ވޮޝިންޓަން (6 މާޗް 2022) : ޔުކްރޭން ހަނގުރާމައިގާ އެގައުމުގެ ރައީސް ވްލިޑިމީރު ޒިލިންސްކީ އަވަހާރަވުމުގެ ފުރުސަތު ބޮޑުކަމަށް އެމެރިކާގެ ޖާސޫސީ މައުލޫމާތު ތަކުން ހަމަވާތީ އެފަދަ ހާލަތެއްގައި ޔުކްރޭންގެ ރައީސަކަށް އެމެރިކާއަށް އިތުބާރު ކުރެވޭ އެހެން ބޭފުޅަކު އިޚްތިޔާރު ކުރުމުގެ މަސައްކަތް އެމެރިކާއިން ފަށައިފިއެވެ.

ޔޫރަޕްގެ ބައެއް ސަރުކާރުތަކާ ގުޅުންހުރި މަސްދަރުތަކާ ހަވާލާދީ އެމެރިކާގެ މަޝްހޫރު ނޫހެއްކަމަށްވާ "ނިޔުޔޯކް ޓައިމްސް" އިން ބުނިގޮތުގައި ޔުކްރޭން ހަނގުރާމަ ދިގުލައިގެން ހިނގައިދާނެއެވެ. އަދި މިހަނގުރާމައިގެ ތެރޭގައި ރަޝިއާގެ ހަމަލާއެއްގައި ނޫނީ ރަޝިއާގެ ޖާސޫސީ އިދާރާއިން ރާވައިގެން ނަމަވެސް ޒިލިންސްކީ އަވަހާރަ ކޮށްލުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ޒިލިންސްކީ އަވަހާރަވުމުގެ އިތުރުން ރަޝިއާއިން އޭނާ ހައްޔަރުކުރުމަކީވެސް ދުރުކަމެއް ނޫންކަމަށް ޖާސޫސީ މައުލޫމާތުތަކުގެ އަލީގައި އެމެރިކާ ސަރުކާރަށް ގަބޫލުކުރެވޭކަމަށް ވެއެވެ.

އިސްރާއީލާ ގާތްގުޅުންތަކެއް އޮންނަ ޔުކްރޭންގެ ޔަހޫދީ އެއްކަމަށްވާ ޒިލިންސްކީ އަވަހާރަކޮށްލުމަށް ރަޝިއާއިން ތިން ފަހަރެއްގެ މަތިން މަސައްކަތްކޮށްފައިވާ ކަމަށް ޔުކްރޭނުން ބުނެފައިވެއެވެ. ނަމަވެސް ރަޝިއާ މިކަން ދޮގު ކުރެއެވެ .

ޒިލިންސްކީ އަށްފަހު ޔުކްރޭންގެ ވެރިކަމަށް ގެންނަން އެމެރިކާ ބޭނުންވަނީ އޭނާ ފަދަ އެމެރިކާއަށާއި ޔޫރަޕަށް ވަފާތެރި އަދި ރަޝިއާގެ ކުރިމަތީގައި ފަހަތަށް ނުޖެހޭ ކެރޭ ލީޑަރެއް ކަމަށްވެއެވެ. ޔުކްރޭންގެ އިސްވެރިންގެ ތެރެއިން މި ސިފަތައް ހުރި ބޭފުޅުންގެ ޕްރޮފައިލްތަކާއި އެ ބޭފުޅުންގެ މިހާރާއި މާޒީގެ ސުލޫކާއި ނަފްސާނީ ހާލަތާއި ރައްޔިތުންގެ ތާއީދު އޮތްމިންވަރު އަންދާޒާ ކުރުމުގެ މަސައްކަތް އެމެރިކާއިން ވަރަށް ބާރަށް ކުރިޔަށްގެންދާކަމަށް "ނިޔުޔޯކް ޓައިމްސް" ބުނެއެވެ.

ރަޝިއާއިން ޒިލިންސްކީ ސިފަކުރަނީ ރަޝިއާގެ ގައުމީ މަސްލަހަތަށް ނުރައްކާ ކުރުމަށް އެމެރިކާއާއި ނޭޓޯ އުފައްދާފައިވާ އެޖެންޓެއްގެ ގޮތުގައެވެ. އޭނާއަކީ ރަޝިއާއާ ދެކޮޅަށް ޓޫލެއްގެ ގޮތުގައި ޔުކްރޭން ބޭނުންކުރުމަށް އެމެރިކާއިން ތައްޔާރުކޮށް ހުޅަނގުގެ ފައިސާގައި ކެމްޕޭން ކޮށްދީގެން ޔުކްރޭންގެ ވެރިކަމަށް ގެނަސްފައިވާ ބޭފުޅެއްގެ ކަމަށް ރަޝިއާއިން ބުނެއެވެ.

މިހާރު ހިނގާ ހަނގުރާމައިގާ އެމެރިކާ ޔުކްރޭނަށް އެހީވަނީ ޔުކްރޭން ރައްޔިތުންނަށް ހެޔޮއެދިގެން ނޫންކަމާއި އެމެރިކާ ޔުކްރޭންގެ ބޭނުން ހިފަނީ އެމެރިކާއާއި ނޭޓޯގެ މަސްލަހަތަށް ކަމަށް ވެސް ރަޝިއާއިން ތުހުމަތު ކުރެއެވެ. އެހެންނޫންނަމަ ބަނޑުދަށުގައި އޮތް އާއިލީ ގުޅުންތައް ބޮޑު ރަޝިއާ ދެކޮޅަށް ދުނިޔޭގެ އަނެއް ބިތުގައި އޮތް އެމެރިކާއާ ގުޅިގެން ރަޝިއާގެ ގައުމީ މަސްލަހަތަށް ގެއްލުންވާގޮތަށް ޔުކްރޭންގެ ރައީސް ޒިލިންސްކީގެ ސިޔާސަތު ބައްޓަން ކުރަން އެމެރިކާ އޭނާއަށް ބާރުނޭޅީސްކަމަށް ރަޝިއާ ބުނެއެވެ.

ޒިލިންސްކީ އަވަހާރަވެދާނެކަމަށް ބަލައި އޭނާގެ ބަދަލުގައި އެހެން ބޭފުޅަކު ޔުކްރޭންގެ ވެރިކަމަށް އިޚްތިޔާރުކުރަން އެމެރިކާ މަސައްކަތް ކުރުމުގެ އިތުރުން ރަޝިއާއިން ޔުކްރޭން ހިފާނެކަމަށް ބަލައި ޔުކްރޭނުން ބޭރުގައި ހަރަކާތްތެރިވާ (ގަވަންމަންޓް އިން އެކްސައިލް) އެއް އުފެއްދުމާބެހޭ ދިރާސާތައްވެސް އެމެރިކާ ކުރަމުން ގެންދާކަމަށް އެމެރިކާގެ އެހެން ނޫހެއްކަމަށްވާ "ވޮޝިންޓަން ޕޯސްޓް" ބުނެއެވެ.

އެނޫސް ބުނާގޮތުން ރަޝިއާގެ ހަމަލާތަކާ ގުޅިގެން ޒިލިންސްކީއަށް އަށްވެސް ޔުކްރޭނުން ބޭރުވާންޖެހުމަކީ ވަރަށް ގާތްކަމެކެވެ. މިފަދަ ހާލަތެއްގައި އޭނާގެ ސަރުކާރު ހިންގަންޖެހޭނެ ކަމަށް އެމެރިކާ ދެކެނީ ޔުކްރޭނާ އަވަށްޓެރި ގައުމެއް ކަމަށްވާ ޕޮލެންޑްގައެވެ.

ޔުކްރޭން ހަނގުރާމައިގާ މިފަދަ ހުރިހާ ސެނާރިއޯ ތަކެއް ދިރާސާކޮށް އެފަދަ ކޮންމެ ޕޮސިބިލިޓީއަކަށް ކުއްލި ހާލަތުގެ ޕްލޭންތައް އެމެރިކާ ރާވަމުންދާކަމަށް "ވޮޝިންޓަން ޕޯސްޓް" ބުނެއެވެ.

ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން ވިދާޅުވަނީ ރަޝިއާއިން އެގައުމުގެ މަގްސަދުތައް ހާސިލް ނުވަނީސް، ޔުކްރޭނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަން ހުއްޓާނުލާނެ ކަމަށެވެ. ރަޝިއާގެ މަގްސަދަކީ ޔުކްރޭނަކީ ރަޝިއާއާ ކުރިމަތިލުމަށް އެމެރިކާއާއި ނޭޓޯ ބޭނުންކުރާ ޓޫލަކަށް ވިޔަ ނުދިނުމެވެ. މިކަމަށްޓަކައި ޔުކްރޭން ޑިމިލިޓިރައިޒް ކޮށް އަސްކަރީ ބާރުނެތް އަދި ވަކި ކޮޅަކަށް ނުޖެހޭ ނިއުޓްރަލް ގައުމަކަށް ހަދަންޖެހޭކަމަށް ރަޝިއާ ބުނެއެވެ.

އަދި ޔުކްރޭންގެ ރަޝިއާ ދަރިކޮޅުގެ މީހުންގެ ހައްގުތައް ހިމާޔަތްކޮށްދޭ އަދި އެމީހުންނަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ އަދި ކްރައިމިޔާއަކީ ރަޝިއާގެ ތަނެއްކަމަށް ގަބޫލުކުރާ ސަރުކާރެއް ޔުކްރޭންގައި އޮންނަންޖެހޭކަމަށްވެސް ރަޝިއާ ބުނެއެވެ.