06 Mar 2022, 09:34
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހަމް ޔުނައިޓެޑް ބަލިކޮށް ލިވަޕޫލުން ލީގު ރޭހުގައި ސިޓީގެ ފަހަތު ވިއްދައިފިއެވެ.
ލިވަޕޫލްގެ އެންފީލްޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ފުރަަތަމަ މިނެޓުގައި މުޙައްމަދު ސަލާހު ފޮނުވާލި ހަމަލާ ވެސްޓް ހަމް ޔުނައިޓެޑްގެ ކީޕަރު ވަނީ މަތަކޮށްފައެވެ.
ލިވަޕޫލްގެ ހަމައެކަނި ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި އެލެކްސެންޑާ އާނޯލްޑް ދިން ބޯޅައަކުން ކާމިޔާބުކުރީ ސާޑިއޯ މާނޭ އެވެ. އެއީ އޭރިޔާ ބޭރުން އާނޯލްޑް ފޮނުވާލި ބޯޅައެއް ވެސްޓް ހަމްގެ ޑިފެންޑަރެއްގެ ކައިރިން މާނޭ ގޯލަށް ފޮނުވާލި ބޯޅައެކެވެ.
މެޗުގެ 31 ވަނަ މިނެޓުގައި ލިވަޕޫލްގެ ލުއިޒް ޑިއާޒްއަށް ކުރި ފައުލަކާ ގުޅިގެން ވެސްޓް ހަމްގެ އޭރިޔާ ކައިރިން ނުރައްކާތެރި ހިސާބަކުން ލިވަޕޫލަށް ހިލޭ ޖެހުމެއް ލިބުނެވެ.
ލިވަޕޫލްގެ ހިލޭ ޖެހުމުގައި ޓްރެންޓް އެލެކްސެންޑާ އާނޯލްޑް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
ގާތް ގާތުގައި ވެސްޓް ހަމްއިން ދެ ހަމަލާއެއް އުފެއްދި ނަމަވެސް، ލިވަޕޫލްގެ ޑިފެންޑަރުން ވަނީ އެ ދެ ހަމަލާ ހުއްޓުވާފައެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެސް ލިވަޕޫލުން ވަނީ އިތުރު ހަމަލާތަކެއް އުފައްދާފައެވެ.
ދެ ވަނަ ހާފު ފަށައިގެން ލިވަޕޫލްގެ ސަލާހު އަދި މާނޭ ހަމަލާތަކެއް އުފެއްދި ނަމަވެސް އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ލިވަޕޫލް ދެ ވަނައިގައި އޮތީ ޖުމުލަ 63 ޕޮއިންޓާއެކުއެވެ. އެއް ވަނައިގައި ސިޓީ އޮތީ 66 ޕޮއިންޓާއެކުއެވެ. ލީގުގައި މިރޭ ސިޓީއިން ނިކުންނާނީ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ. މެޗުން މޮލުވެ ލީޑު ފުޅާކުރުމުގެ ފުރުސަތު ސިޓީއަށް އެބައޮތެވެ. ލީގު ތާވަލްގެ ތިން ވަނައިގައި ޗެލްސީ އޮތް އިރު، ހަތަރު ވަނައިގައި އޮތީ ޔުނައިޓެޑެވެ.
ލީގުގައި ރޭ ކުޅުނު އެހެނިހެން މެޗުތަކަށް ބަލާއިރު، ކްރިސްޓަލް ޕެލޭސް އިން ވަނީ 2-0 އިން ވޮލްސް ބަލިކޮށްފައެވެ. ބްރެންޓްފޯޑުން ވަނީ 3-1 ގެ ނަތީޖާއަކުން ނޯވިޗް ސިޓީ ބަލިކޮށްފައެވެ.