21 Jul 2010, 11:10
14:30
ކ. މާފުށީ ޖަލުގެ މިހާރުގެ ހާލަތު ބަޔާންކޮށް، މަޢާފް ދިނުމާއި އަދަބު ލުކޮށްދިނުމާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ދުއިސައްތަ އަށް ވުރެ ގިނަ ގައިދީން ސޮއިކޮށް ފޮނުވި ޕެޓިޝަން، ފޮނުވާފައި ވަނީ ގަވާއިދާ އެއްގޮތަށް ނޫން ކަމަށް ބުނެ، ރައީސް އޮފީހުން އެ ޕެޓިޝަން ބަލައިނުގަނެ އަނބުރާ ފޮނުވާލައިފި އެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ 236 ގައިދީން ސޮއިކޮށް ރައީސް ނަޝީދަށް ފޮނުވި އެ ޕެޓިޝަން ބަލައިނުގަތް ފޮނުވާލާފައިވަނީ އެކަން ކުރަން އޮންނަ އުސޫލާ ޚިލާފަށް އެ ޕެޓިޝަން ފޮނުވާފައިވާތީ ކަމަށާއި އެއްވެސް ގައިދީއަކު ފޮނުވި ޕެޓިޝަނެއް ރައީސް އޮފީހުން ބަލައިގަތްފައި ނުވާނެ ކަމަށެވެ. އަދި ގައިދީން ބަލަހައްޓަމުން އަންނަ ޑީޕީއާރުއެސް މެދުވެރިކޮށް އެކަން ކުރެވެން ވަރަށް ފަސޭހައިން އޮއްވާ ގައިދީންގެ ލިޔެކިޔުންތަކެއް މާލެތެރެއަށް ލީކުވެ، ގަވާއިދާ ޚިލާފަށް އެހެން ފަރާތަކުން އެ ޕެޓިޝަން ރައީސް އޮފީހަށް ހުށަހެޅުމުން ބަލައިނުގަތީ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން މިއަދު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޑީއާރުޕީގެ ޒުވާނުންގެ ގޮފީގެ ރައީސް އަހުމަދު މަޚްލޫފު މިއަދު ވިދާޅުވީ ޖަލުގެ ހާލަތު ކުރިއަށް ވުރެ ދަށްވެފައި ވާތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް އެމައްސަލަ ހުށަހަޅާނެ ކަމަށް ވިދާޅުވެފަ އެވެ.