05 Mar 2022, 09:54
މަޝްހޫރު މިއުޒިކް ސްޓްރީމިން ޕްލެޓްފޯމް ސްޕޮޓިފައި އިން، ރަޝިޔާގައި ހުންނަ އެ ކުންފުނީގެ އޮފީސް ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފިއެވެ.
އެމެރިކާގެ ވެރައިޓީ ނޫހުން ރިޕޯޓުކުރި ގޮތުގައި ސްޕޮޓިފައި އިން، ރަޝިޔާގައި ހުންނަ އެ ކުންފުނީގެ އޮފީސް ބަންދުކުރީ ރަޝިޔާއިން ޔޫކްރޭނަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.
ސްޕޮޓިފައިގެ އޮފީހެއް ރަޝިޔާގައި ހުޅުވީ މިދިޔަ މަހުގެ ތެރޭގައެވެ. އެއީ ދުވާލަކު ފަސް ލައްކައަށް ވުރެ ގިނަ މީހުންގެ އޯޑިއެންސެއް އޮންނަ ޓެކް ކުންފުނިތަކުން މިއަހަރު ފެށުމުގެ ކުރިން، އެ ކުންފުންޏެއްގެ އޮފީހެއް ރަޝިޔާގައި ގާއިމު ކުރަން ޖެހޭނެ ކަމަށް ބުނާ ގާނޫނެއް އެގައުމުން އެކުލަވާލުމުންނެވެ.
ރަޝިޔާއިން މިދިޔަ އަހަރު އިއުލާން ކުރި އެ ގާނޫނުގައިވާ ގޮތުގެ މަތިން ސްޕޮޓިފައިގެ އިތުރުން ޓިކްޓޮކް އަދި އެޕަލްއިން ވެސް ވަނީ އެގައުމުގައި އޮފީސްތައް ހުޅުވާފައެވެ. ނަމަވެސް އެ ގާނޫނަށް އަދި އަމަލު ނުކުރާ ކުންފުނިތަކުގެ ތެރޭގައި މެޓާ، ޓްވިޓާ އަދި ޓެލެގްރާމް ހިމެނެއެވެ.
ރަޝިޔާގައި ހުންނަ ސްޕޮޓިފައިގެ އޮފީސް ބަންދު ކުރި ނަމަވެސް އެގައުމުގައި ދިރިއުޅޭ މީހުންނަށް އެ އެޕް އަދިވެސް ބޭނުން ކުރެވޭނެއެވެ.
ސްޕޮޓިފައިގެ ތަރުޖަމާނަކު ވެރައިޓީއަށް ދީފައިވާ ބަޔާނެއްގައިވާ ގޮތުން، ދުނިޔޭގެ ފެންވަރުގައި މައުލޫމާތު ފެތުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ރަޝިޔާގައި އެކުންފުނީގެ ޚިދުމަތް ދެމުން ގެންދިޔުމަކީ މުހިންމު ކަމެއް ކަމަށް ސްޕޮޓިފައި އިން ދެކެއެވެ.
ޔޫކްރޭން ހަނގުރާމައާ ގުޅިގެން ސްޕޮޓިފައި އިން ވަނީ، އެ ޕްލެޓްފޯމުން ރަޝިއާގެ އާރުޓީ އަދި ސްޕަޓްނިކް ނިއުސްގެ ހުރިހާ އުފެއްދުންތަކެއް ބޭނުން ނުކުރެވޭ ގޮތް ހަދައިފައެވެ.
ރަޝިއާއަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި އެ ދެ އައުޓްލެޓަކީ ވެސް ރަޝިޔާ ސަރުކާރާއި އެ ގައުމުގެ ޚާރިޖީ ސިޔާސަތާ ގުޅޭ ޕްރޮޕަގެންޑާ ފަތުރާ ދެ އައުޓްލެޓެވެ.
ކެނެޑާއާއި އީޔޫއިން ވަނީ ރަޝިޔާގެ ދައުލަތުގެ ޕްރޮގްރާމްތައް އެ ގައުމުތަކުގައި ދެއްކުން މަނާކޮށްފައެވެ. އަދި އެޕަލް އާއި ގޫގުލް އިން ވެސް ވަނީ އެ ދެ ކުންފުނީގެ އެޕް ސްޓޯރުތަކުން އާރުޓީ އާއި ސްޕަޓްނިކް ނިއުސް އެޕް އުނިކޮށްފައެވެ.
މީގެ އިތުރުން، ޔޫކްރޭން ހަނގުރާމަ ފެށުނު ފަހުން، މެޓާ އިންވަނީ ފޭސްބުކާއި އިންސްޓަގްރާމްގެ ފީޑްތަކުގައި އާރްޓީ އަދި ސްޕަޓްނިކް ނިއުސް ޗެނަލްތައް "ރިކޮމެންޑް" ކުރުން ހުއްޓާލާފައެވެ. ނަމަވެސް ޔޫޒަރުންނަށް ސީދާ ޕޭޖުތަކަށް ގޮސް އަމިއްލައަށް އެ ޕޭޖުތަކަށް ވަދެވިދާނެއެވެ.