ރަޝިއާއިން ހުށަހަޅާ ހުރިހާ ޝަރުތެއް ގަބޫލުކޮށްފި ނަމަ، ޔޫކްރޭނާ މަޝްވަރާ ކުރަން އެގައުމު ތައްޔާރަށް އޮތް ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން މިއަދު ވިދާޅުވެއްޖެއެވެ.

ރަޝިއާ ސަރުކާރުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ރައީސް ޕޫޓިން ވަނީ ޖަރުމަނުގެ ޗާންސެލަރު އޯލާފް ޝޮލްޓްޒްއާ މިއަދު ފޯނުން ވާހަކަ ދައްކަވާފައެވެ.

"ޔޫކްރޭންގެ އިތުރުން، އެގައުމުގައި ސުލްހަ ގާއިމު ކުރަން ބޭނުންވާ އެހެން އެންމެންނާއެކު ވެސް މަޝްވަރާ ކުރަން ރަޝިއާ އޮތީ ތައްޔާރަށް ކަން [ޕޫޓިން] ވިދާޅުވި. ނަމަވެސް އެއީ ރަޝިއާގެ ހުރިހާ ޝަރުތެއް ގަބޫލުކުރާނަމަ،" ސަރުކާރުގެ ބަޔާނުގައިވެއެވެ.

ރަޝިއާއިން ހުށަހަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި، ކްރައިމިއާ އަކީ އެގައުމުގެ ސަރަހައްދެއްކަން ބަލައިގަތުމާއި ޔޫކްރޭނަކީ ވަކި ފަރާތަކަށް ނުޖެހޭ، ނިއުކްލިއާ ބާރެއް ނެތް ގައުމެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދިނުން ހިމެނެއެވެ.

މީގެ ކުރިން ޔުކްރޭންގެ ސަރަހައްދެއްގެ ގޮތުގައި އޮތް ކްރައިމިއާ އަކީ ރަޝިއާގެ ބައެއްކަމަށް އެގައުމުން ވަނީ 2014 ވަނަ އަހަރު ކަނޑައަޅާފައެވެ. އެއީ އެ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާގެ ސިފައިން ކްރައިމިއާއަށް ވަދެ، އެ ސަރަހައްދުގެ ޕާލިމެންޓު ފަދަ މުހިންމު ބައެއް ތަންތަން ހިފި ފަހުންނެވެ. އަދި ކްރައިމިއާ އަކީ ރަޝިއާގެ ބަޔަކަށް ހެދުމާ ބެހޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ބޭއްވި ފަހުންނެވެ.

ރަޝިއާއިން މިދިޔަ މަހު ޔޫކްރޭން ހަނގުރާމަ ފަށާފައި ވަނީ، ޔޫކްރޭންގެ އިރުމަތީގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތަށް ޓަކައި ހާއްސަ އަސްކަރީ އޮޕަރޭޝަނެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ބުނެއެވެ.

އެ ހަނގުރާމައިގެ ސަބަބުން ޔޫކްރޭނުން 2،000އަށް ވުރެ ގިނަ އާންމު ރައްޔިތުން މަރުވެފައިވާ ކަމަށް އެގައުމުގެ އެމާޖެންސީ ސާވިސަސްއިން ވަނީ މިދިޔަ ބުދަ ދުވަހު ބުނެފައެވެ. އަދި ހަމަ އެ ދުވަހު، ރަޝިއާގެ ޑިފެންސް މިނިސްޓްރީން ވަނީ އެގައުމުގެ 498 ސިފައިން ހަނގުރާމައިގައި މަރުވެފައިވާ ކަމަށް ބުނެފައެވެ.

އެ ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ދެ ގައުމުގެ އޮފިޝަލުން އިއްޔެ ބައްދަލުކުރެއްވި ނަމަވެސް ދެ ފަރާތަށް އެއްބަސްވުމަކަށް އާދެވިފައި ނުވެއެވެ. އެއީ މިދިޔަ ހަފްތާ ތެރޭގައި ދެ ގައުމުގެ އޮފިޝަލުން ބައްދަލުކުރެއްވި ދެވަނަ ފަހަރެވެ.