06 Mar 2022, 13:25
ކްލާސްތައް އޮންލައިން ކުރުމުން ރަޝިއާގައި މިވަގުތު ތިބި ގިނަ ދިވެހި ދަރިވަރުން ރާއްޖެ އައުމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.
ރަޝިއާއިން ޔޫކްރޭނަށް ހަމަލާ ދެމުން ދިޔަ ނަމަވެސް މިހާތަނަށް ރަޝިއާގައި ނުރައްކާތެރި ކަމެއް ނުހިނގައެވެ. ނަމަވެސް ބައެއް ގައުމުތަކުން ރަޝިއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ފައިސާ ނެގުން ފަދަ ބައެއް ކަންކަން ވަނީ އުނދަގޫވެފައެވެ.
ރަޝިއާގައި ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރުމަށް 80 އެއްހާ ދިވެހި ދަރިވަރުން މިހާރު ވެސް އެބަތިއްބެވެ. އެގައުމުގައި ކްލާސްތައް އޮންލައިންކޮށް ބާއްވައިދޭން ޔުނިވާސިޓީތަކުން ކުރިން ދެކޮޅު ހެދިނަމަވެސް ގިނަ ދަރިވަރުންތަކެއް ޕެޓިޝަނެއް ހުށަހެޅުމުން މިހާރު ވަނީ އެފުރުސަތު ދީފައެވެ.
ރަޝިއާގައި މިވަގުތު ހުރި ދިވެހި ދަރިވަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހަށް ބުނިގޮތުގައި، އެ ގައުމުގައި ތިބި 80 ދިވެހިންގެ ތެރެއިން 55 ދިވެހިން ރާއްޖެ އައުމަށް ބޭނުންވެގެން ނަން ނޯޓު ކޮށްފައިވެއެވެ. އެ ދަރިވަރުން ރާއްޖެ އައުމަށްޓަކައި ޓިކެޓް ނަގައި ދެނީ ސަރުކާރުގެ ޚަރަދުގައި ކަމަށް ވެސް އޭނާ ބުންޏެވެ.
"ބޭނުމިއްޔާ އޮންލައިންކޮށް ނޫނީ ކްލާހަށް ހާޒިރު ވެގެން ވެސް ކިޔެވޭ ގޮތަށް ހެދީ. ގިނަ ދިވެހިން ބޭނުން ވަނީ ރާއްޖެ ދާން،" އެ ދަރިވަރު ބުންޏެވެ.
"ފޮރިން މިނިސްޓްރީން ވެސް ބުނަނީ ހާލަތު ގޯސްވުމުގެ ކުރިން ދާން."
ދިވެހި ދަރިވަރުންގެ ތެރެއިން ފުރަތަމަ ގުރޫޕް މިއަދު ފުރަން ހަމަޖެހިފައިވާއިރު އަންނަން ބޭނުންވާ ހުރިހާ ދިވެހިންނަށް މިހަފްތާގައި އާދެވޭ ވަރު ވާނެ ކަމަށް ވެސް އެދަރިވަރު ބުންޏެވެ.
ރަޝިއާގައި ހަނގުރާމަ ނުހިނގި ނަމަވެސް ބޯޑަރު ސަރަހައްދުގައި ހަމަނުޖެހުންތަކެއް ހިނގާކަމަށް ރަޝިއާގެ ނޫސްތައް ބުނާތީ ދިވެހި ދަރިވަރުންގެ ތެރޭގައި ބިރުވެރިކަން އުފެދިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ސަރުކާރުން ވަނީ ޔޫކްރޭންގައި ތިބި ހުރިހާ ދިވެހިންވެސް ރައްކާތެރިކަމާއެކު އެގައުމުން ބޭރުކޮށް، ރާއްޖެ ގެނެސްފައެވެ. އަދި ބެލަރޫސްގައި ކިޔަވާ ދަރިވަރުން ރާއްޖެ ގެނެވޭތޯ ވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރަޝިއާއިން ދަނީ ހުއްޓުމެއްނެތި ޔޫކްރޭނަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެ ހަމަލާތަކުގައި، ޔޫކްރޭނުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ބައެއް ދަރިވަރުން މަރުވެފައިވެއެވެ.