އިޓާލިއަން ލީގުގައި ރޭ ސެލަނިޓާއާ ދެކޮޅަށް ކުޅުނު މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށް އިންޓަ މިލާނުން ލީގު ތާވަލްގެ އެއް ވަނައަށް ޖެހިލައިފިއެވެ.

އިންޓަ އިން އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 20 ވަނަ މިނެޓުގައެވެ. ނިކޯލޯ ބަރޭލާ ދިން ޕާހަކުން މި ލަނޑު ޖެހީ ލަޓާރޯ މާޓިނޭޒްއެވެ. އޭނާ ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ތިރީ ކަނަށެވެ.

އިންޓަގެ ދެ ވަނަ ލަނޑު ވެސް މާޓިނޭޒް ކާމިޔާބުކޮށްދިނީ ބަރޭލާ ދިން ބޯޅައަކުންނެވެ.

މެޗުގެ 56 ވަނަ މިނެޓުގައި މާޓިނޭޒް ވަނީ އިތުރު ލަނޑެއް ޖަހައި ހެޓްރިކް ހަދާފައެވެ. މި ލަނޑު އޭނާ ޖެހީ އެ ޓީމުގެ އެޑެން ޑެޒްކޯ ނަގައިދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ.

އިންޓަގެ ފަހު ދެ ގޯލު ޖަހައިދިނީ ޑެޒްކޯއެވެ. އޭނާގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ 64 ވަނަ މިނެޓުގައެވެ. އެލަނޑު އޭނާ ޖެހީ ރޮބިން ގޮސެންސް ދިނަ ޕާހަކުންނެވެ. އޭގެ ފަސް މިނެޓު ފަހުން އަނެއްކާވެސް ޑެޒްކޯ ވަނީ ލަނޑެއް ޖަހާފައެވެ. މި ލަނޑު އޭނާ ޖެހީ ކައުންޓާ އެޓޭކްގައި ޑެންޒެލް ޑަމްފްރީސް ދިން ބޮޅައަކުންނެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޖުމުލަ 58 ޕޮއިންޓު ހޯދައިގެން އިންޓަ އިން މި ވަގުތު އޮތީ ތާވަލްގެ އެއް ވަނައިގައެވެ. ދެ ވަނައިގައި އޮތް ނަޕޯލީއަށް ލިބެނީ 57 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އޭސީ މިލާނަށް ވެސް ލިބެނީ 57 ޕޮއިންޓެވެ. ހަތަރު ވަނައިގައި ޖުވެންޓަސް އޮތީ 50 ޕޮއިންޓާއެކުއެވެ.