05 Mar 2022, 17:08
ރާއްޖެއިން އުތުރުގެ ރަށެއްގައި ދޮންދަރިޔަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މުދިމަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އުތުރުގެ ރަށެއްގައި ބާރަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުރަތަމަ ހުށަހެޅީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. އަދި ބުނީ އެ މައްސަލައިގައި އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.
އެ ރަށު ކައުންސިލްގެ އޮފިޝަލަކު "ސަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޭނާ އެ ހުރި މަޤާމުގެ ގޮތުން އެންމެ ފުރަތަމަ އަޑު ފެތުރެން ފެށުމުން ގިނަ ބަޔަކަށް ލިބުނީ ކުއްލި ހައިރާން ކަމެއް ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެ މުދިމު މިހާރު ވެސް އުޅެނީ ޖިންސީ ގޯނާގެ ޝިކާރައަކަށްވީ އަންހެންކުއްޖާގެ މަންމައާ ކައިވެނި ކޮށްގެން ކަމަށެވެ.
"މީގެ ކުރިން އެބޭފުޅާގެ އެކަހަލަ އަޑެއް ނާރާ. އެ ހުރި މަޤާމުގެ ގޮތުން ބައެއް މީހުން ޤަބޫލެއް ވެސް ނުކުރެ. ނަމަވެސް ފުލުހުންނާ ގުޅިގެން ޖެންޑާ މިނިސްޓްރީން ހެދި އެސެސްމެންޓް ތަކަށްފަހު އެ ކުއްޖާއަށް ބެހިފައި ހުރިކަން ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައިވޭ. އެ ހިސާބުން ރަށުގެ އެންމެންވެސް ޤަބޫލުކޮށްފި،" އޮފިޝަން ވިދާޅުވިއެވެ.
މި މައްސަލަ އިތުރަށް ތަހުޤީގު ކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބު ތަކަށް ބަލައިއިރު މި އަހަރުގެ ޖެނުއަރީ މަހު އެކަނިވެސް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 105 މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ.