ބްރަސަލްސް (5 މާޗް 2022): ޔުކްރެއިންގައި އުދުހުން މަނާ ސަރަހައްދެއް ގާއިމްކޮށްފިނަމަ ނޭޓޯގެ ގައުމުތައް އަސްކަރީ ގޮތުން ސީދާ ގޮތެއްގައި ރަޝިއާ އާ ކުރިމަތިލާންޖެހޭނެތީ އެކަން ނުކުރެވޭނެކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔާންސް ސްޓޯލްޓެންބާގް ވިދާޅުވެއްޖެއެވެ.

ބްރަސަލްސްގައި އިއްޔެ ބޭއްވި ނޭޓޯގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަކަށްފަހު ސްޓޯލްޓެންބާގް ވިދާޅުވީ ޔޫކްރެއިންގައި އުދުހުން މަނާ ސަރަހައްދެއް ގާއިމްކޮށްފިނަމަ އެކަން ތަންފީޒުކުރަން ޖެހޭނީ ނޭޓޯއިން ކަމަށާ އެއީ ރަޝިއާ އަސްކަރީ ގޮތުން ކުރިމަތިލާންޖެހިދާނެ ބިރުވެރި ކަމެއް ކަމުގައެވެ. ނޭޓޯއިން ރަޝިއާ އަސްކަރީ ގޮތުން ކުރިމަތިލާން ބޭނުންނުވާކަމަށާ އެކަން ކުރަން ނޭޓޯގެ އެއްވެސް ގައުމަކުން ބޭނުން ނުވާކަމަށް ސްޓޯލްޓެންބާގް ވިދާޅުވިއެވެ.

ރަޝިއާގެ ހަމަލާތައް ޔުކްރޭންގެ ވެރިރަށް ކީޔެވް އަށް އަރަނީ

ނޭޓޯއަކީ 34 ގައުމު ހިމެނޭ އަސްކަރީ ބޮޑު އިއްތިހާދެއް ކަމަށް ވިޔަސް ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިޔާ ބާރު އަދި ކޮންވެންޝަނަލް ހަތިޔާރުގެ ގޮތުން ދެވަނަ ބާރުކަމަށްވާ ރަޝިއާ އާ ކުރިމަތިލައިގެން ނޭޓޯއަށް ރަޝިއާގެ މައްޗަށް ކާމިޔާބު ނުހޯދޭނެކަން ނޭޓޯ ދަނެއެވެ. މިފަދަ ހާލަތެއްގައި ރަޝިއާވެސް އަދި ނޭޓޯގެ 34 ގައުމުވެސް ފަނާވެގެންދާނީ ކަމަށް އަސްކަރީ ތަޖްރިބާކާރުން ވިދާޅުވެއެވެ. ނަމަވެސް ނޭޓޯ ގެންދަނީ ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދީގެން ޔުކްރޭން ހަނގުރާމަ ދިގު ދެންމުމަށް މަސައްކަތް ކުރަމުންނެވެ.

ޔޫކްރެއިންގައި އުދުހުން މަނާ ސަރަހައްދެއް ގާއިމް ކުރުމަށް ނޭޓޯގެ ކިބައިން އެދުނީ ޔުކްރެއިންއެވެ. އިއްޔެ ބޭއްވި ނޭޓޯގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި މިކަމާބެހޭގޮތުންވަނީ މަޝްވަރާކޮށްފައެވެ. މިބައްދަލުވުމުން ނިންމާފައިވަނީ މިކަން ކުރަން ނުފެންނަ ކަމުގައެވެ. އަދި ޔުކްރޭން ހަނގުރާމައިގެ ތެރެއަށް ސީދާ ގޮތެއްގައި ނޭޓޯ ނުވަނުމަށެވެ.

ޔޫކްރެއިނުގެ ހަނގުރާމައިގައި އެއްވެސް މިންވަރަކަށް ނޭޓޯ ބައިވެރިނުވާން ނިންމާފައިވާކަމަށް ސްޓޯލްޓެންބާގް ވިދާޅުވި ނަމަވެސް ނޭޓޯ ގެންދަނީ ނުސީދާގޮތެއް ޕްރޮކްސީކޮށް މިހަނގުރާމައިގައި ބައިވެރިވަމުންނެވެ. އެއީ ޔުކްރޭނަށް ހަތިޔާރާއި ފައިސާ އަދި ލޮޖިސްޓިކް ސަޕޯޓާއި ޖާސޫސީ މައުލޫމާތު ފޯރުކޮށްދީގެންނެވެ. މިއާއެކު ޔުކްރޭންގެ ރައީސް ޒިލިންސްކީވެސް ވަނީ މިއީ ނޭޓޯއާއި ރަޝިއާއާ ދެމެދު ހިނގާ ހަނގުރާމައެއް ކަަމަށް ވިދާޅުވެފައެވެ.

ރަޝިއާގެ ހަމަލާތަކުން ޔުކްރޭންގެ ވެރިރަށް ކީޔެވް ހަލާކުވެ ވީރާނާވަނީ

ނަމަވެސް ތަޖްރިބާކާރުން ވިދާޅުވާގޮތުގައި ނޭޓޯގެ މިއެހީ ތަކާއެކުވެސް ރަޝިއާއިން ޔުކްރޭން ހަނގުރާމަ ކާމިޔާބު ކުރާނެއެވެ. އަދި ހަނގުރާމަ ދިގު ދެެމިގެން ގޮސްފިނަމަ ބޮޑު ބައްޔަކުން ޔުކްރޭން ބަލިވެގެންދާނެއެވެ. އެއީ ޔުކްރޭން އާ އަޅާބަލާއިރު އާދައިގެ ހަތިޔާރުގެ ގޮތުންބެލިނަމަވެސް ރަޝިއާއަކީ ހަތާވީސް ގުނަ ބާރުގަދަ ގައުމަކަށްވާތީއެވެ. މީގެއިތުރުން ރަޝިއާއަކީ 7 ފަހަރު ދުނިޔެ ފަނާކޮށްލެވޭ ފަދަ އެންމެ ބޮޑު ނިއުކްލިޔަ ބާރެވެ. އެމެރިކާއަށްވެސް ދުނިޔެ ފަނާކޮށްލެވޭނީ 4 ފަހަރުއެވެ.

ޔުކްރޭން އާ ދެކޮޅަށް ރަޝިއާ ފަށާފައިވާ ހަނގުރާމަ ހުއްޓުވާފަދަ ފިއްތުންތަކެއް އެމެރިކާއާއި ނޭޓޯއަށް ރަޝިއާއަށް ކުރިމައްޗެއް ނުކުރެވެއެވެ. އެމެރިކާއާއި ނޭޓޯގެ ފިޔަވަޅުތަކަކީ ރަޝިއާ މައިތިރި ކުރެވޭ ވަރުގެ ފިޔަވަޅުތަކެއް ނޫނެވެ. އެއަށްވުރެ މާ ބަލިކަށި އަދި ދިގުމުއްދަތަކުން ނޫނީ އޭގެ އަސަރު ރަޝިއާއަށް ނުކުރާނެ ފިޔަވަޅުތަކެކެވެ.

ރަޝިއާ ބުނާގޮތުން ހަނގުރާމަ ހުއްޓާލާނީ ޔުކްރޭނުން ނޭޓޯގައި ބައިވެރި ނުވާނެކަމުގެ ގެރެންޓީ ދިނުމުންނާއި އަސްކަރީ ބާރުނެތް ގައުމަކަށް ޔުކްރޭންވެ އަދި ވަކިކޮޅަކަށް ނުޖެހޭ ނިއުޓްރަލް ގައުމެއްގެ ގޮތުގައި އޮތުމަށާއި ޔުކްރޭންގައި ދިރިއުޅޭ ރަޝިއާ ދަރިކޮޅުގެ މީހުންގެ ހައްގުތައް ހިމާޔަތް ކުރާނެކަމުގެ ޔަގީންކަން ޔުކްރޭން ދިނުމުންނެވެ.

މިކަންކަމަށް އެއްބަސްނުވެ ނޭޓޯގެ އެހީގައި ޔުކްރޭނުން ހަނގުރާމަ ދިގު ދަންމާ ކޮންމެ ދުވަހަކީ ޔުކްރޭނަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ދުވަހެއް ކަމަށް ރަޝިއާ ބުނެއެވެ. މިހާރުވެސް ހަނގުރާމައިގެ ސަބަބުން ޔުކްރޭންގެ ދެމިލިޔަން މީހުންވަނީ ރެފިއުޖީންނަށް ވެފައެވެ. އަދި ގައުމުގެ އެތައް ސަރަހައްދެއް ރަޝިއާގެ އަތްދަށަށް އައިސްފައިވާއިރު ވެރިރަށް ކިޔޭވް އާއި އެނޫންވެސް ބޮޑެތި ސިޓީތައް ދަނީ ވަރަށް ބޮޑަށް ހަލާކުވަމުންނެވެ.

ޔުކްރޭން ސިފައިންގެ ދެހާހަށްވުރެ ގިނަ މަރުކަޒު ރަޝިއާއިންވަނީ ހަލާކުކޮށްލާފައެވެ. ޔުކްރޭންގެ ވައިގެ ސިފައިންވެ ބާރުތައްވެސްވަނީ ފުނޑާލާފައެވެ. ރަޝިއާ އާ ދެކޮޅަށް ޔުކްރޭން ބޭނުންކުރަނީ މައިގަނޑު ގޮތެއްގައި އެއްގަމު ބާރުތަކާއި ނޭޓޯ އިން ފޯރުކޮށްދޭ ވައިގެ ދިފާއީ ހަތިޔާރުތަކެވެ.

މިހަނގުރާމައިގާ ރަޝިއާ ސިފައިންނަށްވެސް ބޮޑެތި ގެއްލުންތައް ލިބެމުންދެއެވެ. ނަމަވެސް ރަޝިއާގެ އެތެރެއަށް އެންމެ ހަމަލާއެއް ދިނުމުގައިވެސް ޔުކްރޭންވަނީ ނާކާމިޔާބުވެފައެވެ. މުޅި ހަނގުރާމަ ހިނގަމުންދަނީ ޔުކްރޭންގެ ބިމުގައެވެ. ހަލާކުވަމުންދަނީ ޔުކްރޭންގެ ސިޓީތަކާއި އިންފްރާސްޓްރަކްޗާ އެވެ. ހާލުގައި ޖެހި ގައުމު ދޫކޮށް ދާންޖެހިފައިވަނީ ޔުކްރޭންގެ އާންމުންނަށެވެ.