކްރޭންގެ ދިދަ ރަމްޒުކޮށްދޭ ބޭންޑެއް އަޅައިގެންނެވެ.

މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ސިޓީން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ މި މެޗުގައި އެ ޓީމުގެ ކެޕްޓަންކަން ކުރި ކެވިން ޑިބްރައިނާއެވެ. ޔުނައިޓެޑްގެ އޭރިޔާ ތެރެއިން ބެނާންޑޯ ސިލްވާ ދިން ބޯޅައެއް ޔުނައިޓެޑްގެ ޑިފެންޑަރެއްގެ ކައިރިން ޑިބްރައިނާ ފޮނުވާލިއިރު، އެ ބޯޅަ ހުއްޓުވުމަށް ޔުނައިޓެޑްގެ ކީޕަރަށް މާބޮޑު މަސައްކަތެއް ނުކުރެވުނެވެ.

މެޗުގެ 22 ވަނަ މިނެޓުގައި ޕައުލް ޕޮގްބާ ދިން ބޯޅައަކުން ޖޭ ސަންޗޯ ވަނީ ލަނޑެއް ޖަހައި ޔުނައިޓެޑަށް ނަތީޖާ ހަމަހަަމަކޮށްދީފައެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެެވެ.

އޭގެ ހަ މިނެޓު ފަހުން ޑިބްރައިނާ ވަނީ އަނެއްކާވެސް ލަނޑެއް ޖަހައި ސިޓީއަށް ލީޑު ނަގައިދީފައެވެ.

ފުރަތަމަ ހާފު ނިމުނީ 2-1 އިން ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ވެސް ރަނގަޅަށް ކުޅެފައިވަނީ ސިޓީއިންނެވެ.

ސިޓީން އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ 68 ވަނަ މިނެޓުގައި ރިޔާދް މަހްރޭޒްއެވެ. އޭނާ މި ލަނޑު ޖެހީ ޑިބްރައިނާ ދިން ބޯޅައަކުންނެވެ.

ސިޓީގެ ހަަތަރު ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖަހާފައިވަނީ ވެސް މަހްރޭޒްއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ އެލް ގުންޑޮގަން ދިން ބޯޅައަކުންނެވެ.

މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ސިޓީ ތާވަލްގެ އެއް ވަނައިގައި އޮތީ ޖުމުލަ 69 ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް ލިބެނީ 63 ޕޮއިންޓެވެ. އެއީ ސިޓީއަށްވުރެ އެއް މެޗު މަދުން ކުޅެގެންނެވެ. ލީގުގެ ތިން ވަނައިގައި ޗެލްސީ އޮތީ 53 ޕޮއިންޓާއެކުއެވެ. ހަތަރު ވަނައިގައި އާސެނަލް އޮތްއިރު، ޔުނައިޓެޑް އޮތީ ފަސް ވަނައިގައެވެ.