ހަށިގަނޑުގައި ފޮރުވައިގެން، ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރި 2.9 ކިލޯގެ ރަން ދައުލަތަށް ނަގައި، 60،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

އިންޑިއާގެ އަންހެނެއް ކަމަށްވާ ސަޔިދު ތަސްލީމް ނަދީމް ޚާންގެ މައްޗަށް ދައުލަތުން ކުރީ ރާއްޖެ އަށް ސިއްރުން މުދާ އެތެރެކުރުމުގެ ކުށުގެ ދައުވާއެވެ.

އެ ދައުވާގައި ބުނެފައިވަނީ އޭނާ މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު މެންދުރުފަހު ރާއްޖެ އައިތަނުން އޭނާއާ މެދު ޝައްކުވެ އޭނާގެ ލަގެޖާއި ހަށިގަނޑު ޗެކްކުރި އިރު، ހަށިގަނޑުގައި އެއްޗެއް ފޮރުވާފައި ހުރި ކަމަށް ބެލެވިގެން ހައްޔަރުކުރި ކަމަށެވެ.

އޭނާގެ ހަށިގަނޑު އިތުރަށް ޗެކް ކުރުމުން އޭނާ އަޅައިގެން ހުރި ބްރާ އަދި ޖަންގިޔާ ތެރެއިން ޖުމްލަ 1835.2 ގްރާމްގެ ރަން ފެނިފައިވެއެވެ. އަދި އޭނާގެ ފުރަގަސްފަރާތުގައި ފޮރުވައިފައިހުރި ދެ ބުލެޓު ރަން ވެސް އޭނާ ވަނީ ހަވާލުކޮށްފައެވެ.

އޭނާގެ އަތުން ފެނުނު ރަނުގެ ޖުމްލަ ބަރުދަނުގައި 2891.9 ގްރާމު ހުރި ކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

ދައުލަތުން ވަނީ އޭނާ އެތެރެ ކުރި ރަން ދައުލަތަށް ނަގައިދިނުމަށް ކްރިމިނަލް ކޯޓުގައި އެދިފައެވެ.

ސަޔިދު ތަސްލީމް ނަދީމް ޚާން ވަނީ އޭނާ ހަށިގަނޑުގައި ފޮރުވައިގެން ރާއްޖެއަށް ރަން އެތެރެކުރަން މަސައްކަތް ކުރި ކަމަށް ޝަރީއަތުގައި އެއްބަސްވެފައެވެ. އަދި ދައުލަތުން ވަނީ އޭނާއާއެކު އިއުތިރާފުގެ އެއްބަސްވުމެއް ވެސް ހަދައިފައެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި އަވަސް ނިޔާގައި ވަނީ އޭނާ 60،000 ރުފިޔާ އިން ޖޫރިމަނާކޮށް، އެ ފައިސާ ފަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ޙުކުމްކޮށްފައެވެ.

ހަމައެހެންމެ އޭނާ ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި ރަން ދައުލަތަށް ނެގުމަށް ވެސް ޙުކުމުގައިވެއެވެ.

މިދިޔަ ޑިސެންބަރު މަހު، އިންޑިއާ މީހަކު ރާއްޖެ އެތެރެ ކުރަން އުޅުނު ރަންތަކެއް ވެސް ދައުލަތަށް ނަގައި އޭނާ ޖޫރިމަނާކޮށްފައިވެއެވެ.