އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވަޓްފޯޑު ބަލިކޮށް އާސެނަލުން ލީގުގެ ހަތަރު ވަނަ މަގާމަށް ޖެހިލައިފިއެވެ.

ވަޓްފޯޑުގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި އާސެނަލުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބީ ސަކާ ދިން ބޯޅައަކުން އެމް އޮޑެގާޑެވެ.

އޭގެ ހަ މިނެޓު ފަހުން ވަޓްފޯޑުގެ ސީ ހެނާންޑޭޒް ވަނީ ލަނޑެއް ޖަހައި އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ކޭ ފެމީނިއާ ނަގައިދިން ހުރަހަކުން އޯވާ ހައިޑެއްގައި ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.

އާސެނަލުން އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ 30 ވަނަ މިނެޓުގައެެވެ. ވަޓްފޯޑުގެ އޭރިޔާ ތެރެއިން ލިބުނު ފުރުސަތެއްގައި ސަކާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ފުރަތަމަ ހާފު ނިމުނީ 2-1 އިން އާސެނަލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން 52 ވަނަ މިނެޓުގައި އާސެނަލުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖީ މާޓިނެލީއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ލަކަޒެޓޭ ދިން ބޯޅައަކުން ވަޓްފޯޑުގެ އޭރިޔާ ބޭރު ހުރެ ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ތިން މިނެޓު ކުރިން ވަޓްފޯޑުން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެމް ސިސޮކޯއެވެ.

މިރޭގެ މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު އާސެނަލް ވަނީ ލީގުގެ ހަތަރު ވަނައަށް ޖެހިލައިފައެވެ.