އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބާންލީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ޗެލްސީން ލީގު ތާވަލްގެ ތިން ވަނަ މަގާމުގައި ހަމަޖެހިލައިފިއެވެ.

ބާންލީގެ ދަނޑުގައި ކުޅުނު މި މެޗު ޗެލްސީން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗު ފެށުމުގެ ކުރިން ދަނޑުގައި ހުރި ބޯޑުތަކުން ވަނީ ޔޫކްރެއިންގެ ދިދަ ދައްކުވައިދީފައެވެ. މިއީ ރަޝިޔާއިން ޔޫކްރޭނަށް ހަމަލާ ދެމުން އަންނައިރު، ޓީމުތަކުން ތިބީ ޔޫކްރެއިނާއެކުކަން ހާމަކޮށްދިނުމުގެ ގޮތުން ކުރި ކަމެކެވެ.

މެޗުގައި ޗެލްސީގެ ހަތަރު ލަނޑުވެސް އެ ޓީމުން ޖަހާފައިވަނީ ދެ ވަނަ ހާފުގައެވެ.

މެޗުގެ 18 ވަނަ މިނެޓުގައި ބާންލީގެ ވައުޓް ވެހޯސްޓް ފޮނުވާލި ހަމަލާ ޗެލްސީގެ ޑިފެންޑަރަކު ވަނީ ބްލޮކްކޮށްފައެވެ.

ދެވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ޗެލްސީގެ ފުރަތަމަ ލަނޑު ޖަހައިދިނީ ރީސް ޖޭމްސްއެވެ. އެއީ ބާންލީގެ އޭރިޔާ ތެރެއިން ޓްރެވޯ ޗަލޯބާ ދިން ޕާހަކުން ޖޭމްސް ފޮނުވާލި ބޯޅައެއް ގޯލަށް ވައްދާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެެވެ.

ޗެލްސީގެ ދެވަނަ ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ޖަހައިދިނީ ކައި ހަވާޓެޒްއެވެ. އޭނާ މި ލަނޑު ޖެހީ ބާންލީގެ އޭރިޔާ ތެރެއިން ކްރިސްޓިއަން ކްރިސްޓިއަން ޕުލްސިކް ނަގައިދިން ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެންނެވެ. އޭނާ ފޮނުވާލި ބޯޅަ ހުއްޓުވުމަށް ބާންލީގެ ގޯލް ކީޕަރު ނިކް ޕޮޕްއަށް އެއްވެސް ހަރަކާތެއް ނުކުރެވުނެވެ.

އޭގެ ދެމިނެޓު ފަހުން ހަވާޓެޒް ވަނީ ޗެލްސީއަށް އިތުރު ލަނޑެއް ޖަހައިދީފައެވެ. ބާންލީގެ އޭރިޔާ ތެރެއިން ޖޭމްސް ތިރި ތިރިން ދިން ބޯޅައެއް އޭނާ ވަނީ ގޯލަށް ވައްދާލާފައެވެ.

ޗެލްސީގެ ހަތަރު ވަނަ ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕުލްސިކެވެ. އޭނާ މި ލަނޑު ޖެހީ އެން ގޯލޯ ކާންޓޭ ދިން ބޯޅައަކުންނެވެ.

މިރޭގެ މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޗެލްސީން ތާވަލްގެ އެއް ވަނައިގައި އޮތީ 53 ޕޮއިންޓާއެކުއެވެ. އެއް ވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 66 ޕޮއިންޓާއެކުއެވެ.

ލީގުގައި މިރޭ ލެއިސްޓާ ސިޓީން ވަނީ 1-0 ގެ ނަތީޖާއަކުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދާފައެވެ. ނިއުކާސަލް ޔުނައިޓެޑުން ވަނީ 2-1 ގެ ނަތީޖާއަކުން ބްރައިޓަން ބަލިކޮށްފައެވެ. އަދި އެސްޓަން ވިލާ އާއި ސައުތަމްޕްޓަން ބައްދަލު ކުރި މެޗު އެސްޓަން ވިލާ އިން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.