ނެދަލެންޑްސް އަދި އޭސީ މިލާނުގެ ކުރީގެ ފުޓުބޯޅަ ތަރި ކްލެރެންސް ސީޑޯފް އިސްލާމްދީން ޤަބޫލުކޮށްފިއެވެ.

އޭނާ އިސްލާމްދީން ޤަބޫލުކޮށްފައިވާކަން ހާމަކުރީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމް އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައެވެ.

https://www.instagram.com/p/CarxGWmN0XG/?utm_medium=share_sheet

އިސްލާމްދީން ޤަބޫލުކޮށް މުސްލިމު އާއިލާއާ ގުޅުމާއެކު އޭނާއަށް ލިބުނު މަރުހަބާގެ މެސެޖުތަކަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

"މުސްލިމް އާއިލާއާ ގުޅުމުން ލިބުނު އުފާވެރި ތަހުނިޔާގެ މެސެޖުތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" އިންސްޓަގްރާމްގައި ސީޑޯފް ކުރި ޕޯސްޓުގައި ލިޔެފައިވެއެވެ.

އަދި އޭނާ ވަނީ އިސްލާމްދީނުގެ މާނަ ތަފްސީލުކޮށްދިން އޭނާގެ އަންހެނުން ސޯފިއާއަށް ވެސް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.

"އިސްލާމްދީނުގެ މާނަ އަހަރެންނަށް އިތުރަށް ތަފްސީލުކޮށްދިން އަހަރެންގެ (އަންހެނުން) ސޯފިއާއަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން،" އޭނާގެ ޕޯސްޓުގައި ވެއެވެ.

އިތުރަށް އޭނާ ބުނެފައިވަނީ އިސްލާމްދީން ޤަބޫލުކުރި ނަމަވެސް އޭނާގެ ފުރިހަަމަ ނަން ބަދަލު ނުކުރާ ކަމުގައެވެ. އޭނާގެ ނަމަކީ ކުޑައިރުވެސް އޭނާގެ މައިންބަފައިން ދިން ނަން ކަމުގައިވާ ކްލެރެންސް ސީޑޯފް ކަމަށް ވެސް އޭނާ އެ ޕޯސްޓު ނިންމާލަމުން ލިޔެފައިވެއެވެ.

ސީޑޯފް ވަނީ 1995 ވަނަ އަހަރު އަޖެކްސް އާއެކު ޔުއޭފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި 1998 ވަނަ އަހަރު ސްޕެއިންގެ ރެއާލްއާ މެޑްރިޑާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއެވެ. ތިން ވަނަ ފަހަރަށް އޭނާ އެ މުބާރާތް ކާމިޔާބުކޮށްފައިވަނީ އޭސީ މިލާނާއެކުއެވެ. އޭސީ މިލާނަކީ އޭނާގެ ކެރިއަރުގައި އެންމެ ގިނަ ދުވަސް ހޭދަކުރި ކުލަބެވެ. އަދި އޭނާ އަކީ ތަފާތު ތިން ކުލަބަކާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާއެވެ.

ނެދަލެންޑްސްގެ ގައުމީ ޓީމަށް 1994 ވަނަ އަހަރު ކުޅެން ފެށީ ސީޑޯފް ވަނީ އެ ޓީމަށް 14 އަހަރު ކުޅެދީފައެވެ. އޭނާ ވަނީ ގައުމީ ޓީމަށް ކުޅެދިން 87 މެޗުގައި 11 ލަނޑު ޖަހައިދީފައެވެ.

ކުލަބް ލެވެލްގައި އެންމެ ފަހުން ކުޅެފައިވަނީ ބޮޓަފޮގޯ އަށެވެ. އެ ޓީމަށް ކުޅެދިން 72 މެޗުގައި އޭނާ ވަނީ 23 ލަނޑު ޖަހާފައެވެ. އެ ޓީމުގައި ހުރެ އޭނާގެ ސީނިއާ ކެރިއަރު ނިންމާލީ 2014 ވަނަ އަހަރުއެވެ.

ސީނިއާ ކެރިއަރު ނިންމާލުމަށްފަހު އޭނާ ވަނީ 2014 ވަނަ އަހަރު އޭސީ މިލާނުގެ ކޯޗަކަށް ހަމަޖައްސާފައެވެ. ނަމަވެސް އެ އަހަރުގެ ޖޫން މަހު އޭނާ ވަނި މަގާމުން ވަކިކޮށްފައެވެ. އޭގެ ފަހުން 2016 ވަނަ އަހަރު ސީޑޯފް ޗައިނާގެ ދެވަނަ ޑިވިޝަނުގެ ޝެންޒެންއާ ހަވާލުވެ އެ ޓީމުގައި ފަސް މަސް ދުވަހު މަސައްކަތްކުރިއެވެ.

ސީޑޯފް ވަނީ 2018 ވަނަ އަހަރު ނެދަލެންޑްސްގެ ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައެވެ. އޭނާ ގައުމީ ޓީމުގެ ކޯޗުކަމުން ވަކިކުރީ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ނޮކައުޓް ބުރުގެ ފުރަތަމަ މެޗުން ބަލިވެ ޓީމު ކެޓި ހިސާބުންނެވެ.