ކޮލަންބޯ (5 މާޗް 2022): ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިޞާދީ މައްސަލަތައް އިންތިހާއަށް ބޮޑުވެ ކާބޯތަކެތީގެ ތަކެތީގެ އަގުތައް އުފުލި ރައްޔިތުންގެ އަތްމަތި ދަތިވެ ތެޔޮ ހުސްވެ ގައުމު މުޅިން ހުއްޓުމަކަށް އައުމާ ގާތަށް ގޮސްފައިވާ ކަމަށް ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އަލްޖަޒީރާ ބުނާގޮތުން ސްރީލަންކާ މިހާލަތަށް ދިޔައީ ކޮވިޑް-19 އާ ގުޅިގެން ސްރީލަންކާ ސަރުކާރުން އެގައުމުގެ ސަރަހައްދީ ރޮނގުތައް މާ ދިގު މުއްދަތަކަށް ބަންދުކުރުމާއި ސަރުކާރުގެ އިގްތިސާދީ ސިޔާސަތު ބައްޓަންކޮށްފައިވާގޮތުން ރައްޔިތުންނަށް ޑަބަލް ޓެކްސް އާ ކުރިމަތިލާން ޖެހުމާއި ދަރަނި ބޮޑުވުމާއި ދަރަނިން ކޮށްފައިވާ އިންވެސްޓްމަންޓްތަކުން އެކަށީގެންވާ މިންވަރަށް ފައިދާ ނުލިބޭތީއެވެ.

ކޮވިޑް-19 އާ ގުޅިގެން ސްރީލަންކާއިން ސަރަހައްދީ ރޮނގުތައް ދިގު މުއްދަތަކަށް ބަންދުކުރުމުން ފަތުރުވެރިކަން މުޅިން ހުއްޓުމަކަށް އައެވެ. ސްރީލަންކާއަށް ބޭނުންވާ ބޭރުފައިސާގެ ގާތްގަނޑަކަށް 70 އިންސައްތަ އަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީއެވެ. ނަތީޖާއެއްގެ ގޮތުން މިހުރިހާ މައްސަލަތަކެއް ދިމާވުމަށް މަގުފަހިވީ ކަމަށް އަލްޖަޒީރާ ބުނެއެވެ.

ސްރީލަންކާއަށް މިހާރު ކުރިމަތި ވެގެން އުޅޭ އަނެއްމައްސަލައަކީ އެންމެ އަސާސީ އެއްޗެއްކަމަށްވާ ޕެޓްރޯލްއާއި ޑީސަލް އިމްޕޯޓް ކުރުމަށް ބޭނުންވާ މިންވަރަށްވެސް ބޭރުފައިސާ ނެތުމެވެ. ނަތީޖާއެއްގެ ގޮތުން ޕަބްލިކް ޓްރާންސްޕޯޓްގެ ބޮޑުބައެއްވެސް އިއްޔެ އިން ފެށިގެންވަނީ ހުއްޓުމަކަށް އައިސްފައެވެ.

ޕަބްލިކް ޓްރާންސްޕޯޓް ފްލީޓްގައި އެތައް ހާސް ބަހެއް ހިމެނޭއިރު އޭގެތެރެއިން ހަތަރުބައިކުޅަ ތިންބައި ބަސްތަކުގެ ދަތުރުތައްވަނީ ޑީސަލް އާއި ޕެޓްރޯލް ނެތިގެން ހުއްޓުމަކަށް އައިސްފައެވެ. އަނެއް ހަތަރުބައިކުޅަ އެއްބައި ގައި ހިމެނޭ ބަސްތަކަށް ތެޔޮ ހޯދުމަށް ޑްރައިވަރުން ހަތް ގަޑިއިރަށް ވުރެ ގިނައިރު ކިޔޫގައި މަޑުކުރަން ޖެހިފައިވާ ކަމަށް ސްރީލަންކާގެ ޕްރައިވެޓް ބަސް އޮވްނާސް އެސޯސިއޭޝަން އާ ހަވާލާދީ އަލްޖަޒީރާ ބުނެއެވެ.

މިކަމުގެ ނަތީޖާއަކީ ސްރީލަންކާގެ ސަރުކާރުގެ އޮފީސްތަކާއި އެކިއެކި ކުންފުނިތަކާ އަދި ކާރުޚާނާތަކުގެ މސައްކަތްތަކަށް ގިނަ ބަޔަކަށް ނުކުމެވޭގޮތް ނުވުމެވެ. ރިޕޯޓްތައް ބުނާގޮތުން ސްރީލަންކާގެ އަމިއްލަ މީހުންގެ ކާރުތަކާއި މިނީ ބަސްތައްފަދަ އެއްގައުމު ޕްރައިޓް އުޅަނދުތަކުގެ ހާލަތު މިއަށްވުރެވެސް ބޮޑެވެ. އޭގެތެރެއިން ގިނަ އުޅަނދުތައް ތެލާއި ގޭސް ނުލިބޭތީ ހުއްޓުމަކަށް އައިސްފައިވާތާ ތިންދުވަސް ވެފައިވެއެވެ. ނަމަވެސް މޮޓޯސައިކަލްތަކާއި ތިން ފުރޮޅުލީ ޕްރައިވެޓް އުޅަނދުތައް އަދިވެސް ދަތުރުކުރެއެވެ. ގިނަ މީހުން ތަންތަނަށް ދަނީ މޮޓޯސައިލް ތަކުގައެވެ. ތިން ފުރޮޅުލީ ޕްރައިވެޓް އުޅަނދުތަކުގެ ދަތުރުތަކުގެ އަގުތައްވެސް އިންތިހާއަށް ބޮޑެވެ.

ސްރީލަންކާއަށް ތެޔޮ އެތެރެކުރާ މައި ކުންފުނި ކަމަށްވާ "ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީޕީސީ)" ގެ މަސްއޫލުވެރިއަކާ ހަވާލާދީ އަލްޖަޒީރާ ބުނާގޮތުން މުޅި ސްރީލަންކާގައިވެސް ހަފްތާއަކަށް ބޭނުންވާ ވަރަށްވެސް ޕެޓްރޯލްއާއި ޑީސަލް މިހާރު ނެތެވެ. ޕެޓްރޯލްއާއި ޑީސަލް އަގު ބޮޑުކޮށްފައިވަނީ އަދި ވަރަށް ކުޑަ މިންވަރަކަށް ނޫނީ އެތަކެތި ދޫނުކުރަނީ މިކަމުގެ ސަބަބުންނެވެ. ސްރީލަންކާއަށް އެން އަވަހަށްވެސް ޕެޓްރޯލްއާއި ޑީސަލް ގެ ޝިޕްމެންޓެއް ލިބޭނީ މިހަފްތާގައި ކަމަށް މައުލޫމާތު ލިބެއެވެ.

މުޅި ސްރީލަންކާ ޕެޓްރޯލާއި ޑީސަލަށް ޖެހުމުން އާއްމު ދަތުރުފަތުރުތައް ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައިވާއިރު ކަރަންޓްގެ ކަންތައްވެސް އޮތީ މިހާލަތުގައެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަގުތުތަކަކަށް ކަރަންޓް ކަނޑަމުން ގެންދާތާ އެތައް މަހެއް ވެފައިވާއިރު ކަރަންޓް ކަނޑާލާ ގަޑީގެ އަދަދު މިހާރު ވަނީ އަށްގަޑީއިރަށް އިތުރުކޮށްފައެވެ. އަދި ސަރުކާރުގެ އޮފީސްތަކާއި ޕްރައިޓް ތަންތަނުގައިވެސް އެއާކޯން ބޭނުންކުރުން ހުއްޓާލުމަށް ސަރުކާރުންވަނީ އިލްތިމާސް ކޮށްފައެވެ.