10 Mar 2022, 11:01
ވިލިމާލޭގައި ވަގުތީ ލޯކަލް މާރުކޭޓުގެ ބިންގާ އަޅާފައިވާ ސަރަހައްދާމެދު ރައްޔިތުން ހިތްހަމަ ނުޖެހޭތީ، އެހެން ތަނެއްގައި މާރުކޭޓް އަޅަން ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ވިލިމާލޭ ވަގުތީ މާރުކޭޓްގެ ބިންގާ އަޅާފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހެވެ. އެ ބިންގާ އެޅީ، ވިލިމާލޭ ބަނދަރާއި ސިއްހީ މަރުކަޒާ ކައިރީގައި އޮންނަ ބިމެއްގައެވެ.
ވަގުތީ މާރުކޭޓްގެ ބިންގާ އެޅުއްވުމަށްފަހު މާލޭ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އަންނަ ރޯދަމަހަށް މާރުކޭޓް ނިންމުމަށް އަމާޒު ހިފާފައިވާކަމަށެވެ.
ނަމަވެސް ވިލިމާލޭ އާންމުން ވަނީ، އެތަނުގައި މާރުކޭޓް އަޅަން ބޭނުން ނުވާ ކަމަށް ބުނެ މުޒާހަރާ ކޮށްފައެވެ.
މިކަމާ ގުޅިގެން، ރޭ މާލެ ސިޓީ ކައުންސިލުން ވަނީ ވިލިމާލޭ ރައްޔިތުންނާ ބައްދަލު ކޮށްފައެވެ.

ސިޓީ ކައުންސިލްގެ ފަރާތުން ރޭ ވިލިމާލޭ ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ ތެރެއިން -- ފޮޓޯ/ ވިލިމާލޭ ކައުންސިލް
ވިލިމާލޭގައި ހުންނަ މުޙިއްޔުއްދީން ސްކޫލުގައި ކުރިއަށްގެންދިޔަ އެ ބައްދަލުވުމުގައި، މާރުކޭޓް އަޅަން ހަމަޖެހިފައިވާ ބިމާމެދު ހިތްހަމަނުޖެހުން ފާޅުކުރީ ޒުވާނުންނާއި، އެސަރަހައްދުގައި ދިރިއުޅޭ މީހުން ކަމަށް މާލެ ސިޓީ ކައުންސިލްގެ ވިލިމާލޭ ކައުންސިލަރު ނަހުލާ ޢަލީ ވިދާޅުވިއެވެ.
ދުއިސައްތައަށް ވުރެ ގިނަ މީހުން ބައިވެރިވި އެ ބައްދަލުވުމާ ގުޅޭގޮތުން "ސަން" އަށް މައުލޫމާތު ދެއްވަމުން ނަހުލާ ވިދާޅުވީ، ވަގުތީ މާރުކޭޓް އެޅުމަށް މިހާރު ހަމަޖެހިފައި ވަނީ، ވިލިމާލޭ ފެރީ ޓާމިނަލްއާ ޖެހިގެން އޮތް، ޑައިނަމޯ ރެސްޓޯރެންޓު ކުރިން ހުރި ބިމުގައި ކަމަށެވެ.
"ރައްޔިތުންގެ އިހުސާސާ އެއްގޮތަށް، ވަގުތީ ލޯކަލް މާރުކޭޓްގެ ލޮކޭޝަން ވާނީ ބަދަލު ކުރެވިފަ. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުން އެދޭ ގޮތަށް،" ނަހުލާ ވިދާޅުވިއެވެ.
ރޯދަމަސް އަންނަން ދެން އޮތީ ކުޑަ ދުވަސްކޮޅަކަށް ވުމުން ވަގުތީ ލޯކަލް މާރުކޭޓް ރޯދައަށް ނުނިމޭނެތީ، ދެ މަސް ދުވަހަށް ޓެންޓު ޖަހައިގެން މާރުކޭޓް ހިންގުމަށް ހަމަޖައްސާފައިވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.
"ދާއިރާގެ ކައުންސިލަރުގެ ހައިސިއްޔަތުން، ވިލިމާލޭ ރައްޔިތުންނަށް މާރުކޭޓްގެ ޚިދުމަތް ލިބި، ފަސޭހަ ގޮތް އަޅުގަނޑު ވަރަށް ބޭނުން. ވަގުތީ ލޯކަލް މާރުކޭޓްގެ އާ ލޮކޭޝަންގެ މަސައްކަތް ރޯދައަށް ނިމޭތޯ މަސައްކަތް ކުރި ނަމަވެސް [ނުނިމޭނެތީ] މާލެ އެކޭ އެއްގޮތަށް ޓެންޓް ތަކެއް ޖަހައިގެން ރޯދައަށް، އިރާދަކުރެއްވިއްޔާ ވިލިމާލޭގަ ލޯކަލް މާރުކޭޓްގެ ޚިދުމަތް ފޯރުކޮށްދޭނަން،" ނަހުލާ ވިދާޅުވިއެވެ.
ޓެންޓުތައް ޖެހުމަށް ހަމަޖެހިފައި ވަނީ ވިލިމާލޭގެ މައި މަގުގައެވެ.