މަހު ފީ ދައްކާގޮތަށް މާލޭން ކުއްޔަށް ދޫކުރަން ނިންމާފައިވާ 1000 ޕާކިން ސްލޮޓުގެ ތެރެއިން، މި ފެށޭ ހަފުތާގެ ތެރޭގައި 700 މީހުންނާ ސްލޮޓް ހަވާލުކުރެވޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭގެ ޕާކިން ސްލޮޓްތަކަށް އެދުމުގެ ފުރުސަތު މިދިޔަ މަހުގެ ނުވަވަނަ ދުވަހާއި 10 ވަނަ ދުވަހު ހުޅުވާލުމުން، މުއްދަތު ހަމަވިއިރު ޕާކިން ސްލޮޓްތަކަށް 2،807 މީހަކު އެޕްލިކޭޝަން ފޯމު ހުށަހަޅާފައިވެއެވެ.

ސިޓީ ކައުންސިލްގެ ތަރުޖަމާނު މަރިޔަމް ޝިއުނާ "ސަން" އަށް ވިދާޅުވީ، ޕާކިން ސްލޮޓްތަކާ ގުޅިގެން މިހާރު ކުރިއަށް ދަނީ، ކުރަހާފައިވާ 700 ޕާކިން ސްލޮޓް ލިބުނު މީހުންނަށް އެންގުމާއި ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުން ފަދަ އިދާރީ މަސައްކަތްތައް ކަމަށެވެ.

މިހާރު 700 ސްލޮޓް ކުރަހާ ނިމިފައި ވާކަން ފާހަގަ ކުރައްވަމުން ޝިއުނާ ވިދާޅުވީ، އެ 700 ސްލޮޓް ހަވާލު ކުރުމުގެ މަސައްކަތް ނިމުމުން ބާކީ 300 ސްލޮޓް ހަވާލު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ސްލޮޓްތައް ކުރެހުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާތީ، އަދި 1000 ސްލޮޓް ކުރަހާ ނުނިމޭކަން ޝިއުނާ ފާހަގަ ކުރެއްވިއެވެ.

ސިޓީ ކައުންސިލުން ބުނީ ޕާކު ކުރާނެ ޖާގަ ވިއްކަން ނިންމީ މާލޭގައި ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ދިމާވެފައިވާ ޕާކިން މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.

ކައުންސިލުން ބުނިގޮތުގައި ޕާކިން ސްލޮޓްތަކުގެ 25 ޕަސެންޓް ހާއްސަ ކުރާނީ ޓެކްސީ ތަކަށެވެ. އެގޮތުން 1،000 ސްލޮޓްގެ ތެރެއިން 250 ސްލޮޓަކީ ޓެކްސީ ތަކަށް ހާއްސަ ކުރާ ސްލޮޓްތައް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.