06 Mar 2022, 08:13
އަނބަކީ ރަހަމީރު މޭވާއެއްގެ އިތުރުން ސިއްޙީގޮތުން ގިނަގުނަ ފައިދާތަކެއް ލިބޭ މޭވާއެކެވެ.
ސިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި ހޫނު މޫސުމުގައި އަނބުކެއުމުން ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ލިބެއެވެ.
އަޅުގަނޑުމެންގެ ތެރޭގައި އަނބު ތަފާތު ގޮތްގޮތަށް ބޭނުންކުރެއެެވެ. އެގޮތުން، އަނބުން ފަނި ގިރައިގެންނާއި، އަނބު އަސާރަ ހަދައިގެންނާއި، ޖޫސް ޕެކެޓްގައި ބަންދުކޮށްގެން އަދި އަނބު ހުހާވެސް ކައި އުޅެއެވެ.
އަނބުން ލިބޭ ފައިދާތައް ވަރަށްވެސް ގިނައެވެ. އޭގެ ތެރޭގައި:
1. އަނބަކީ ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރާ މޭވާއެއް!
އަނބަކީ ކުއަސެޓީން، ފިސެޓީން، އައިސޮކްރިސިޓްރިން، އެސްޓްރަގަލިން، ގާލިކް އެސިޑް އަދި މެތައިލް ގަލޭޓް ފަދަ އެންޓިއޮކްސިޑެންޓްތައް އެކުލެވޭ މޭވާއެކެވެ.
މި ހުރިހާ މާއްދާތަކަކީ ވެސް ކެންސަރުން ރައްކާތެރިކޮށްދޭ މާއްދާތަކެވެ. އެގޮތުން އުރަމަތީގެ ކެންސަރާއި ކޮލޮން ކެންސަރާއި ޕްރޮސްޓޭޓް ކެންސަރާއި ލިއުކީމިއާ ފަދަ ނުރައްކާތެރި ބަލިތަކުން ހަށިގަނޑު ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދެއެވެ.
2. ހަށިގަނޑުގައި ސަރުބީޖަހާ މިންވަރު މަދުކޮށްދޭ
އަނބުގައި ވިޓަމިން ސީ، ފައިބާ އަދި ޕެކްޓިން ގިނަ އަދަދަކަށް އެކުލެވިފައިވުމުގެ ސަބަބުން ކޮލެސްޓްރޯލް ކޮންޓްރޯލް ކުރުމަށް އެހީވެދެއެވެ.
މީގެ އިތުރުން، އަނބަކީ ފައިބަރުު އެކުލެވިގެންވާ މޭވާއެކެވެ. އެއީ ލޭގައި ހިމެނޭ ނުރަނގަޅު ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދޭ އެއްޗެކެވެ.
އެހެންކަމުން އަނބު ބޭނުންކުރުމަކީ ސަރުބީގެ މިންވަރު ދަށްވެ، ހިތާއި ލޭހޮޅިތަކަށްޖެހޭ ބަލިތަކާއި ސްޓްރޯކް ޖެހުމާއި ހާޓް އެޓޭކް ޖެހުމުން ދުރުކޮށްދޭނެ ކަމެކެވެ.
3. ހޫނުވުމުގެ ސަބަބުން ޖެހޭ ސްޓްރޯކްތަކުން ދުރުުކޮށްދޭ
ޅަ އަނބުގައި ޕެކްޓިން ގިނަ އަދަދަކަށް އެކުލެވެއެވެ. ވީމާ ޅަ އަނބު އަވިން ހޫނުކުރުމަށް ފަހު، ހަކުރު، ލޮނު އަދިި ދިރި އެއްކޮށް ފަނިގިރައިގެން ބުއިމުގެ ސަބަބުން ހޫނުވުމުން ޖެހޭ ސްޓްރޯކް އަދި ހޫނުވުމުގެ ސަބަބުން ވަރުބަލިވުން ފަދަ ކަންކަމުން ދުރުކޮށްދެއެވެ.
އެހެންކަމުން ހޫނު ގައުމެއްގައި ދިރިއުޅޭއިރު، އަނބުފަނި ބުއިމަކީ މުހިންމުކަމެކެވެ.
4. ލޮލުގެ ފެނުން ރަނގަޅުކޮށްދޭ
އަނބުގައި ގިނަ އަދަދަކަށް ވިޓަމިން އޭ އެކުލެވިގެންވެއެވެ. އެގޮތުން ފޮތިކޮށް ކޮށާފައި ހުންނަ އަނބުގެ ޖޯޑެއްގައި، ދުވާލަކަށް އިންސާނެއްގެ ހަށިގަނޑަށް ބޭނުންވާ ވިޓަމިންގެ 25 ޕަސެންޓު އެކުލެވިގެންވެއެވެ.
ވިޓަމިން އޭ އަކީ ލޮލުގެ ފެނުން ރަނގަޅުކޮށްދޭ މާއްދާއަކަށްވާއިރު، ގަވައިދުން އަނބު ބޭނުންކުރާނަމަ ލޮލުން ފެންއައުން، ލޯ ހިރުވުން، ލޮލުން ދިލަ ނެގުންފަދަ މައްސަލަތަކުން ދުރުކޮށްދޭނެއެވެ.
5.ހަކުރު ބަލިން ދުރުހެލިކޮށްދޭ
އަނބުގެ ފަތަކީ ލޭގައި އިންސިއުލިންގެ މިންވަރު ހަމައަކަށް އަޅުވައިދޭ އެއްޗެކެވެ. އެގޮތުން އަނބު ގަހުގެ ފަސް ވަރަކަށް ފަތް ފެނުގައި ކެއްކުމަށް ފަހު ހެނދުނު ވަންދެން ބަހައްޓައި، ހެނދުނު ހުސްބަނޑާ ހުރެ އެ ފެންތައް ފުރާނާލައިގެން ބޯލާށެވެ. މިއީ ހަކުރުގެ މިންވަރު މަދުކުރުމަށް ގޭގައި ހުރެގެން ކުރެވިދާނެ ކަމެކެވެ.
ވީމާ ކޮންމެ ދުވަހަކު ވެސް އަނބު ކެއުމަކީ މުހިންމު ކަމެކެވެ.