ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަމުންދިޔަ ބ. ބޮޑުފޮނޮޅުގައި ހަމަނުޖެހުން ހިންގި މައްސަލާގައި ދައުވާ އުފުލި އެންމެން މިނިވަންވެއްޖެއެވެ.

އެ މައްސަލާގައި 11 ބިދޭސީއަކަށް ފަސް ދައުވާ އުފުލިއެވެ. އެ މީހުން ހައްޔަރުކުރީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެ ދައުވާތައް ބެލުމަށްފަހު ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އާދީއްތަ ދުވަހުއެވެ.

ބޮޑުފިނޮޅުގައި ތިބި ދިވެހީންނަށް ތޫނުހަތިޔާރުން ބިރުދައްކާފައިވާތީ ދެ ބިދޭސީއަކަށް މަޤްބޫލު ސަބަބެއްނެތި އާންމު ތަނެއްގައި ތޫނު އެއްޗެހި ގެންގުޅުމުގެ ދައުވާ އުފުލިއެވެ. އެ ދައުވާ ސާބިތުވެ ބަންގްލަދޭޝްގެ ރަނާ ޝަކީބާއި ޖާހިރުލް އެއް އަހަރާއި ތިން މަހާއި ތިން ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފައެވެ.

އިތުރު ބިދޭސީއަކަށް ވަނީ އަނިޔާއެއް ދިނުމުގެ ދައުވާ އުފުލާފައެވެ. އެމްޑީ ރަސަލް މިއާގެ މައްޗަށް އެ ދައުވާ ސާބިތުވުމުން އިއްވާފައި ވަނީ އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

އެގާރަ މީހެއްގެ މައްޗަށް އުފުލި މުދަލަށް ގެއްލުންދިނުމުގެ ދާއުވާ އާއި ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާ ވެސް ވަނީ ސާބިތުވެފައެވެ. އެމްޑީ ޢަބްދުރް ސައްތާރާއި، ތަހަރު، އެމްޑީ ރަސަލް މިއާ، ސޮހަގް، ޑެލްވާރު ހޮސައިން، މުޙަންމަދު ޖަމާލު ހޮސައިން، ޕަލާސް، ރަނާ ޝަކީބު، މުހަންމަދު ސަމްޓޯ މިއާ، ޖާހިރުލް އަދި އަލް އަމީނުގެ މައްޗަށް އެ ދެ ދައުވާ ސާބިތުވުމުން އިއްވާފައި ވަނީ އެއް އަހަރާއި ހަތް މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

ހުއްދަ ނޫންގޮތުގައި މީހުން ހިފެއްޓުމުގެ ދައުވާ އެމްޑީ އަބްދުރް ސައްތާރު، ރަނާ ޝަކީބް، މުހަންމަދު ސަމްޓޯ މިއާ އަދި ޖާހިރުލްގެ މައްޗަށް ސާބިތުވެ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވާފައިވެއެވެ.

ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާ ބިދޭސީންގެ މައްޗަށް އުފުލީ އެ މީހުން އެރަށުން ފުރުވާލަން އުޅުމުން އެކަމަށް ހުރަސްއަޅައި ފުލުހުންނަށް ހަމަލާދީފައިވާތީއެވެ.

އެ ހަމަނުޖެހުންތަކުގައި އެތަނުގައި ދިބި ދިވެހީން ރަހީނުކޮށް ރަށުގެ އެކި ތަންތަނަށް ވަނީ ގެއްލުންދީފައެވެ. އެ ބިދޭސީން ހަމަނުޖެހުންތައް ހިންގައިފައިވަނީ އެ ބިދޭސީންތަކަށް އެތައް މަހެއް ވަންދެން މުސާރަދީފައިނުވާތީއެވެ.

އެ ބިދޭސީންނަށް އިއްވި ހުކުމުގެ މުއްދަތަށްވުރެ ގިނަ ދުވަހު ބަންދުގައި ތިބުމުން މިހާރު އެ އެންމެން ވަނީ މިނިވަންވެފައެވެ.