އިސްތަށިގަނޑަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައެއް ޚާއްޞަ ސަމާލުކަމެއް ދީގެން ނުހަނު ލޯބިން ގެންގުޅޭ އެއްޗެކެވެ. އެގޮތުން، އެމީހެއްގެ އިސްތަށިގަނޑާ އެންމެ ގުޅޭ އަގުބޮޑެތި ޝޭމްޕޫ ބޭނުންކުރުމާއި، އިސްތަށިގަނޑަށް ގެއްލުން ލިބޭފަދަ ކަންކަމުން ދުުރުހެލިވެއެވެ.

ނަމަވެސް އަހަރުމެންގެ ތެރެއިން ގިނަ މީހުންނަށް ނޭނގޭ އެއްކަމަކީ ނިދަން އޮވެވޭ ގޮތުގެ ސަބަބުންވެސް އިސްތަށިގަނޑަށް ގެއްލުން ލިބޭކަމެވެ. އެގޮތުން:

1. ރަނގަޅަށް އިސްތަށިގަނޑު ނުހިއްކާ ނިދުން

ބައެއް ދުވަސް ދުވަހު މޭކަޕް ފިލުވައިލުމުގެ ހަކަތަވެސް އަހަރުމެންގެ ކިބައިގައި ނުހުރެއެވެ. ހަމަ އެފަދައިން މާ ބޮޑަށް ވަރުބަލިވެފައިވާ ދުވަސްތަކުގައި އިސްތަށިގަނޑު ހިއްކާލުންވެސް ބޮޑުކަމަކަށްވެއެވެ.

ނަމަވެސް، ތެތް އިސްތަށިގަނޑަކާ އެކު ނިދުމަކީ ކޮންމެސް ވަރެއްގެ ގެއްލުންތަކެއް އިސްތަށިގަނޑަށް ލިބޭ ކަމެކެވެ. އެގޮތުން، އިސްތަށިގަނޑު ތެތްކަން މަތީގައި ހުންނަ ވަގުތުކޮޅަކީ އިސްތަށިގަނޑު ނާޒުކުވެފައި ހުންނަ ވަގުތަކަށްވާއިރު، ނިދުމުގެ ތެރޭގައި ފުރޮޅޭ ވަގުތުގައި ވަކި އިސްތަށިތަކަށް ގެއްލުންތަކެއް ވާނެއެވެ.

2. ނިދާ ވަގުތުގައި އިސްތަށިގަނޑުގައި ހުޅި ޖެހުން

ދިގު އިސްތަށިގަނޑެއް ހުންނަ ނަމަ، ނިދުމަށް ދިއުމުގެ ކުރިން އިސްތަށިގަނޑުގައި ހުޅިއެއް ޖެހުމަކީ ބައެއް މީހުންގެ އާދަައެކެވެ. އަދި ދުވާލުގެ ގިނަ ވަގުތުގައިވެސް އިސްތަށިގަނޑު އައްސައިގެން އުޅެވޭފަހަރު ގިނައެވެ.

ނަމަވެސް، އިސްތަށިގަނޑަށް ލުޔެއް ނުލިބޭ ގޮތަށް އިސްތަށިގަނޑު އައްސާފައި ހުރުުމަކީ އިސްތަށިގަނޑަށް ގިނަ ގެއްލުންތައް ލިބޭ ކަމެކެވެ. އެގޮތުން އިސްތަށިގަނޑު ބަލިކަށިވެ، އިސްތަށި ފޭބުންފަދަ މައްސަލަތައް ދިމާވެއެވެ.

އިސްތަށިގަނޑު ރަނގަޅު ސިއްޙަތެއްގައި ބަހައްޓަން ބޭނުންނަމަ، އެންމެ ރަނގަޅު ގޮތަކީ ނިދާވަގުތުުގައި އިސްތަށިގަނޑު ދޫކޮށްލައިގެން ނިދުމެވެ.

3. އިސްތަށިގަނޑުގައި ފުނާ ނާޅާ ނިދުން

ކޮންމެ ދުވަހެއްގެ ހެނދުނު އިސްތަށިގަނޑު ހުރީ އެންމެ ފުރިހަމައަށްތޯ ބެލުމަށް ގިނަ ވަގުތު ހޭދަކުރެއެވެ.

ހަމަ އެފަދައިން، ނިދުމުގެ ކުރިންވެސް އިސްތަށިގަނޑުގައި ފުނާ އެޅުމަކީ މުހިންމުކަމެކެވެ. އެގޮތުން، އިސްތަށިގަނޑުގައި ޖެހިފައި ހުންނަ ގޮށްތައް ފިލުވުމަކީ ބޮލުގެ ހަންގަނޑުގައި އުފެދޭ ގުދުރަތީ ތެޔޮތައް މުޅި އިސްތަށިގަނޑުގައި ހަމަހަމަ ގޮތެއްގައި ފެތުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

އެހެންކަމުން އިސްތަށިގަނޑު ވަރުގަދަކުރުމަށް ޓަކައި މިފަދަ ކަންކަމަށް ސަމާލުކަން ދިނުން މުހިންމެވެ.