15 Mar 2012, 09:12
މީހުން ކިޑްނެޕްކުރުމާއި މީހުން ވަގަށް ގެންގޮސް ފުރާނައަށް އަގުކިޔުން ދިވެހިން ކުރިން އަޑު އަހަނީ، ބަލަނީ ހަމައެކަނި ފިލްމުތަކުންނެވެ. ނަމަވެސް ރާއްޖޭގައި ވެސް އެފަދަ ހާދިސާތައް މަދުމަދުން ހިނގާ ކަމަށް ފަހަކަށް އައިސް އިވެ އެވެ. އަދި އެފަދަ މަދު ދެ މައްސަލައެއްގެ މައުލޫމާތު ވެސް ފުލުހުން ދިނެވެ. މީހުން ކިޑްނެޕް ކުރުން މިއީ ރާއްޖޭގެ ކުށު ވެއްޓަށް، އަދި ކުށަށް އަރައިގަންނަ މީހުންގެ ތެރެއަށް އިތުރުވެފައިވާ ކަމެކެވެ. އެހެން ކަމުން ރާއްޖޭގައި މީހުން ކިޑްނެޕްކުރާ "ސްޓައިލް" ތަފާތު ނަމަވެސް އެއެީ ރާއްޖޭގައި މިހާރު ހިނގަމުން އަންނަ ކަމެކެވެ.
ރާއްޖޭގައި މީހަކު ކިޑްނެޕްކުރި މައްސަލައެއް އެންމެ ފަހުން ފެންމަތިވެފައި ވަނީ 2009 އަހަރުގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު އެވެ. އެއީ 18 އަހަރުގެ ކުއްޖަކު ކިޑްނެޕްކޮށް 25،000ރ. ހޯދުމަށް ޑިމާންޑް ކުރި ވާހަކަ އެވެ. އޭގެފަހުން ޖެހިގެން އައި 2010 ވަނަ އަހަރު ވައްކަން ކުރަން ގެއަކަށް ވަތް މީހަކު ސަލާމަތްވާން ކުޑަ ދެކުއްޖަކަށް ބިރުދައްކައި ކިޑްނެޕް ކުރި އެވެ.
ރާއްޖޭގައި މީހުން ކިޑްނެޕް ކުރުމުގެ ތަފާސް ހިސާބުތަކެއް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި މީހުން ކިޑްނެޕްކުރި 13 މައްސަލަ އެއް ފުލުހުންނަށް އެކި ފަރާތްތަކުން ރިޕޯޓް ކުރި އެވެ. އޭގެތެރޭގައި ކުޑަކުދިން ކިޑްނެޕް ކުރުމުގެ ހަތަރު މައްސަލައެއް ހުށަހަޅާފައިވާއިރު އޭގެތެރެއިން އެއް މައްސަލަ ވަނީ ތަހުގީގު ނިންމުމަށްފަހު މައްސަލަ ޕީޖީ އަށް ވެސް ފޮނުވާފަ އެވެ.
ބޮޑެތި މީހުން ކިޑްނެޕްކުރުމުގެ ހަތަރު މައްސަލައެއް ވެސް ހުށަހަޅާފައިވާއިރު އެއީ މުޅިން ވެސް ބިދޭސީން ކިޑްނެޕްކޮށްފެން ހުށަހެޅި މައްސަލަތަކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ސަބްއިންސްޕެކްޓާ އަހުމަދު ޝިޔާމް ވިދާޅުވި ގޮތުގައި މިހާތަނަށް ފުލުހުންނަށް ހުށަހަޅާފައިވާ ކިޑްނެޕްގެ ގިނަ މައްސަލަތަކުގައި ޑިމާންޑްކޮށްފައި ހުންނަނީ ފައިސާއަށެވެ. އަދި އެހެން ގައުމުތަކާ ޚިލާފަށް ރާއްޖޭގައި ކިޑްނެޕްކުރާ ގޮތް ވެސް ތަފާތެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުންނަށް ހުށަހަޅާފައިވާ ކުޑަކުދިން ކިޑްނެޕްކުރުމުގެ މައްސަލަތަކުގައި ހުންނަނީ އެކުދިންގެ ނުރުހުމުގައި ބަދުއަޚްލާގީ ޢަމަލެއް ހިންގުމަށް ތަނަކަށް ގެންގޮސްގެން ނުވަތަ އާއިލާ މީހަކު އެކުދިން ގަދަކަމުން ގެންގޮސް ގެނެވެ.
"ބިދޭސީންނާއި ބޮޑެތި މީހުން ކިޑްނެޕްކޮށްފައި ހުންނަ ގިނަ މައްސަލަތައް ގުޅިފައި ހުންނަނީ ފައިސާ ދޭންޖެހޭ ފަރާތުން ފައިސާ ނުދީގެން ނުވަތަ ގާނޫނާއި ގަވާއިދާ ޚިލާފަށް ހިންގާ ކޮންމެ ވެސް ކަމަކާ ގުޅިގެން ފައިސާ ހޯދުމަށް ވެރިފަރާތުން ކުރާ ޑިމާންޑްތަކާ،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި ބައެއް ފަހަރަށް ބިދޭސީން މެދުވެރިކޮށް ބިދޭސީން ރާއްޖެ ގެންނަ ފަރާތުން ފައިސާ ނުދީ ފިލައިގެން އުޅެ އެވެ. އަދި އެމީހުންގެ ތެރޭގައި އެފަދަ ފަރާތްތައް ހޯދާ ކިޑްނެޕްކޮށް ފައިސާދޭން ޑިމާންޑްކުރަމުން ދެ އެވެ،
ރާއްޖޭގައި މީހުން ކިޑްނެޕް ކުރުން ދަނީ އާންމުންވަމުންނެވެ. އަދި ގުޅުންހުރި މައްސަލަތައް ވެސް ދަނީ އުފެދެމުންނެވެ. އޭގެތެރޭ ބިދޭސީން ގަދަކަމުން ފޮރުވުމާއި ރަހީނު ކުރުމާއި މީހުން ވަގަށް ނެގުން ފަދަ ހިއުމަން ޓްރެފިކިންގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. މިދިއަ އަހަރުވެސް ގަދަކަމުން ބިދޭސީން ފޮރުވުމުގެ ދެ މައްސަލައަކާއި ރަހީނުންގެ ގޮތުގައި މީހުން ފޮރުވި ދެ މައްސަލަ އެއް ފުލުހުންނަށް ހުށަހެޅި އެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މީހުން ވަގަށް ނެގުމާ ކިޑްނެޕްކުރުމާއި ގުޅުންހުރި ކަންތައްތައް ރާއްޖޭގައި ކުރުން އިތުރުވަމުން އަންނަކަން ފާހަގަ ކުރެވެ އެވެ. އަދި މިކަމަކީ މިއަދު މިއޮތް ކުށުގެ ވެށީގައި މާބޮޑު ސަމާލުކަމެއް ދެވިފައި ނެތް ސީރިއަސް މައްސަލަ އެއްކަން ތަފާތު ހިސާބުތަކު އެނގެ އެވެ.