މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ)، ނެގުމަށް ފަހު ނުދައްކާ ވިޔަފާރިވެރިންގެ މައުލޫމާތު މި މަހުގެ 29 ގައި އާންމު ކުރާނެ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މީރާގެ އޮފިޝަލަކު ވިދާޅުވީ ޖީއެސްޓީ ދެއްކުމަށް ހުޅުވާލި މުއްދަތުގައި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް މީރާގެ އޮފީހުގައި އާންމުކޮށް ފެންނަ ގޮތަށް ބަހައްޓާއިރު އެ ނަންތައް 29 ވަނަ ދުވަހުގެ ރޭން ފެށިގެން މީރާގެ ވެބްސައިޓުން ވެސް ފެންނާނެ ކަމަށެވެ.

ޖީއެސްޓީގެ ފުރަތަމަ ޕޭމަންޓް ދެއްކުން ޖެނުއަރީ 29 ގައި ހަމަވެފައިވާއރު 600 އަށް ވުރެ ގިނަ ފަރާތުން އެ ފައިސާ ނުދައްކަ އެވެ. އޮފިޝަލް ވިދާޅުވީ ލިސްޓް އާންމުކުރުމުގެ ކުރިން އެ ފަރާތްތަކަކީ ޖީއެސްޓީ ދައްކަންޖެހޭ ފަރާތްތައްތޯ ބަލާ ޗެކް ކުރަމުން އަންނަ ކަމަށާއި އަދި އެ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާން ކޮށްދެމުން އަންނަ ކަމަށެވެ.

"އެއީ ބައެއް ފަރާތްތަކަކީ ރަޖިސްޓްރީކޮށްފައި ހުއްޓަސް މިހާރު ވިޔަފާރި ނުކުރާ ފަރާތްތައް ކަމަށް ވެދާނެ. އެކަންވެސް ގުޅައިގެން އީމެއިލްއިން މެދުވެރިކޮށް ބަލަމުން މިދަނީ. އަދި ޖީއެސްޓީ ދައްކަން އެބަ ހަނދާންވެސް ކޮށްދެވޭ. ލިސްޓް ނެރުމުގެ ކުރިން އެ ނަންތައް ސައްހަކުރުން ކުރިއަށް ދަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ނަމަވެސް ޖީއެސްޓީ ފައިސާ މިހާރު ބަލައިގަންނަނީ ޖޫރިމަނާއާއި އެކު ކަމައްވެސް އެ އޮތޯރިޓީން ބުންޏެވެ. އޮފިޝަލް ވިދާޅުވީ ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ލިސްޓު އާންމު ކުރިނަމަވެސް ޖީއެސްޓީ ފައިސާ ދައްކާ ފަރާތްތަކުގެ ނަން އެ ލިސްޓުން އުނިކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ލިސްޓު އަޕްޑޭޓް ކުރަމުން ދާނީ،" އޮފިޝަލް ވިދާޅުވި އެވެ.

މީރާއިން ބުނީ ޖީއެސްޓީ ނުދައްކާ ވިޔަފާރިތަކުގެ ނަމާއި އެ ވިޔަފާރިއެއް ރަޖިސްޓްރީ ކޮށްފައިވާ މީހެއްގެ ނަމާއި ވިޔަފާރީގެ ބާވަތް އާންމުކުރާނެ ކަމަށެވެ.