06 Mar 2022, 16:38
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ އަދި ލެޖެންޑް ގިލްބާޓޯ ގޮޑޮއީ (ގިބާ) ބައިވެރިވާނެކަން އިޢުލާންކޮށްފިއެވެ.
މިކަން އިޢުލާންކޮށްފައިވަނީ ޔޫތު މިނިސްޓަރު އަޙުމަދު މަހްލޫފެވެ. މިއީ މި އެވޯޑުގައި ބައިވެރިވާނެކަން މިހާތަނަށް ހާމަކުރި ތިން ވަނަ ލެޖެންޑެވެ. ގިބާގެ އިތުރުން ސްވިޑެންގެ މަޝްހޫރު ފެތުންތެރިޔާ ސާރާ ޚޮރޮސްޓްރޮމް އާއި ސްޕެއިންގެ ފުޓުބޯޅަ ލެޖެންޑް މިޝޭލް ސަލްގާޑޯ ވެސް ބައިވެރިވާނެއެވެ.
ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެދީފައިވާ އުމުރުން 45 އަހަރުގެ ގިބާ އަކީ އައުޓް ސައިޑް އެޓޭކަރެކެވެ. ވޮލީ ކުޅުމުން ގިބާ މިހާރު ރިޓަޔާކޮށްފައިވާއިރު، އޭނާއަކީ އެފްއައިވީބީގެ އެތުލެޓްސް ކޮމިޝަންގެ ސެކްރެޓަރީއެވެ.

ބްރެޒިލްގެ ވޮލީ ލެޖެންޑް ގިބާ -- ފޮޓޯ / ޔޫތު މިނިސްތަރު އަޙުމަދު މަހްލޫފް
ވޮލީގައި ގިބާ ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި އޮލިމްޕިކްސް ގޭމްސްގެ ގޯލްޑް މެޑަލް ހޯދުން ހިމެނެއެވެ. އޭގެ އިތުރުން އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕް، އެފްއައިވީބީ ވޯލްޑް ކަޕް، އެފްއައިވިބީ ވޯލްޑް ގްރޭންޑް ޗެމްޕިއަންޝިޕް އަދި އެފްއައިވީބީ ވޯލްޑް ލީގު ކާމިޔާބު ކުރުން ހިމެނެއެވެ.
މީގެ އިތުރުން ގިބާ ވަނީ ފޭމަސް މެގަޒިންގެ ބެސްޓް ވޮލީބޯލް ޕްލޭޔާ އޮފް ދަ ޑެކޭޑާއި ސްކައި ސްޕޯޓްސްގެ މޯސްޓް ފޭމަސް ވޮލީބޯލް ޕްލެޔާ އިން ދަ ވޯލްޑާއި ފޮކްސް ސްޕޯޓްސްގެ ބެސްޓް މެންސް ވޮލީބޯލް ޕްލޭޔާ އޮފް އޯލް ޓައިމް އާއި މާސާގެ ޓޮޕް 100 މޭލް އެތްލީޓް އޮފް ދަ 21ސްޓް ސެންޗުރީ އާއި އޮލިމްޕިކް ގޭމްސްގެ މޯސްޓް ވެލިއުއޭބަލް ޕްލޭޔާ އާއި އެފްއައިވީބީ ވޯލްޑް ލީގު އަދި އެފްއައިވިބީ ވޯލްޑް ޗެމްޕިއަންޝިޕް ވެސް ހޯދާފައެވެ.
ގިބާ ވަނީ އޭނާގެ މުޅި ކެރިއަރުގައި ޖުމުލަ 30 ރަން މެޑަލް ހޯދާފައެވެ. އަދި އޭނާ ވަނީ ނުވަ ރިހި މެޑަލްގެ އިތުރުން ފަސް ބްރޯންޒް މެޑަލް ހޯދާފައެވެ.
ގިބާ ވަނީ 1995 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާ ހަމައަށް ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެދީފައެވެ.
މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާާ މި އެވޯޑު ހަފުލާގައި ތަފާތު ކުޅިވަރުތަކުގެ އެކި ކުޅުންތެރިންނާ ލެޖެންޑުންގެ އިތުރުން ދުނިޔޭގެ ރެކޯޑް ހޯލްޑަރުން ވެސް ބައިވެރިވާނެކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ. އަދި މިފަހަރުގެ ހަފުލާއަކީ ދުނިޔޭގެ މަޝްހޫރު ކުޅުންތެރިންނާއި އަދި ލެޖެންޑުން ބައިވެރިވާ ފުރަތަމަ ހަފުލާއަށް ވެގެންދާނެއެވެ.
މީގެ ކުރިން ސަރުކާރުން މިފަދަ އެވޯޑެއް ބާއްވާފައިވަނީ 2012 ވަނަ އަހަރެވެ. އެހެންކަމުން މި އަހަރުގެ ހަފުލާއަކީ ގިނަ އަހަރުތަކެއްގެ މެދު ކެނޑުމަކަށްފަހު، ސަރުކާރުން ބާއްވާ ހަފުލާއެކެވެ.