ކާބުލް (މާޗް 15) : އެމެރިކާގެ ދިފާޢީ ވަޒީރު ލިޔޮން ޕެނެޓާ އިއްޔެ އަފްޣާނިސްތާނަށް ވަޑައިގެންނެވި ވަގުތު ގޮތްނޭންގޭ ކާރުއެކްސިޑެންޓެއް ހިނގިކަން ޕެންޓަގަން އިން ކަށަވަރުކޮށްދީފިއެވެ.

ޕެންޓަގަންގެ ތަރްޖަމާން ޖޯޖް ލިޓެލް ވިދާޅުވީ ޕެނެޓާ އަފްޣާނިސްތާނަށް ކުރެއްވި ދަތުރުފުޅުގައި އަފްޣާން ޢަސްކަރީ ވައިގެ ބޭހަކަށް އޭނާގެ މަތިންދާބޯޓު ތިރިކުރި ވަގުތު ގޮތްނޭންގޭ ކާރެއް އެބޭހުގެ ރަންވޭމައްޗަށް ކުއްލިއަކަށް އައިކަމަށާ މިޙާދިސާގައި ޕެނެޓާގެ ބޯޓާއި އެކާރު ޖެހި އެއްވެސް ވަރަކަށް އެކްސިޑެންޓް ނުވާކަމުގައެވެ.

ރަންވޭމައްޗަށް ކުއްލިއަކަށްއެރި ކާރުގޮވައި އޭގައި އަލިފާންރޯވުމުގެ ސަބަބުން ޕެނެޓާއަށް ކުއްލި ސިހުމެއްލިބުނުކަމަށް ބުނާ މީޑިޔާ ރިޕޯޓްތައް ލިޓެލް ދޮގުކުރެއްވިއެވެ. ރަންވޭމައްޗަށްއެރި ކާރުގައި އަލިފާންރޯނުވާ ކަމަށާއި އެކާރު ގޮވާފައިނުވާ ކަމަށްވެސް ޕެންޓަގަންގެ ތަރްޖަމާން ޖޯޖް ލިޓެލް ވިދާޅުވިއެވެ.

ލިޓެލްއަކީ ޕެނެޓާއާއެކު އަފްޣާނިސްތާނަށް ވަޑައިގެނެވި ބޭފުޅެކެވެ. ލިޓެލްވިދާޅުވީ މިކާރަކީ އަފްޣާން ރައްޔިތަކު އެމެރިކާގެ ޢަސްކަރީ ބޭހަކުން ވަގަށްނެގި ކާރެއްކަން ފަހުން ހާމަވެފައިވާ ކަމުގައެވެ. މިކާރުގެ ޑްރައިވަރުގެ މަޤްސަދް ސާފުނުވާކަމަށްވެސް ލިޓެލް ވިދާޅުވިއެވެ. އަފްޣާން މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ރަންވޭމައްޗަށްއެރި ކާރު ދުއްވަންއިންމިހާ މަސައްކަތްކުރީ ޕެނެޓާގެ ބޯޓުގައި ޖައްސައި އެކްސިޑެންޓް ކޮށްލައިގެން އޭނާ އަވަހާރަކޮށްލުމަށް ނޫނީ ޒަޚަމް ކޮށްލުމަށެވެ.

މިކަން ހިނގާފައިމިވަނީ އެމެރިކާ ސިފައިން ގަސްދުގައި އަފްޣާން އާންމުންނަށް އަމާޒުކޮށް ބިރުވެރި ޤަތްލު އާންމުތަކެއް ހިންގަމުން ގެންދާ ދަނޑިވަޅެއްގައެވެ. މިހަފްތާގެ ކުރީކޮޅު އެމެރިކާ ސިފައިންގެ މީހަކު އަފްޣާން ރައްޔިތުންގެ ގެދޮރަށް ހަތިޔާރާއެކުވަދެ ގޮތެއްފޮތެއްނުބަލާ ބަޑިޖަހައި އާންމުންގެ 17 މީހަކު މަރާލާފައިވެއެވެ. ރަހުމެއްނެތް އެމެރިކާ ސިފައިންގެމީހާ މަރާލި މީހުންގެތެރޭގައި ގިނައަދަދެއްގެ ކުޑަކުދިންނާއި އަންހެނުންވެސް ހިމެނެއެވެ.

އޭގެ އެއްހަފްތާ ކުރިން ކިރިތި ޤުރްއާންއެންދުމުގެ ޖަރީމާއެއްވެސް އެމެރިކާ ސިފައިންވަނީ ހިންގާފައެވެ. އަދި ރޭގަނޑުގެ ވަގުތަކުގައި އަފްޣާން އާންމުންގެ ގެދޮރަށްވަދެ އެމެރިކާ ސިފައިން ހިންގާ މީހުންމެރުމުގެ ޢަމަލުތައް ތއެތަށްފަހަރަކު ތަކުރާރުވެފައިވާއިރު މިކަމުގައި ޝާމިލްވާ އެމެރިކާ ސިފައިންގެ ރޭންކް ދަށްކޮށްލުންފަދަ ލުއިފިޔަވަޅެއްނޫނީ އެމެރިކާގެ ޤާތިލުންގެ މައްޗަށް އެމެރިކާއިން އަޅާފައެއްނުވެއެވެ. -- ނޫސްއެޖެންސީތައް