04 Mar 2022, 17:14
ރާއްޖޭން ބޭރުން އަންނަ މީހުންގެ ތެރެއިން، ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށް 14 ދުވަސްވެފައިވާ މީހުން ރާއްޖެ އެތެރެވާއިރު ޕީސީއާރު ޓެސްޓު ހަދަން ނުޖެހޭގޮތަށް އުސޫލަށް ބަދަލުގެނެސްފިއެވެ.
މިގޮތަށް އުސޫލަށް ބަދަލު ގެނައީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިއަދު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ނެރުނު އިއުލާނެއްގައެވެ.
އެ އިއުލާނުގައި ބުނެފައިވަނީ ރާއްޖެ އަންނަ މީހުންގެ ތެރެއިން ޑަބްލިޔުއެޗްއޯއިން އިމަރޖެންސީ ޔޫސް ލިސްޓުގައި ހިމަނައިފައިވާ ނުވަތަ ރާއްޖޭގައި ބޭނުންކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ހުއްދަދީފައިވާ ކޮވިޑް-19ގެ ވެކްސިން ފުރިހަމަކޮށް 14 ދުވަސް ވެފައިވާ މީހުން ރާއްޖެ އެތެރެވާއިރު ޕީސީއާރު ހަދަން ނުޖެހޭނެކަމަށެވެ.
މީގެ އިތުރުން، ގެސްޓު ހައުސް ހިންގާ ރަށްތަކުގައި ތިބޭ ފަތުރުވެރިން ރާއްޖޭން ފުރުމުގެ ކުރިން ހަދަންޖެހޭ ޕީސީއާރު ޓެސްޓު ވެސް ހަދަން ނުޖެހޭނެކަމަށް އެ އިޢުލާނުގައި ބުނެފައިވެއެވެ.
ރާއްޖެއިން މިއަދާ ހަމައަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 171,887އަށް އަރައިފައެވެ. އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖޭގައި މިވަގުތު 14,887މީހުން ތިބިއިރު އޭގެ ތެރެއިން 10 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެންނެވެ.
ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެ މީގެ ކުރިން އަޅައިފައިވާ ފިޔަވަޅުތަކަށް މިހާރު އެޗްޕީއޭއިން އަންނަނީ ލުއިތައް ދެމުންނެވެ.