ސްޕެނިޝް ލީގުގައި މިރޭ އެލްޗޭ އާ ދެކޮޅަ ކުޅުނު މެޗު ކާމިޔާބުކޮށް ބާސެލޯނާއަން ލީގު ތާވަލްގެ ތިން ވަނައަށް ޖެހިލައިފިއެވެ.

އެލްޗޭގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބުކުރީ އެލްޗޭއިން ލަނޑެއް ޖަހާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.

އެލްޗޭ އިން މެޗުގައި ލީޑު ނެގީ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ފިޑޭލްއެވެ. ބާސާގެ އޭރިޔާ ތެރެއިން އޭނާ ފޮނުވާލި ބޮޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

ފުރަތަމަ ހާފު ނިމުނީ 1-0 އިން އެލްޗޭއިން ކުރީގައި އޮވެގެންނެވެ.

ބާސާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 60 ވަނަ މިނެޓުގައެވެ. ޖޯޑީ އަލްބާ ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ފެނާން ޓޮރޭސްއެވެ.

ބާސާގެ ދެވަނަ ލަނޑު އެ ޓީމުން ކާމިޔާބުކުރީ މެޗުގެ 84 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީގައި މި ލަނޑު ކާމިޔާބުކޮށްދިނީ މެންފިސް ޑިޕާއޭއެވެ.

މިރޭގެ މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޖުމުލަ 48 ޕޮއިންޓާއެކު ބާސާއިން ވަނީ ލީގު ތާވަލްގެ ތިން ވަނަ މަގާމަށް ޖެހިލައިފައެވެ. ލީގު ތާވަލްގެ އެއް ވަނައިގައި ރެއާލް މެޑްރިޑް އޮތީ 63 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި ސެވިއްޔާ އޮތީ 55 ޕޮއިންޓާއެކުއެވެ.