05 Mar 2022, 12:06
ރަޝިޔާގައި އެންމެ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ކިޔަވާ، ކާރްސްކް މެޑިކަލް ޔުނިވާސިޓީގައި އޮންލައިންކޮށް ކިޔަވައިދޭން ނިންމައިފިއެވެ.
ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހަންމަދު މިއަދު ވިދާޅުވީ އެ ޔުނިވާސިޓީން އޮންލައިންކޮށް ކިޔަވައިދޭން ނިންމީ ދިވެހި ސަރުކާރުން އެދިގެން ކަމަށެވެ.
އޭނާ ވިދާޅުވީ ރަޝިޔާގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ އަންނަން ބޭނުންވާ ނަމަ އެކަމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭނެ ކަމަށެވެ.
މީގެ އިތުރުން މިއުވާން ވިދާޅުވީ ޔޫކްރެއިން އިން ހަންގޭރީއަށް ގޮސް ތިބި ދިވެހިންގެ ތެރެއިން އެންމެ ފަހަށް ތިބި މީހުން ސަރުކާރުގެ އެހީތެރިކަމާއެކު މިއަދު ރާއްޖެ އަންނާނެކަމަށެވެ. އެއީ ހަ ދަރިވަރުންނާއި ތިން މީހުންގެ އާއިލާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ބެލަރޫސްގައި ތިބި ދިވެހި ދަރިވަރުން ވެސް އެނބުރި ރާއްޖެ އަންނަން ބޭނުންނަމަ އެކަމަށް ސަރުކާރުން ފުރުސަތު ފަހިކޮށްދޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. ބެލަރޫސް އިން ރާއްޖޭގެ ހަ ދަރިވަރަކު އެނބުރި އަންނަން ބޭނުންވެއެވެ. ނަމަވެސް އެ ޤައުމަށް ހަނގުރާމައިގެ އަސަރެއް ނުކުރާނެ ކަމަށް ބަލައި އެ ޤައުމުން ކިޔެވުން ކުރިއަށް ގެންދަން ނިންމާފައިވަނީ އާންމުކޮށް ވެސް ކިޔަވައިދޭ އުސޫލުން ކްލާހަށް ހާޒިރުވެގެން ކަމަށް މިއުވާން ވިދާޅުވިއެވެ.