06 Mar 2022, 00:03
ވިޔަފާރިތަކަށް އެހީތެރިވުމުގެ އަމާޒުގައި މިދިޔަ ޖަނަވަރީ މަހު ތައާރަފްކޮށްފައިވާ ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ.
ބީއެމްއެލްގެ ސްޓާޓަޕް ގްރާންޓަކީ އުފެއްދުންތެރި ވިޔަފާރިތަކަށާއި ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ނެރުމުގެ އިތުރުން އަލަށް ފަށާ ވިޔަފާރިތަކަށް އެހީތެރިވުމުގެ އަމާޒުގައި މިދިޔަ ޖަނަވަރީ މަހު ތައާރަފުކުރި އެހީ އެކެވެ.
އެ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ހަތަރު ވިޔަފާރިއެއް ފެށުމަށް ކޮންމެ ވިޔަފާރިއަކަށް 500،000 ރުފިޔާ ދިނުމަށް ނިންމާފައިވާކަމަށް އެ ބޭންކުން ބުނެއެވެ. އަދި އެ އެހީ އަކީ އަނބުރާ ދައްކަން ނުޖެހޭނެ އެހީއެއްކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ މި އެހީއަކީ ކޮންމެ ދާއިރާއަކުންވެސް ވިޔަފާރި ފަށަން ބޭނުންވާ އާންމު ފަރުދުންނަށާއި ރަޖިސްޓްރީ ކުރި ފަހުން އެއް އަހަރު ވެފައި ނުވާ ވިޔަފާރިތަކަށް ހުޅުވާލެވިފައިވާ ފުރުސަތެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އެދުމަކީ ކަނޑައަޅާފައިވާ ސުންގަޑީގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހެޅުން. ހުށަހަޅަން ޖެހޭ ލިޔުންތަކުގެ ތަފްސީލް ވެބްސައިޓްގައި ހިމެނިފައިވާނެ،" ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސަޢީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބިޒްނަސް ޕްލޭންތަކުގެ ތެރެއިން އެންމެ ރަނގަޅު ދިހަ ޕްލޭން ހޮވައި އެ ޕްލޭންތަކަށް ޕްރެޒެންޓޭޝަން ހުށަހެޅުމަށް ފުރުސަތު ދެވިގެންދާނެކަމަށެވެ. އަދި އޭގެ ތެރެއިން އެންމެ ރަނގަޅު ހަތަރު ޕްރެޒެންޓޭޝަނެއް ހޮވައި ބީއެމްއެލްގެ ފަރާތުން ދޭ ހިލޭ އެހީ ދެވިގެންދާނެކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ.
ބީއެމްއެލް އިން ބުނީ ސްޓާޓަޕް ގްރާންޓަށް އެދި ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތަފުސީލު އެ ބޭންކުގެވެބްސައިޓްއިން ލިބެން ހުންނާކަމަށެވެ.
އެ އެހީ ދުނުމގެ ބޭނުމަކީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އުފެއްދުންތެރި ވިޔަފާރިތަކަށާއި ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ނެރުމަށާއި އަލަށް ފަށާ ވިޔަފާރިތަކަށް އެހީތެރިވުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.