ރިޔާޒް (މާޗް 15) : ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ހުންނަ ސަޢޫދީ އެންބަސީ ބަންދުކޮށްފިކަން ސަޢޫދީ ސަރުކާރުން ހާމަކޮށްފިއެވެ.

ސަޢޫދީ ޚާރިޖިއްޔާއާ ޙަވާލާދީ އެޤައުމުގެ ރަސްމީ ނޫސްއެޖެންސީ ބުނިގޮތުގައި އެންބަސީ ބަންދުކުރަންޖެހުނީ ސޫރިޔާގެ ސާލާމަތީ ކަންކަން އާދަޔާޚިލާފަށް ގޯސްވެ ޑިޕްލޮމޭޓުންނަށް މަސައްކަތްކުރަން ދަތިވުމުން ކަމުގައެވެ. ނަމަވެސް ސޫރިޔާގައި ހިނގާ ދާޚިލީ ހަނގުރާމައާއި ސަރުކާރާ ދެކޮޅަށް ރައްޔިތުން ކުރާ މުޒާހަރާތަކާއި އިޙްތިޖާޖްތަކުގެ އެއްވެސް އަސަރެއް ވެރިރަށް ދިމިޝްޤުން ފެނިފައެއްނުވެއެވެ.

ދިމިޝްޤުގައިވާ ސަޢޫދީ އެންބަސީ ބަންދުކުރުމަށްފަހު އެތަނުގެ މުވައްޒަފުންނާއި ޑިޕްލޮމޭޓުން އުރުދުންގެ މަގުން އަނބުރައި ގައުމަށް ގެނައުމުގެ މަސައްކަތްކުރަމުން ގެންދާކަންވެސް ސަޢޫދީ ޚާރިޖިއްޔާއިން ހާމަކުރެއެވެ.

ސައޫދީ އަރަބިޔާއަކީ ސޫރިޔާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ބޭރުފުށުން މާބޮޑު ދައުރެއް އަދާކުރާތަން ނުފެންނަ ޤައުމެކެވެ. ނަމަވެސް ސޫރިޔާގައި ހިނގަމުންދާ ކަންތައްތަކާ ގުޅިގެން ސޫރިޔާ ސަރުކާރު ކުށްވެރިކޮށް ސަޢޫދީ ސަރުކާރުން ބަޔާތައް ނެރެފައިވެއެވެ. -- ރޮއިޓާސް