05 Mar 2022, 15:28
"ބުނަން އޮތީ ކޮން ވާހަކައެއް؟... އަހަރެން މީ ކުޑަ ދުވަސްކޮޅެއްގެ މެހެމާނެކޭތަ؟..." ޒިވިއަން އިސްޖަހައިލީ ދެލޮލަށް ބޮނޑިވެގަތް ކަރުނަތައް ފޮރުވުމުގެ ގޮތުންނެވެ.
އައިޒަކަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. ޒިވިއަން އެބުނީ ތެދު ވާހަކައެއް ހެއްޔެވެ؟ ކުޑަ ދުވަސްކޮޅެއްގެ މެހެމާނެކޭ އެބުނީ ކީއްވެ ހެއްޔެވެ؟
********
ކެބިންއަށް ވަންއިރުވެސް އައިޒަކަށް ވިސްނެމުންދިޔައީ ޒިވިއަން ބުނި ވާހަކަ އާއި މެދުގައެވެ. ޒިވިއަން އުޅެނީ ބަލިވެ ހެއްޔެވެ؟ އެކަމަކު އުޅޭ އުޅުމުން އެއްވެސްކަމެއް ފާހަގަނުވަނީ ކީއްވެ ހެއްޔެވެ؟ ނޫނީ ދުވަހަކުވެސް އެނބުރި ނާންނަގޮތަށް ޒިވިއަން ރާއްޖެއިން ބޭރަށް ދަނީ ހެއްޔެވެ؟ ވިސްނާ ވިސްނާ އައިޒަކްގެ ސިކުނޑި ސުމަކަށް ދިޔައެވެ.
މާކިން އައިއިރު އައިޒަކް އިނީ، ޒިވިއަން ސޯޝަލްމީޑިޔާގައި ހިއްސާކޮށްފައިވާ ތަސްވީރުތަކަށް ބަލާށެވެ. މާކިން އެތެރެއަށް ވަންކަންވެސް އޭނާއަށް ނޭނގުނެވެ. ހުރިހާ ކަމަކަށްވުރެ ބޮޑަށް އޭނާ އިނީ، ކޮންމެ ތަސްވީރަކާއިއެކު ޒިވިއަން ލިޔެލާފައިވާ އިބާރާތްތަކުގެ މާނަފުންކަމުން އެކަމާއި ވިސްނާށެވެ.
"ލޯބިވާ މީހުންނާއި ދުރުގައިވުމީ، ހިތްދަތި އިހުސާސް..." މާކިންއަށް ބުނެވުނީ އެހިސާބަށެވެ.
އައިޒަކް ސިހިފައި ފަސްއެނބުރި ބަލައިލިއެވެ. އޭރު، އޭނާގެ ފުރަގަހުން ފޯނާއި ދިމާއަށް ގުދުވެލައިގެން މާކިން އޮތީ ޒިވިއަން ލިޔެފައިވާ އިބާރާތްކޮޅު ކިޔާށެވެ. އައިޒަކް އަވަހަށް ބަންޑުންވާހެން ފޯނު މޭޒުމަތީގައި ބޭއްވިއެވެ.
"ސިއްސައިގެންނޭ އެދިޔައީ..." އައިޒަކް އޭނާގެ މޭގައި އަތުން ފިރުމައިލިއެވެ. އެއަށްފަހު، މާކިންގެ މޭގައި އަތް އަޅައި ދުރުކޮށްލިއެވެ.
"މީހެއްގެ ލޯބިވާ އަނބިމީހާއާ އޭނަ މާ ގާތްވީ ދޯ؟..." އިރަމް އާއި ޒިވިއަން އެކުގައި ތިއްބާ އައިޒަކަށް ފެނުނީކަން އެނގުމުން، މާކިންއަށް ވީގޮތް އެނގުނެވެ. "އަނެއްކާވެސް ބޮކި ދިއްލިފަ ތީނީ..."
"މާކް!..." އައިޒަކް ގޮވައިލީ މުހިއްމު ވާހަކައެއް ދައްކަން ބޭނުންވެފައިވާ ފަދައިންނެވެ. "އިށީނދެބަލަ..."
"ކިހިނެއްވީ؟..." މާކިން ހާސްވިއެވެ. އޭނާ ހީކުރީ އައިޒަކާއި އިރަމް މައްސަލަޖެހުނީ ކަމަށެވެ.
"އެބަޖެހޭ ކަމެއް ކޮށްދޭން..." އައިޒަކް ބުންޏެވެ.
********
އިރަމް ހުރީ، އޮފީހުގައި އަންހެންކުދިންނަށް ހާއްސަކޮށްފައި ހުންނަ ކޮޓަރީގެ ލޯގަނޑު ކުރިމަތީގައި ހުއްޓިލައިގެންނެވެ. އޭނާގެ ކައިރީގައި ސުހާ ހުރިއިރު، ކަންތައް ކުރަންވީ ގޮތް އިރަމްއަށް ކިޔައިދެމުން ދިޔައެވެ. ސުހާ އެދުނުގޮތަށް އިރަމް އޭނާގެ ތުންފަތުގެ ކުލަ ގަދަކޮށްލިއެވެ. ދެލޯ އަނދުނުން ފަވައިލުމަށްފަހު، އެސްފިޔަތަކުގައި މަސްކަރާ އެޅިއެވެ.
އިރަމް ތައްޔާރުވެ ނިމުމުން، ލައިގެން ހުރި ކަޅުކުލައިގެ ހެދުމުގެ ބަނޑާއި ދިމާއިން ރަންކުލައިގެ ހިމަ ބެލްޓެއް އެޅިއެވެ. ހެދުމުގެ އަތް އުޅަނބޮއްޓަށްވުރެ ތިރިއަށް ހުރިއިރު، ހެދުމުގެ ދިގުމިން ހުރީ، ކަކުލަށްވުރެ ތިރިއަށެވެ. ވީކަރެއް ލާފައިވާ އެ ހެދުން އިރަމްގެ ދޮން ހަންގަނޑާއި ނުހަނު ގުޅެއެވެ. އިސްތަށިގަނޑު ދެފަރާތުން ގެނެސް ކުރިމައްޗަށް ވައްޓާލުމަށްފަހު އޭނާ ސުހާ އާއި ދިމާއަށް އެނބުރުނެވެ.
"ކިހިނެއްވަނީ؟..." އިރަމް ބުނެލިއެވެ.
"ވާވާ... މިއަދު ޒިވިއަންއަށް ތިކުއްޖާ އޮޅޭނެ... ލައިވް ޕްރޮގްރާމުގެ ތެރެއިން އިންނަން ނާހައިފިއްޔާ ރަނގަޅު..." ސުހާ ހީގަތެވެ.
"އަހަރެން މީ މީހެއްގެ އަނތްބެއް އިނގޭ..." އިރަމް ތުންދަމައިލިއެވެ.
"އެނގޭ ތިކަން... އެކަމަކު ތިބުނާ ފިރިމީހާދެކެ އަހަރެން ކުޑަކޮށްވެސް ލައިކެއްނުވޭ... އެރޭންޖް މެރިއޭޖްވީމަ އޭނައަށްދޯ ހުރިހާ ފައިދާއެއް އޮތީ... މަގޭ ދޮންތަވެސް އުޅެނީ ހާލެއްގަ... ފޫހިވޭ އެހެންވެ..." ސުހާ ފާޅުކުރީ އޭނާ ދެކޭގޮތެވެ.
"އެންމެން އެއްގޮތެއް ނުވާނެ..." އައިޒަކާއި ދެކޮޅަށް ސުހާ ވާހަކަ ދައްކަން ފެށުމުން އިރަމްގެ ހިތަށް އުނދަގޫވިއެވެ.
"ތިއެއް ނޫނޭ، ގަޑިޖެހޭ އެބަ... ހިނގާ އަވަހަށް... އެހެންނޫނީ ސަލާމު އަހަރެމެން ދެމީހުން ރޮލާ ކާލަފާނެ..." ކޮޓަރިން ނުކުންނަން ހިނގައިގަންނަމުން ސުހާ ބުންޏެވެ.
ދޮރު ހުޅުވައިލިގޮތަށް ބިރެއް ފެނުނުހެން ސުހާ އެތެރެއަށް ދެމިގަތެވެ. އޭނާ ދުވެފައި ގޮސް ފާހާނާއަށް ވަނުމުން އިރަމް ހުރީ ވީގޮތެއް ނޭނގިފައެވެ. އެތެރެއަށް ވަން އައިޒަކް ފެނުމުން އިރަމްއަށް ވީގޮތް އެނގުނެވެ. އޭނާ ހާސްވީ އެ ދެމީހުން އެކުގައި ތިއްބާ ސުހާއަށް ފެނިދާނެތީއެވެ.
އައިޒަކް ކަޅި ޖަހާވެސްނުލައި އިރަމްއަށް ބަލަމުން ދިޔައެވެ. ފައިން ފެށިގެން މޫނަށް ދެފަހަރު ނަޒަރު ހިންގައިލިއެވެ. އޭނާ ކުރިއަށްޖެހިލައި، އިރަމްގެ ނިތްކުރިމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ރަނގަޅުކޮށްލަދިނެވެ. އެއަށްފަހު، އިރަމްގެ އޮމާން މޫނުގައި ފިރުމައިލިއެވެ. އިރަމްގެ މޫނަށް ބަލަން ހުރި އައިޒަކް، އެ ކުއްޖާ ގެންގޮސް އޭނާގެ މޭގައި ލައްކޮށްލަން ބޭނުންވިއެވެ. އޮމާން ކޯތާފަތަށް ބޮސްދޭން ހިތް އެދުނެވެ. އައިޒަކަށް ދުރުގައި ހުރެވުނީ ކުޑަ އިރުކޮޅަކަށެވެ. އިރަމް އޭނާގެ އަތުގެ ތެރެއަށް ގެންދިޔައެވެ.
"އަހަރެންގެ އަންހެނުން މިހާ ރީތިވީމަ ހާދަ ޖެހިލުންވެޔޭ..." އައިޒަކް ބުނެލިއެވެ.
ކުޑައިރުކޮޅަކު އެގޮތުގައި ހުރެފައި އޭނާ ދުރަށްޖެހިލި ނަމަވެސް، އިރަމްގެ ހިމަ ހޯލިކޮޅެއްފަދަ އުނަގަނޑުން އަތްދޫކޮށެއް ނުލައެވެ.
"ދެން އޯކޭ ދިޔަސް..." އައިޒަކް ބުނެލީ އިރަމް ފޮނުވަން ބޭނުންނުވެފައި ހުރި ފަދައަކުންނެވެ.
އައިޒަކްގެ ކޮންމެ އަމަލަކުން އިރަމްގެ ތުންފަތުގައިވި ހިނިތުންވުން ފުންވަމުން ދިޔައެވެ. ލޯބިން ފުރިގެންވީ ނަޒަރަކުން އައިޒަކް އޭނާއަށް ބަލައިލާގޮތުން އެކަނިވެސް އިރަމްގެ ހިތް އުފަލުން ފުރިގެން ދެއެވެ. އައިޒަކާއި ކައިވެނިކުރެވުނީތީ އޭނާ އުފާކުރެއެވެ. ފާހާނާގެ ދޮރު ހުޅުވައިލި އަޑު އިވުމުން، އިރަމް ތެޅިގަނެފައި އައިޒަކާއި ދުރަށްޖެހުނެވެ. އައިޒަކް ނުދާކަން އެނގުމުން ސުހާ އުޅުނީ އަނެއްކާވެސް ފާހާނާއަށް ވަންނާށެވެ. އެކަމަކު އައިޒަކް ބަލައިލިގޮތުން އޭނާ ހުރިތަނަށް ގަނޑުވިއެވެ.
"އެންމެންވެސް ތަނުގަ ހެދިފަ އޮންނަ އުސޫލުތަކަށް ބޯލަނބަންވާނެ..." އިންޒާރެއްދޭ ފަދައިން އައިޒަކް ވާހަކަ ދެއްކިއެވެ. "އެކަކުވެސް އިސްތިސްނާއެއް ނުވާނެ..."
އިރަމްގެ ކައިރިއަށް ހިނިއައެވެ. އައިޒަކް ކުއްލިއަކަށް އޭނާގެ ރާގު ބަދަލުކޮށްލިގޮތުންނެވެ. އައިޒަކް އެގޮތަށް ކަންތައްކުރީ ކީއްވެކަން އޭނާއަށް ވިސްނުނެވެ. އެއްފަހަރު ސުހާއަށް އަނެއްފަހަރު އިރަމްއަށް ބަލައިލުމަށްފަހު، އައިޒަކް ނުކުމެގެން ދިޔައީއެވެ.
"އާހްހް... ކިރިޔާ ފެއިންޓްނުވީ..." ސުހާ ގޮސް އިރަމްގެ ކޮނޑުގައި ހިފަހައްޓައިލިއެވެ.
"އެހާ ބިރުގަނޭތަ؟.." އިރަމް އަހައިލިއެވެ.
"ބިރުގަންނާނެއެއްނު... ދެކުނިންތަ އޭނަ ބަލާގޮތް؟... ހުސް އަހަންނާ ދިމާއަށް ކީ އެއްޗެހި ކަންނޭނގެ..." ސުހާ ކުޑަކުއްޖެއްހެން ބޮޑާ ހާކައިލަމުން ބުންޏެވެ.
"އޮފީހަށް އައިސް، ސުހާ ފާޑުފާޑުގެ ވައްތަރު ޖައްސަންޏާ އެއްޗެހި ކިޔާނެދޯ..." އިރަމް ހުރީ ހިނިގަނޑު އެތެރެއަށް ހިންދާލައިގެންނެވެ.
"ބޮސް ކީއްވެތަ މިތަނަށް އެއައީ؟... އަންހެން ސްޓާފުންގެ ރޫމްއަކަށް ނުވަދެވޭނެ ބޮސްއަށް ވިޔަސް..." ސުހާ ތުންދަމައިލިއެވެ.
"ސުހާ އުޅޭގޮތް ބަލަންށޭ އެއައީ..." އިރަމް ބުންޏެވެ.
"ހިނގާ އަވަހަށް މިތަނުން ނުކުންނަން... ނޭވާވެސް ހާސްވޭ އެބަ..." އިރަމްގެ އަތުގައި ހިފައި ހިނގައިގަންނަމުން ސުހާ ބުންޏެވެ.
އިރަމް ސްޓޫޑިއޯއަށް ދިޔައިރު، ޒިވިއަން ހުރީ އޭނާގެ އިންތިޒާރުގައި ދެކޮޅަށް ހިނގާލަހިނގާލައެވެ. މަޑު ނޫކުލައިގެ ގަމީހަކާއި، ގަދަ ނޫކުލައިގެ ފަޓުލޫގައި ބެގީކޮށްފައި ހުރިއިރު، ޒިވިއަން ލައިގެން ހުރި ގަދަ ނޫކުލައިގެ ކޯޓުގައި އޭނާ ނުހަނު ފިރެހެންވަންތައެވެ. ދެޖީބަށް އަތްޖަހާލައިގެން ހުރިގޮތުން ހީވަނީ، މޮޑެލްއެއް ހެންނެވެ. އިރަމް ފެނުމުން ހިނިތުންވެލިއެވެ. އައިޒަކް ފަދައިން ޒިވިއަންވެސް އިރަމްގެ ފައިން ފެށިގެން މޫނާއި ހަމައަށް ނަޒަރު ހިންގައިލިއެވެ.
"ތިކަހަލަ ހެދުންލީމަ ވަރަށް ގުޅޭ..." އިރަމްއަށް ތައުރީފުކޮށްލުމުގެ ގޮތުން ޒިވިއަން ބުންޏެވެ.
"ތޭންކްޔޫ..." އިރަމް ހިނިތުންވެލިއެވެ.
********
އައިޒަކް ހުރީ ކޮންޓްރޯލްރޫމުގައެވެ. އޭނާއަށް އިރަމް ފެންނަ ހިސާބުން ދުރަކަށް ނުދެވުނެވެ. ޒިވިއަންއާއި އެކުގައި އިރަމް ފެނުމުން އައިޒަކްގެ ހިތަށް އުނދަގޫވަނީ ކީއްވެ ކަމެއް އޭނާއަކަށް ނުވިސްނުނެވެ.
ތަން ފަރުމާކޮށްފައި ހުންނަނީ، ސްޓޫޑިއޯ ފެންނަގޮތަށެވެ. ދުވަހަކު ކޮންޓްރޯލް ރޫމަށް ނުވަންނަ އައިޒަކް، އަންގާވެސްނުލައި ކުއްލިއަކަށް އެތަނަށް ދިޔުމުން، މުވައްޒަފުން ތިބީ ހަދަންވީގޮތެއް ނޭނގި، ނުތަނަވަސްވެފައެވެ. އައިޒަކް ފަހަރަކު ތަނެއް ބަލަމުން ގޮސް އިރަމް ފެންނަ ހިސާބުގައި ހުއްޓިލިއެވެ. މުވައްޒަފުންނާ ސުވާލުކުރަމުން ދިޔައިރުވެސް އޭނާގެ ސަމާލުކަން އަތުލާފައިވީ، އިރަމްއެވެ.
"އިތުރު ކަމެއް އެބައޮތްތޯ؟..." ސަލާމު އައިޒަކާއި ސުވާލުކުރިއެވެ.
"ނޫނޭ... ކުރިއަށްގެންދޭ..." އައިޒަކް ބުންޏެވެ.
********
ޕްރޮގްރާމް ނިންމައި ސްޓޫޑިއޯއިން އެންމެން ނުކުންނަން ފެށިއެވެ. ޒިވިއަން މަޑުކުރީ އިރަމްއާއިއެކު ނުކުތުމަށެވެ.
"ކޮފީއަކަށް ދަމާ... ގަޑިވެސް ޖެހުނީނު..." އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ޒިވިއަން ބުންޏެވެ.
"ކޮފީއަކަށް ދަރާފަދޯ އަދި މިހުރީ..." އިރަމް ލުއި ހިނިގަނޑެއް ޖަހައިލިއެވެ.
"އެ ކޮފީ އަދި އިހަށް ރިޒާވްގަ ބައިންދާލަދީ... މިއަދު އަހަރެން ދޭނީ..." ޒިވިއަން ނިތްއަރުވައިލަމުން ބުންޏެވެ.
ދެމީހުން އެކުގައި ނުކުތްއިރު، އައިޒަކް ހުރީ އިރަމްގެ އިންތިޒާރުގައި މަޑުކޮށްލައިގެންނެވެ. އޭނާ އެއްފަހަރު އިރަމްއަށް އަނެއްފަހަރު ޒިވިއަންއާއި ދިމާއަށް ބަލައިލިއެވެ.
"އަޅުގަނޑުމެން މިދަނީ ކޮފީއަކަށް..." އައިޒަކާއި އަރާ ހަމަވުމުން، ޒިވިއަން ބުންޏެވެ. އައިޒަކްގެ ކައިރިން ދާއިރު، އެއްޗެއް ނުބުނެދާން އޭނާ ހިތްހަމަނުޖެހުނީއެވެ.
"ހިނގާ..." އައިޒަކް ބުނެލިއެވެ.
ހައިރާންވީވަރުން ޒިވިއަންއަށް އިރަމް އާއި ދިމާއަށް ބަލައިލެވުނެވެ. ދައުވަތު ނުދެނީސް އައިޒަކް އެމީހުންނާއިއެކު ކޮފީއަށް ދާން އެދުނީ ކީއްވެބާއޭ ސުވާލުކުރާފަދަ ނަޒަރަކުންނެވެ. އައިޒަކް އޭގެކުރިން ޒިވިއަން ފެންނަކަމަށްވެސް ހަދާނުލައެވެ. ކުއްލިއަކަށް އެކުގައި ކޮފީއަށްދާން ބޭނުންވާނީ ކޮންމެވެސް ސަބަބެއް އޮތީމައިކަމަށް އޭނާ ގަބޫލުކުރިއެވެ.
ރެސްޓޯރެންޓަށް ވަދެފައި ހުސްކޮށް ހުރި މޭޒަކާއި ދިމާއަށް ތިންމީހުން ހިނގައިގަތެވެ. ޒިވިއަންއަށްވުރެ ކުރިން އައިޒަކް ގޮސް އިރަމްގެ ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ.
"ޓޫ މިލްކް ކޮފީ..." ވޭޓަރު އައުމުން އައިޒަކް ބުންޏެވެ.
ޒިވިއަން ސުވާލުއުފެދިފައި އައިޒަކްގެ މޫނަށް ބަލައިލިއެވެ. އިރަމް ބޭނުންވާ އެއްޗެއް އައިޒަކަށް އެނގުނީ ކިހިނެއް ހެއްޔެވެ؟
"ވަން ބްލެކް..." ޒިވިއަން ބުންޏެވެ.
"އޭނައަށްވެސް ގެނެސްދީ މިލްކް ކޮފީއެއް..." އިރަމްއާއި ދޭތެރޭގައި ވިސްނައިލާފައި އައިޒަކް ބުނެލިއެވެ.
ޒިވިއަން ހަމައެކަނި ހިނިތުންވުމަކުން ފުއްދައިލީއެވެ. ކޮފީ ބޮމުންދިޔައިރު، އެކަކު އަނެކަކާއި މާގިނަ ވާހަކައެއް ނުދައްކައެވެ. އިރަމްއަށް ސުވާލެއް ކުރިޔަސް، އައިޒަކް ޖަވާބުދޭތީ، ޒިވިއަން އިނީ އުނދަގޫވެފައެވެ.
ކޮފީތަށި ބޮއެ ހުސްކޮށްލިތަނާ ޒިވިއަން ކޮށިއަރާގޮތްވިއެވެ. ކެއްސަންފެށިގޮތަށް ނޭވާ ކުރުވި އިރުވެސް ކެއްސުން މައިތިރިވާގޮތެއް ނުވިއެވެ. އައިޒަކް ހާސްވެގެން ޒިވިއަންގެ ބުރަކަށީގައި ފިރުމާ ހެދިއެވެ. ފެންތަށި ތުންފަތުގައި ޖައްސައިދީ، ބޯ މޮޑެދޭން ފެށިއެވެ.
"އެންބިއު..ލާންސް..." އިރަމްއާއި ދިމާއަށް ބަލައިލަމުން އައިޒަކް އެދުނީ އެންބިއުލާންސަށް ގުޅުމަށެވެ.
ޒިވިއަން އަތުގެ އިޝާރާތުން އެކަން މަނާކުރިއެވެ. ހާސްވެގެން އައިޒަކްގެ ދެލޮލުން ކަރުނަ އަންނަމުން ދިޔައިރުވެސް އޭނާއަށް އެކަން އިހުސާސްނުވާ ކަހަލައެވެ. އަމިއްލަ ނަފުސަށްވުރެ ބޮޑަށް އޭނާއަށް ވިސްނެމުންދިޔައީ ޒިވިއަންއާއި މެދުގައެވެ. ޒިވިއަން އިރަމްގެ ކައިރީގައި ބުނި ވާހަކައާއި އެކަމާއި ގުޅުވާލެވުނެވެ. މަންމަ ފަދައިން ޒިވިއަންވެސް ވަކިވެގެން ދަނީ ހެއްޔެވެ؟ އައިޒަކްމެންގެ މަންމަވެސް މަރުވީ އެގޮތަށް ކޮށިއަރައިގެން އުޅެފައެވެ. ބޭރުފުށުން ރުޅިވެރިކަން ދައްކަން މަސައްކަތްކުރިޔަސް، އައިޒަކްގެ ހިތް ސާފެވެ. ޒިވިއަންދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ. ދެރަގޮތެއްވާކަށް ހިތްނޭދެއެވެ.
"މިހާރު އޯކޭއޭ..." ކުޑަކޮށް ހަމައަކަށް އެޅުމުން ޒިވިއަން ބުނެލިއެވެ. އޭރު އޭނާގެ ދެލޯ ވަނީ ރަތްވެފައެވެ.
އައިޒަކް ކުއްލިއަކަށް ޒިވިއަންގެ ގައިގައި ބައްދައިލިއެވެ. އޭނާގެ ހިތަށް ލިބުނު ހަމަޖެހުން ބުނެދޭންވެސް ނޭނގުނެވެ. އައިޒަކްގެ ދެލޮލުން ހޯސްލާފައި ފައިބަމުންދިޔަ ކަރުނަތަކުން ޒިވިއަން ލައިގެން އިން ގަމީސް ތެންމަމުން ދިޔައެވެ. ޒިވިއަން އައިޒަކްގެ ބުރަކަށީގައި މަޑުމަޑުން ޖަހައިލިއެވެ. ބޭބެގެ ގާތްކަމުން އޭނާގެ ދެލޮލުން އައީ އުފާވެރިކަމުގެ ކަރުނައެވެ. އޭނާ ހީކުރީ އައިޒަކްގެ ހިތުގައި ކުޑަވެސް ލޯތްބެއް ނުވާ ކަމަށެވެ. އެހެނަސް، މިއަދު އޭނާއަށް ޔަގީންވީ، އެ ބޭބެގެ ހިތް ފުރިފައިވީ ހަމައެކަނި ލޯބިން ކަމެވެ. ނަފުރަތަކީ ހަމައެކަނި ބޭރުފުށުން ދައްކައިލާ ދަޅައެއް ކަމެވެ. ހިތުން ބޮޑު ބުރައެއް ނެގުނުކަމުގެ އިހުސާސް ޒިވިއަންއަށް ކުރެވިގެން ދިޔައެވެ.
ވާނުވާ ނޭނގިފައި ހުރި އިރަމްއަށް ވިސްނަންވީ ކިހިނެއްކަމެއްވެސް ނޭނގުނެވެ. ކުއްލިއަކަށް އައިޒަކަށް އެވީ ކިހިނެއް ހެއްޔެވެ؟ މީހަކު ކޮށިއެރުމުން އެހާ ހާސްވީ ކީއްވެ ހެއްޔެވެ؟ އައިޒަކް ޒިވިއަންއާއި ދުރަށްޖެހިލުމަށްފަހު، އިރަމްގެ އަތުގައި ހިފައިގެން އެތަނުން ނުކުތުމަށް ހިނގައިގަތެވެ. ކަންތައް ކުރެވުނުގޮތުން އައިޒަކް ލަދުގަތީކަން އެނގުމުން ޒިވިއަންއަށް ހިނިތުންވެލެވުނެވެ.
"ބްރަދަރ!... އަދިވެސް ގޮތެއް ދުލެއްނުކުރާނަންތަ؟..." އައިޒަކް ދިޔަ ދިމާއަށް ބަލަން އިން ޒިވިއަން އޭނާގެ އަމިއްލަ ނަފުސަށް އިވޭވަރަށް ސުވާލުކުރިއެވެ.
"ދެން އަހަރެން ދުލެއް ނުދޭނަން..." ޒިވިއަން އަމިއްލަ ނަފުސަށް ވައުދުވިއެވެ.
(ނުނިމޭ)