05 Mar 2022, 15:43
އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފްތާ ބަންދުގައި ކުޅޭ މެޗުތައް ޗައިނާގައި ދެއްކުން އެ ގައުމުން މަނާކޮށްފިއެވެ.
އެ ގައުމުން މި ގޮތަށް ނިންމާފައިވަނީ ޔޫކްރެއިނާއި ހިތްވަރުދީ ލީގުގެ ކުލަބުތަކުން އަމަލުކުރަމުންދާތީއެވެ.
ކުރިއަށް އޮތް ޕްރިމިއާ ލީގުގެ މެޗުތަކުގައި ޓީމުތަކުން ވަނީ ޔުކްރެއިންއާއެކު ތިބި ކަން ދައްކުވައިދިނުމަށް ގިނަ ކަންތައްތަކެއް ރާވާފައެވެ. އެގޮތުން 20 ކުލަބުގެ ކެޕްޓަނުން ވަނީ ޔޫކްރެއިން ދިދައިގެ ކުލަތައް ހިމެނޭގޮތަށް އާމް ބޭންޑެއް އެޅުމަަށް ނިންމާފައެވެ.
މިނޫންވެސް އިތުރު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފައެވެ. އެގޮތުން "ފުޓްބޯލް ސްޓޭންޑްސް ޔުނައިޓެޑް- ނޯ ވާޒް" މި ނަމުގައި ހަރަކާތްތަކެއް އޮންނާނެއެވެ.
ޕްރިމިއާ ލީގުން ވެސް ވަނީ ޓީމުތަކުގެ މި ހަރަކާތްތަކަށް ހިތްވަރު ދީފައެވެ. އިނގިރޭސި ވިލާާތުން ވެސް ވަނީ ރަޝިޔާއާ ގުޅުންހުރި ގައުމުތަކުގެ ވިޔަފާރިވެރިންނަށް އެ ގައުމުގައި ދަތި ކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ.
ޕްރިމިއާ ލީގުގެ އިތުރުން އެހެން ލީގުތަކުގެ ޓީމުތަކުންވެސް ވަނީ ޔުކްރެއިންއަށް ހިތްވަރު ދިނުމުގެ ގޮތުން އެކި ކަންކަން ކޮށްފައެވެ.
ޖަރުމަނުގެ ބުންޑެސް ލީގާ އަދި ޔޫރޮޕާ ލީގުގެ މެޗުތަކުގައި ޓީމުތަކާއި އެ ޓީމުތަކުގެ ކުޅުންތެރިން ވަނީ އެކަން ދައްކުވައިދީފައެވެ.
އެގޮތުން ޗެލްސީގެ ވެރިޔާ ވެރިޔާ އަބްރަމޮވިޗް އެ ގައުމުގައި ދިރިއުޅުން ވަނީ މަނާކޮށްފައެވެ. އެ ގައުމުގެ މި ދަތިކުރުންތަކާއެކު އޭނާ ވަނީ ޗެލްސީ ވިއްކާލުމަށް މިހާރު ނިންމާފައެވެ.