05 Mar 2022, 23:01
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022 ގައި ބައިވެރިވާ މަތީ ފަންތީގެ ލެޖެންޑަރީ އެތުލީޓުން ހާމަކުރަން ފަށައިފިއެވެ.
ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ފުރަތަމަ މި ހަފްލާގައި ބައިވެރިވާ ފުރަތަމަ ލެޖެންޑަރީ އެތުލީޓް ހާމަކުރައްވާފައެވެ. މިރޭ ހާމަކުރައްވާފައިވަނީ ސްވިޑެންގެ މަޝްހޫރު ފެތުންތެރިޔާ ސާރާ ޚޮރޮސްޓްރޮމްއެވެ.
މިނިސްޓަރު މަހްލޫފް ކުރެއްވި ޓުވީޓުގައި ބުނެފައިވަނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022 ގައި ބައިވެރިވުމަށް ސާރާއަށް ދިން ދައުވަތު ޤަބޫލުކުރީތީ ޝުކުރު އަދާކުރާކަމަށެވެ. އަދި އެ ޓުވީޓުގައި ވަނީ ސާރާ ހޯދާފައިވާ ކާމިޔާބީތައްވެސް ހިމަނާފައެވެ.
އުމުރުން 28 އަހަރުގެ ސާރާއަކީ އޮލިމްޕިކްސްގެ ގޯލްޑް މެޑަލް ހޯދާފައިވާ އެތުލީޓެކެވެ. އަދި ވޯލްޑް ޗެމްޕިއަންޝިޕްސްގެ 14 ގޯލްޑް މެޑަލް އޭނާ ހޯދާފައިވެއެވެ. އޭގެ އިތުރުން ޔޫރަޕިއަން ޗެމްޕިއަންޝިޕްސްގެ 26 ގޯލްޑް މެޑަލް ވެސް ސާރާ ވަނީ ހޯދާފައެވެ.
ސާރާ އަކީ މި ވަގުތުވެސް ދުނިޔޭގެ ރެކޯޑް ހޯލްޑް ކުރާ އެތުލީޓެކެވެ.
އޭގެ ތެރޭގައި 50 މީޓަރުގެ ފްރީސްޓައިލް ލޯންގް ކޯސް، 100 މީޓަރުގެ ފްރީސްޓައިލް ލޯންގް ކޯސް، 50 މީޓަރުގެ ބަޓަފްލައީ ލޯންގް ކޯސް، 100 މީޓަރުގެ ބަޓަފްލައީ ލޯންގް ކޯސް އަދި 4 ގުނަ 50 މީޓަރުގެ މެޑްލޭ ރިލޭ ޝޯޓް ކޯސް ހިމެނެއެވެ.

މި މަހުގެ 17 ވަނަ ދުވަހުގެ ރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ދުނިޔޭގެ ފެންވަރުގެ އެތުލީޓުންނާއި ރެކޯޑް ހޯލްޑަރުން އަދި ލެޖެންޑުން ބައިވެރިވާނެކަމަށް ޔޫތު މިނިސްޓަރު މަހްލޫފް ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ. އަދި މި ފަހަރުގެ ހަފްލާއަކީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ފުރިހަަމަ އިވެންޓަށްވެސް ވެގެންދާނެ ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވެފައިވެއެވެ.
ސާރާގެ އިތުރުން އެހެނިހެން އެތުލީޓުންނާއި ލެޖެންޑަރުން މި ހަފްލާގައި ބައިވެރިވާއިރު، އިއްޔެ ކުއްލި ގޮތަކަށް މަރުވި ކްރިކެޓް ލެޖެންޑް ޝޭން ވޯން އަށް ވެސް މި ހަފްލާއަށް ދައުވަތު ދިނުމަށް މަޝްވަރާކުރެވުނު ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.
މި އެވޯޑް ހަފްލާއާ ގުޅޭ އެންމެ ފަހުގެ ތައްޔާރީތައް ޔޫތު މިނިސްޓްރީއިން ދަނީ މިހާރު ކުރިއަށް ގެންދަމުންނެވެ.