ތައިރޮއިޑަށް ފަރުވާ ހޯއްދެވުމަށް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ މާލެ ވަޑައިގެންފިއެވެ.

ޑޮކްޓަރުންގެ ލަފާގެ މަތިން ރައީސް ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރާ ވަޑައިގަތީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އަދި 25 ވަނަ ދުވަހު ވަނީ ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރައްވައިފައެވެ. އެ އޮޕަރޭޝަން ކުރިއަށްދިޔަ ވަގުތު ރައީސުލްޖުމްހޫރިއްޔާކަމުގެ މަސްއޫލިއްޔަތުތަކާ ވަގުތީގޮތުން ނައިބު ރައީސް ފައިސަލް ނަސީމް ހަވާލުވެވަޑައިގެންނެވިއެވެ. އެމަނިކުފާނާއެކު އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެސް ވަޑައިގެންނެވިއެވެ.

އެ އޮޕަރޭޝަނަށްފަހު، ހަމަ އެ ދުވަހުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ އެމަނިކުފާނު އަލުން ވަނީ ހަވާލުވެވަޑައިގެންފައެވެ.

މި މަހުގެ އެއް ވަނަ ދުވަހު ރައީސް ޞާލިޙު ހޮސްޕިޓަލުން ދޫކޮށްލައިފައިވާއިރު، އޮޕަރޭޝަނަށް ފަހު ރައީސްގެ ފުރަތަމަ ފޮޓޯ އާންމުކުރައްވައިފައިވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކެވެ.