މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ)ގެ ބޯޑަށް މެމްބަރުން ހޮވުމަށް ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ ވޯޓުލުން އިއްޔެ ބާއްވައިފިއެވެ.

އިއްޔެ މެންދުރު ބާރައިންފެށިގެން ހަވީރު ހަތަރަކާހަމައަށް ވޯޓުލުން ކުރިއަށްގެންދިޔައީ ހަތަރު މެޑިކަލް އިންސްޓިޓިއުޓެއްގައެވެ. އެގޮތުން އޭޑީކޭގައި އެއްފޮށި، ހުޅުމާލެ ހޮސްޕިޓަލުގައި އެއް ފޮށި، ޓްރީ ޓޮޕްގައި އެއް ފޮށި އަދި ފެކަލްޓީ އޮފް ހެލްތްގައި އެއްފޮށި ބަހައްޓައިގެން ވޯޓުލުން ކުރިއަށް ގެންދިޔައިރު، އޮންލައިންކޮށް ވެސް ވޯޓުލުން ކުރިއަށްގެންދިޔައެވެ.

އެ އިންތިޚާބުގައި މި އަހަރުގެ ބޯޑުގެ ރައީސަކަށް އިންތިޚާބުވެފައިވަނީ ކޮންސަލްޓެންޓް އިން އެމާޖެންސީ މެޑިސިން ޑރ. އައިމިނަތު ޒޭބާ އަޙްމަދެވެ. ނައިބު ރައީސްކަން ޑރ. އައްސަދު މުޙައްމަދު ހޮވިފައިވާއިރު، އެގްޒެކެޓިވް ސެކެޓްރީއަކަށް ހޮވިފައިވަނީ ޑރ. އަޙުމަދު ރަޝީދެވެ.

މީގެ އިތުރުން ޑެޕިއުޓީ ސެކެޓްރީއަކަށް ހޮވިފައިވަނީ މެޑިކަލް އޮފިސަރު ޑރ. މަރިޔަމް ނަޔާޝީނެވެ. އެ އެސޯސިއޭޝަންގެ ސްޕޯކްސް ޕާސަންގެ މަޤާމަށް ހޮވިފައިވަނީ މެޑިކަލް އޮފިސަރު ޑރ. ޢާއިޝަތު ސައުޝަންއެވެ. އަދި ޓްރެޝަރާގެ މަގާމަށް ހޮވުނީ މެޑިކަލް އޮފިސަރު ޑރ. މުޙަންމަދު މައުރޫފު ހަސަނެވެ. އެކަޑަމިކް ސެކެޓްރީއާއި ސައިންޓިފިކް ސެކެޓްރީގެ މަގާމަށް ހޮވިފައިވަނީ މެޑިކަލް އޮފިސަރު ޑރ. ހުމައިދު ޢަލީ އާއި މެޑިކަލް އޮފިސަރު ޑރ. ޢަލީ ޒާދީއެވެ. ހެލްތް ޕްރޮމޯޝަން ކޯޑިނޭޓަރަކަށް ހޮވިފައިވަނީ މެޑިކަލް އޮފިސަރު ޑރ. ޢާއިޝަތު ރައިޝާން ލަތީފެވެ.

އެމްއެމްއޭގެ ބޯޑު މެމްބަރެއް "ސަން" އާ ވާހަކަދައްކަވަމުން ވިދާޅުވީ އިއްޔެގެ އިންތިޚާބުގައި ޖުމްލަ 255 މީހުން ވޯޓުލާފައިވާކަމަށެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ވޯޓު ލުމުގެ ކަންތައް ދިޔައީ ވަރަށް ސްމޫތުކޮށް ކަން. ވޯޓު ފޮށިތައް ބަހައްޓާފަ ހުރި ސަރަހައްދުތަކުން އަޅުގަނޑުމެނަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބުން" އޭނާ ވިދާޅުވިއެވެ.

އެމްއެމްއޭ އަކީ ރާއްޖޭގައި ޑޮކްޓަރުން ތަމްސީލުކުރާ އެންމެ ބޮޑު ޖަމިއްޔާއެވެ. އެ ޖަމިއްޔާގެ މަގުސަދަކީ ޑޮކްޓަރުންގެ ތެރޭގައި ކުރަންޖެހޭ މަޝްވަރާތައް ކޮށް އެންމެން ގުޅިގެން މަސައްކަތްކުރަން ފަހި މާހައުލަކަށް ސިއްހީ ދާއިރާ ހެދުމެވެ.