06 Mar 2022, 23:14
ތަންފީޒުކުރަމުންދިޔަ ހުކުމުން މިނިވަންކުރިތާ ފަސް އަހަރު ފަހުން ހުކުމުގެ ބާކީ 23 ދުވަސް އޮތް ކަމަށް ބުނެ މީހަކު ޖަލަށް ދާން ޖެހިއްޖެއެެވެ.
މީގެ ނުވަ އަހަރު ކުރިން, ޅ. ނައިފަރު, ގުލްޗަންޕާގެ އިބްރާހިމް ރަޝީދު ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށް ސާބިތުމުންނެވެ.
އެ ހުކުމް ތަންފީޒުވެ ނިމެން 23 ދުވަހަށް ވެފައިވަނިކޮށް އޭނާ މިނިވަންކުރުމަށް ކަރެކްޝަނަލް ސާވިސް އިން ނިންމީ, ފަރުވާ ޕްރޮގްރާމް ފުރިހަމަ ކުރުމަށް ޝަރުތުކުރުމަށްފަހުއެވެ.
އިބްރާހިމް ރަޝީދު ބުނީ, އޭނާ ފަރުވާ ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު މުޖުތަމައުއަށް ނިކުތީ ރަނގަޅު މީހެއްގެ ގޮތުގައި މުޖުތަމައުއަށް ފައިދާ ހުރި މަސައްކަތްތަކެއް ކުރުމުގެ އުންމީދުގައި ކަމަށެވެ.
"ޑްރަގް ކޯޓުން އެއްވެސް ޝަރުތަކާ ނުލާ މިނިވަން ކުރުމަށް ހުކުމްކުރީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު. އޭގެ ފަހުން އަޅުގަނޑު މުޖުތަމައުގައި އުޅޭތާ މިއަދަށް ހަތް އަހަރު ވެފައިވާއިރު އެއްވެސް ކުށެއްގައި ހަތްޔަރުކޮށްފައެއް ވެސް ނުވާނެ," ސޯޝަލް މީޑިއާގައި އިބްރާހިމް ބުނެފައިވެއެވެ.
މުޖުތަމައުއަަށް ފައިދާހުރި މީހެއްގެ ގޮތުގައި އުމުރުގެ ބައިކީއޮތްބައި ހޭދަކޮށްލުމުގެ އަޒުމުގައި ވިލާ ކޮލެޖުން އޭނާ ކޯހެއް ފަށައި އެ ކޯސް ވެސް ފުރިހަމަކުރިއެވެ. ޒަވާޖީ ހަޔާތެއް ފަށައި އެއް އަހަރާ ނުވަ މަހުގެ ދަރިއަކު ވެސް އެބަހުއްޓެވެ.
އާއިލާއެއް ބަލަހައްޓަމުން ކިޔެވުމަށް އިތުރަށް ޚަރަދު ކުރެވޭނެ ތަނަވަސްކަން ނެތުމުން އިބްރާހިމް ރަޝީދު ފެށީ މަސްވެރިކަމެވެ. ދެ އަހަރު ދުވަހު މަސްވެރިކަމުގައި އުޅުމަށްފަހު, އިތުރަށް ކިޔަވައި އަނބިދަރިންނާ އެކުގައި ރަށުގައި ހުރުމަށް ނައިފަރު ކައުންސިލުން އިއުލާނު ކުރި ވަޒީފާއަކަށް ކުރިމަތިލިއެވެ. ވަގުތީ ގޮތުން މިސްކިތު މަސައްކަތު މީހެއްގެ ވަޒީފާއެވެ.
މިހާރު އޭނާ އަންނަނީ ސަރުކާރުން އިއުލާނުކުރި ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ޑިގްރީއަށް ކިޔަވަމުންނެވެ.
ކިޔަވަމުން މިސްކިތު މަސައްކަތުގެ މީހެއްގެ ވަޒީފާގައި ތިން އަހަރު ހޭދަކޮށްފައިވަނިކޮށް ދާއިމީ މުވައްޒަފެއް ހޯދުމަށް އިއުލާނު ކުރުމުން ވެސް އިބްރާހިމް ރަޝީދު ކުރިމަތިލިއެވެ.
"ކައުންސިލުން އިއުލާނުކުރި ދާއިމާ ވަޒީފާއަށް ހޮވިގެން ކުށުގެ ރިކޯޑް ސާފުކުރިއިރު އަޅުގަނޑުގެ ނުނިމި އިން މައްސަލައެއް ކަރެކްޝަނަލް ސާވިސްގައި ހުކުމް ތަންފީޒުކުރުން މެދުކަނޑާލާފައި އިން ކަމަށް ރިޕޯޓްގައި އޮތުމުގެ ސަބަބުން އަޅުގަނޑު އަދާކުރަމުން އައި ވަޒީފާއިން ވަނީ ވަކިކޮށްފައި," އިބްރާހިމް ބުންޏެވެ.
ހުކުމުގެ ނުނިމި ދުވަސްތަކެއް އޮތްކަން އެންގުމުން, އެކަމާގުޅިންހުރި މުއަސަސާތަކަށް ގުޅައި ސިޓީ ފޮނުވުމުން ވެސް އެކަށީގެންވާ ޖަވާބެއް ލިބިފައި ނުވާކަމަށް އިބްރާހިމް ބުންޏެވެ. އަދި އެކަމުގެ ސަބަބުން ވަޒީފާ ގެއްލިފައިވާއިރު އިތުރު ވަޒީފާއެއް ހޯދުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"އަޅުގަނޑު 23 ދުވަހަށް ޖަލަށް ދާން އެއްވެސް ވަރަކަށް ހާހެއް ނުވޭ. ނަމަވެސް އަޅުގަނޑު ހަދަމުން އައި ކޯސް ގެއްލި ވަޒީފާ ގެއްލި އާއިލާއަށް ލިބުނު ނިކަމެތިކަމުގެ ބަދަލު ދޭނީ ކޮން މުއައްސަސާއަކުން ތޯ," އަބްރާހިމް ސުވާލު އުފެއްދިއެވެ.