ސްޓެލްކޯގެ އާ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފްގެ ފުރަތަމަ ވައުދު ކަމަށްވާ އަންހެނުން ނަމާދު ކުރާނެ ޚާއްސަ ތަނެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ޝަރީފް މިރޭ "ސަން"އަށް ވިދާޅުވީ, މަގާމާ ހަވާލުވެ މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުންތަކުން އައި އެއް ޝަކުވާއަކީ އަންހެނުންނަށް ނަމާދު ކުރުމަށް ޚާއްސަ ތަނެއް ނެތުން ކަމަށެވެ.

މީގެ ކުރިން ވެސް އަންހެން މުވައްޒަފުން ނަމާދު ކުރުމަށް ޚާއްސަކޮށްގެން ސްޓެލްކޯގައި ތަނެއް ނެތްކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ, ނަމާދުގެ ޚާއްސަކޮށްފައިވަނީ ހަމައެކަނި ފިރިހެން މުވައްޒަފުންނަށް ކަމަށެވެ.

"ސްޓެލްކޯގައި އެބައުޅޭ ވަރަށް ގިނަ އަދަދަކަށް އަންހެން މުވައްޒަފުން. ނަމާދުކޮށް ހަދަން ދާން މިޖެހެނީ ބޭރަށް ނުވަތަ ގެއަށް. ކުރިއަށް މިއޮތީ ރޯދަ މަސް," ޝަރީފް ވިދާޅުވިއެވެ.

މަސައްކަތު މާހައުލުގައި އުޅޭއިރު ނަމާދު ކުރެވޭނެ އިންތިޒާމް ހަމަނުޖެހި އޮތުމަކީ ވަރަށް ހިތާމަހުރިކަމެއް ކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ, އެންމެ ފުރަތަމަ އިސްލާހު ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އެކަން ފާހަގަކޮށްފައިވާނެ ކަމަށެވެ.

"އަންހެން މުވައްޒަފުން ނަމާދު ކުރާނެ ތަނެއް ގާއިމްކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް އެދަނީ. ގާތްގަނޑަކަށް ކުރިއަތް އޮތް ދެ ހަފްތާ ތެރޭގައި އިރާދަކުރެއްވިއްޔާ އެތަން ގާއިމް ކުރެވޭނެ ކަމަށް މި ބަލަނީ," ޝަރީފް ވިދާޅުވިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމާ ހަވާލުވުމުގެ ކުރިން ޝަރީފް އަދާކުރެއްވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުގެ މަގާމެވެ.

ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި ހަސަން މުޣުނީއަށް ވަނީ އެންޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވާފައެވެ.