ދިއްފުށީ ފަޅުގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް މަޑުޖައްސާލުމަށް ނެރުނު އަމުރު، ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ވިޔަފާރިވެރިޔާ ޙާމިދު އިސްމާއީލަށް 2015 ވަނަ އަހަރު ދިއްފުށީ ފަޅު ކުއްޔަށް ދީފައި ވަނިކޮށް 2017ގައި ސަރުކާރުން އެތަން އަތުލި މައްސަލައިގައި އޭނާ ވަނީ ދައުލަތާ ދެކޮޅަށް ދައުވާ ކޮށްފައެވެ.

މި މައްސަލައިގައި އެ ތަނުގެ މަސައްކަތްތައް ހުއްޓާލުމުގެ އަމުރަކަށް ސިވިލް ކޯޓުގައި ޙާމިދުގެ ފަރާތުން އެދުމުން، އެ ކޯޓުން ދިއްފުށި ފަޅުގައި އެއްވެސް މަސައްކަތެއް ނުކުރުމަށް އަމުރު ކުރީ 2020 ވަނަ އަހަރުއެވެ. އެއިރު ފަޅު ވަނީ އެހެން ކުންފުންޏަކަށް ދީފައެވެ.

އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުން ވެސް ވަނީ ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށް، އެ އަމުރު ދަމަހައްޓައިފައެވެ.

އެއާއެކު ދައުލަތުން ވަނީ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދައަކަށް އެދިފައެވެ. މައްސަލަ އިސްތިއުނާފް ކުރުމުގެ ހުއްދަ އެ ކޯޓުން ދައުލަތަށް ދީފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

ސިވިލް ކޯޓުގެ އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރުމުން، މިދިޔަ ނޮވެންބަރު މަހު އެ ކޯޓުން ކުރި ހުކުމުގައި ވަނީ އެއްބަސްވުން ބާތިލުކުރިއިރު ދިއްފުށީ ފަޅުގައި ޙާމިދު ޚަރަދުކޮށްގެން ފަސް ހެކްޓަރުގެ ބިން ހިއްކާފައިވާކަމަށް ބުނާ ބުނުމަށް ދައުލަތުން އިންކާރުކޮށްފައި ނުވާކަން ފާހަގަކޮށްފައެވެ.

ހަމައެހެންމެ އެހެން ބަޔަކަށް މިހާރު އެތަން ކުއްޔަށް ދީފައިވާކަމަށް ދައުލަތުން ބުނި ނަމަވެސް، އެމީހުން އެ ތަނުގައި އެއްވެސް މަސައްކަތެއް ކުރާކަން ދައުލަތުގެ ބަހުން އެނގެން ނެތް ކަމަށްވެސް އެ ހުކުމުގައި ބުނެފައިވެއެވެ.

ސިވިލް ކޯޓުގެ އަމުރު ބާތިލުކުރަން ޖެހޭ ސަބަބެއް ނެތްކަމަށް ހައިކޯޓުން ނިންމީ އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.