ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އާއި ފެކަލްޓީ އޮފް އާޓްސްގެ ގޮފި, ސްޓޫޑެންޓްސް އިނީޝިއޭޓިވް އޮފް އަރޓްސް (ސިއާ)އިން ގުޅިގެން ބާއްވާ "އެމްއެންޔޫއެސްޔޫ-ސިއާ" މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސިއާގެ ރައީސް ޢާލިމް އަބްދުއްލަތީފް "ސަން"އަށް ވިދާޅުވީ މި އަހަރުގެ މަދަހަ މުބާރާތް ބޭއްވުމަށް އަދި ހަމަޖެހިފައިވަނީ ރަމަޟާން މަހާ ދިމާކޮށް މި މަހުގެ 25 އަދި 26 ވަނަ ދުވަހުގައި ކަމަށެވެ.

"އަޅުގަނޑުމެން މިދިޔަ އަހުރުގައި ވެސް މި މުބާރާތް ނިންމާލީ ވަރަށް ކާމިޔާބު ކަމާއެކު. އުންމީދަކީ މި އަހަރުގެ މަދަހަ މުބާރާތް އަދި އެއަށް ވުރެ ފުރިހަމަވުން،" ޢާލިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ މަދަހަ މުބާރާތުގައި 60 އެއްހައި ބައިވެރިން ބައިވެރިވި ނަމަވެސް މި އަހަރު އެ އަދަދު ސަތޭކައަށް ވުރެ މައްޗަށް އަރާނެކަމަށް އުންމީދު ކުރާކަމަށެވެ.

"މި އަހަރުގެ މަދަހަ މުބާރާތް ވަރަށް ބޮޑަށް ތަފާތުވާނެ އިނގޭތޯ. މި އަހަރު ބައިވެރިން މަދަހަ ހުށަހަޅާ މަދަހައިގެ އިތުރުން ވޯޓު ހޯދަން ވެސް ޖެހޭނެ،" ޢާލިމް ވިދާޅުވިއެވެ.

މި އަހަރުގެ އެމްއެންޔޫއެސްޔޫ - ސިއާ މަދަހަ މުބާރާތް މީޑިއާއަކުން ދުރަށް ދައްކާނެ ކަމުގެ އުފާވެރި ޚަބަރު ވެސް ޢާލިމް ދެއްވިއެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނަށް އެކަންޏެވެ. މުބާރާތުގައި ބައިވެރިވާން ދަރިވަރުން ޖެހޭނީމި ފޯމުފުރައިލާށެވެ. މުބާރާތުގެގަވާއިދުވެސް މިހާރު ވަނީ އާއްމުކުރެވިފައެވެ.

މިއީ އެމްއެންޔޫއެސްޔޫއިން ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނަށް މަދަހަ މުބާރާތެއް ބާއްވާ ހަތަރު ވަނަ ފަހަރެވެ. އެ ޔޫނިއަނުން ފުރަތަމަ މަދަހަ މުބާރާތެއް ބޭއްވީ 2013ވަނަ އަހަރެވެ. އަދި ދެވަނަ މުބާރާތް ބޭއްވީ 2019ވަނަ އަހަރެވެ.

މިދިޔަ އަހަރުން ފެށިގެން އެ މުބާރާތް ބާއްވަނީ ސިއާއާ ގުޅިގެންނެވެ.