15 Mar 2012, 10:07
ފުލުހުން ކުރާ އަނިޔާ އާއި ދެކޮޅަށް މިއަދު ހަވީރު އެމްޑީޕީން ބާއްވާ ހިނގާލުމުގައި ކުޑަކުދިން ބައިވެރި ނުކުރަން އެމްޑީޕީން އިލްތިމާސް ކޮށްފި އެވެ.
އެމްޑީޕީން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ މިއަދަކީ ފުލުހުން ކުރާ އަނިޔާ އާއި ދެކޮޅަށް ބައިނަލް އަގުވާމީގޮތުން ފާހަގަކުރާ ދުވަހަށް ވާތީ އެކަމާއި ގުޅިގެން އެ ޕާޓީން މިއަދު ހަވީރު އެ ޕާޓީން ބާއްވާ ހިނގާލުމުގައި 18 އަހަރު ނުފުރޭ ކުދިން ބައިވެރި ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
"އަށަރަ އަހަރު ނުފުރޭ ކުޑަކުދިން ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ކުރުމަކީ އެދެވިގެން ނުވާކަމަކަށް ވާތީ މިފަދަ ކަންކަމަށް ކުޑަކުދިން ނުގެނައުމަށް މި ޕާޓީން އިލްތިމާސް ކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
އެމްޑީޕީން ބުނީ މިއަދު ހަވީރު ބާއްވާ ހިނގާލުމަކީ ސުލްހަވެރި ހިނގާލުމެއް ކަމަށާއި އެ ހިނގާލުމުގައި ގިނަ އަންހެނުންނާއި އުމުރުން ދުވަސްވީ މީހުން ބައިވެރިވާނެ ކަމަށެވެ.
އެމްޑީޕީން އެގޮތަށް އިލްތިމާސްކޮށްފައި ވާއިރު މިމަހުގެ ނުވަ ވަނަ ދުވަހު އެމްޑީޕީ އިން އއ. އުކުޅަހުގައި ކުރި މުޒާހަރާއެއްގައި ގިނަ އަދެއްގެ ކުޑަކުދިން ބައިވެރިކުރި ކުރި ކަމަށް ވެއެވެ.
މީގެ އިތުރުން މިދިޔަ ފެބުރުއަރީ މަހުގެ ހަތް ވަނަ ދުވަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ފަހުން އެމްޑީޕީން ކުރަމުން އަންނަ މުޒާހަގެ މައިދާން ކަމަށްވާ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ކުޑަކުދިންގެ ހަވީރެއްގައި، ކުދިން ބޭނުންކޮށްގެން ސިޔާސީ ނާޖާއިޒު ފައިދާއެއް ހޯދަން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ ޗައިލްޑް އެބިއުސިން ޕްރިވެންޝަން ސޮސައިޓީ (ކެޕްސް) އިން އެކަން ވަނީ ކުށްވެރިކޮށްފަ އެވެ.