އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓާއި، ހޯމް އިމްޕްރޫވްމަންޓް ފިހާރައިގައި ވިއްކާ އިލެކްޓްރޯނިކްސްގެ ބާވަތްތައް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށް އެ ފިހާރަތަކުގެ އޭޖެންޓުންގެ ޚިދުމަތް މިއަދު ތައާރަފުކޮށްފިއެވެ.

މިއަދު ވަނީ އޭޖެންޓުންގެ ގޮތުގައި ރެޖިސްޓާވި 155 އޭޖެންޓުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްފައެވެ. އޭޖެންޓުންނަށް ލިޔުން ހަވާލުކޮށްދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު އަހްމަދު ޝިފާނެވެ.

މި ހަފުލާގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރު މުޙައްމަދު ރަޝާދު ވިދާޅުވީ މީގެ ކުރިން ވެސް އެ ކުންފުނިން ކާޑުގެ ވިޔަފާރިގަޔާއި، ކޮންސްޓްރަކްޝަން ވިޔަފާރީގައި ވެސް އޭޖެންޓުންގެ ބޭނުން ހިފި ކަމަށެވެ. އަދި އެ ކަމުގެ ސަބަބުން އެ ވިޔަފާރިތަކަށް އިތުރު ފަސޭހަތަކެއް ލިބުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އޭޖެންޓުން ތައާރަފުކުރުމުގެ ތެރެއިން --- ސަންފޮޓޯ/ ނާއިލް ޙުސައިން

"މިކަމުގެ ސަބަބުން އޮޑިދޯނި ފަހަރުގެ ނާލަށް ވެސް އެބަ ލުޔެއް ލިބޭ. އެއީ ބޭސް ކާގޯއެއް އެބަލިބޭ. ގުދަނުން ފެށިގެން ރަށްރަށުގެ ޖެޓީއާއި ހަމައަށް ނާލު އަޅުގަނޑުމެން މި ދެނީ" އަމްރު ވިދާޅުވިއެވެ.

އޭޖެންޓުންގެ ފަރާތުން ވާހަކަދައްކަމުން ދ.ކުޑަހުވަދޫ ބަންކާ ފިހާރައިގެ ވެރިޔާ ޙުސައިން ޙަމްދީ ބުނީ އެސްޓީއޯގެ ވިޔަފާރި ރައްޔިތުންނާއި އިތުރަށް ކައިރިވުމަކީ އެތައް ފަސޭހައެއް ލިބޭނެ ކަމެއް ކަމަށެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އޭޖެންޓުން ތައާރަފުކުރުމުގެ ތެރެއިން --- ސަންފޮޓޯ/ ނާއިލް ޙުސައިން

އަދި ކުރިއަށް އޮތްތަނުގައި މިހާރަށްވުރެ ވެސް ފަސޭހަ މަގުތަކެއް ފަހިވާނެކަމަށް އުންމީދުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

މިހާރުވެސް އެސްޓީއޯގެ ކާޑު އޭޖެންޓުންގެ ގޮތުގައި 256 ފަރާތަކުން އެބަ ހަރަކާތްތެރިވެއެވެ. އަދި ކޮންސްޓްރަކްޝަން އޭޖެންޓުންގެ ގޮތުގައި 56 ވިޔަފާރިއެއް ވަނީ ރަޖިސްޓާ ކޮށްފައެވެ.