ދިވެހި ފުލުހުންގެ އިސްވެރިންނާއި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ ޑިޕާޓްމަންޓްތަކާއެކު މުހިންމު ބައްދަލުވުންތަކެއް ބާއްވައިފިއެވެ.

އެ ބައްދަލުވުންތަކުގައި އެފްބީއައިގެ އިތުރުން އެމެރިކާގެ ދަ ޖަސްޓިސް ޑިޕާޓްމަންޓާއި ނިއު ޔޯކްގެ ޕޮލިސް ޑިޕާޓްމަންޓް (އެންވައިޕީޑީ) ގެ އޮފިޝަލުންނާ ވެސް ބައްދަލުކުރެއްވިއެވެ.

ޕޮލިސް ކޮމިޝަނަރު މުޙައްމަދު ޙަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ބައްދަލުވުންތަކުގައި ޓެރަރިޒަމްގެ އެކި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ.

އެ ދަތުރު ނިންމާލާފައިވަނީ ނިއު ޔޯކުގައި ހުންނަވާ އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާ ބައްދަލުކުރެއްވުމަށްފަހުއެވެ.

މިދިޔަ ހަފުތާގެ 27ވަނަ ދުވަހު އެމެރިކާގައި ބޭއްވި ބައްދަލުވުންތައް ނިންމާލާފައިވަނީ އިއްޔެއެވެ. އަދި އެ "ސްޓަޑީ ޓުއާ"ގެ ހުރިހާ ޚަރަދެއް ހަމަޖައްސާފައިވަނީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުންނެވެ.

ޕޮލިސް ކޮމިޝަނަރު ޙަމީދު ވިދާޅުވީ ރާއްޖެ އާއި އެމެރިކާ ގުޅިގެން ކައުންޓާ ޓެރަރިޒަމްގެ މައްސަލަތަކުގައި މަސައްކަތް ކުރުމާއި މައުލޫމާތު ބަދަލުކުރުމާއި ޓެރަރިސްޓް ސްކްރީނިން ހެދުމާއި ކުށްތައް ކޮންޓްރޯލް ކުރުމުގެ ގާބިލުކަން އިތުރުކުރުމާއި ތަހުގީގު ކުރުން ވަރުގަދަކުރަން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އެ ބައްދަލުވުމުގައި މައުލޫމާތޯ ހޯދާފައިވާނެ ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ސީޕީ ޙަމީދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު ޢަބްދުލް މަންނާނު ޔޫސުފާއި އެސިސްޓެންޓް ކޮމިޝަނަރު މުޙައްމަދު ރިޔާޒްގެ އިތުރުން ތަހުގީގު ކުރާ ޑިޕާޓްމަންޓްތަކުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.