04 Mar 2022, 10:24
ތިބާގެ އަތުގައި އޮތް އަގު ބޮޑު ޖަވާހިރެއް، ބޭނުންމީހަކަށް ނެގޭގޮތަށް ތަނެއްގައި ބާއްވަފާނަންހެއްޔެވެ؟ ޔަގީނުންވެސް ނުބާއްވާނެއެވެ. ޖަވާހިރެއްނޫނަސް، މީހުންގެ އަތުގައި ހުންނަ އަގު ބޮޑެތި އެއްޗެތި ގެންގުޅޭނީ ވަރަށް ބޮޑަށް ފޮރުވައިގެންނެވެ. ﷲ އަހަރެމެންނަށް ދެއްވަވާފައިވާ ހަށިގަނޑަކީވެސް ވަރަށް އަގު ބޮޑު ނިއުމަތަކެވެ. އެހަށިގަނޑުގެ ބައެއް ހިސާބުތަކަކީ ޝަރުޢީގޮތުން ހުއްދަ ލިބިފައިވާ ފަރާތަކަށް މެނުވީ ދެއްކުން މަނާ ސަރަހައްދުތަކެއްކަމުގައި ލައްވަވާފައިވެއެވެ. މިފަދައިން، މީހުންނަށް ނުފެންނާނެހެން ފޮރުވައިގެން އުޅެންޖެހޭ ސަރަހައްދަށް އައުރަ އެވެ ކިޔައެވެ.
އައުރައަކީ އެތަނެއް ބެލުން މަނާކުރެވިފައިވާ މީހެއްގެ ކުރިމަތީގައި ފާޅުކުރުން ހަރާމް ކުރައްވާފައިވާ، ހަށިގަނޑުގެ ކޮންމެ ތަނެކެވެ. އެގޮތުން؛ ހިލޭފިރިހެނުންގެ ކުރިމަތީގައި، އަންހެނުންގެ މޫނާއި ދެއަތްތިލަ ފިޔަވައި ދެން ބާކީ ހުރި ހުރިހައިތަނެއް ނިވައިކުރުން ވާޖިބުކަމަށް އިލްމުވެރިން އިއްތިފާގުވެއެވެ. އަދި ހަމަމިއާއެކު ފިތުނައިގެ ހާލަތުގައި، މޫނާއި ދެއަތްތިލަވެސް ހިމެނޭގޮތަށް، އަންހެނާގެ މުޅިހަށިގަނޑު ނިވައިކުރުން ވާޖިބުކަމަށް އިލްމުވެރިން ވިދާޅުވެއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. يَا بَنِي آدَمَ لَا يَفْتِنَنَّكُمُ الشَّيْطَانُ كَمَا أَخْرَجَ أَبَوَيْكُم مِّنَ الْجَنَّةِ يَنزِعُ عَنْهُمَا لِبَاسَهُمَا لِيُرِيَهُمَا سَوْآتِهِمَا (އަޢުރާފު: 27) މާނައީ: "އޭ އާދަމުގެދަރީންނޭވެ! ތިޔަބައިމީހުންގެ މައިންބަފައިންކަމުގައިވި (އާދަމުގެފާނާއި ޙައްވާގެފާނާއި) ދެކަނބަލުންގެ ޢައުރަ އެދެކަނބަލުންނަށް ދެއްކުމަށްޓަކައި، އެދެކަނބަލުންގެ ފޭރާން ބާލައި، އެދެކަނބަލުން ސުވަރުގެއިން ނެރެލިފަދައިން، ޝައިޠާނާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަނުދޭހުށިކަމެވެ!"
ފިރިހެނާ އައުރައިގެގޮތުގައި ނިވައިކުރުން ވާޖިބުވަނީ ފޫޅާއި ކަކުލާއިދެމެދުގައިވާ ތަނެވެ. މިއީ ޝަރުޢީގޮތުން ފިރިހެނުން ނިވައިކުރަންޖެހޭ އައުރައިގެ މިންވަރުނަމަވެސް، ގަޔަށް އެއްޗެއް ނުލައި ކުރު ސޯޓު ލައިގެން މީހުންގެތެރޭގައި އާންމުކޮށް އުޅުމަކީ ދިވެހިންގެ އާދަކާދަޔާ ފުށުއަރާ ކަމެކެވެ. ވީމާ މިބުނި ގޮތަށް މީހުންގެތެރެއަށް ނިކުމެ އުޅުމަކީ ތިމާއަށް އެހެންމީހުންގެ ނުރުހުމެއް އަމާޒުވެދާނެ ކަމެކެވެ.
އަންހެނެއްވިޔަސް ނުވަތަ ފިރިހެނެއްވިޔަސް، އައުރަ ނިވައިކުރުމުގައި ފުރިހަމަކުރަންޖެހޭ ޝަރުތުތަކެއް ވެއެވެ. އެންމެ ފުރަތަމަ ކަމަކަށް، ތިމާ ލާ ހެދުމަކީ ރަނގަޅަށް އައުރަ ނިވައިވާ ކަހަލަ ހެދުމަކަށްވުން ލާޒިމެވެ. އަދި އެހެދުމަކީ ފޭރާމުގެ ތުނިކަމުން، ނުވަތަ ފޭރާން ތައްޔާރުކޮށްފައިވާގޮތުން، އެތެރޭގައިވާ އެއްޗެއް ފާޅުވާ ހެދުމަކަށް ވެގެންނުވާނެއެވެ. އަދި އެއީ ގަޔަށް ބާރުވުމުގެ ސަބަބުން ގުނަވަންތައް ފާޅުކޮށްދޭފަދަ ހެދުމަކަށްވެސް ވެގެންނުވާނެއެވެ. ހަމަމިއާއެކު، އަންހެނުން ފިރިހެނުންނަށް ހާއްސަ ހެދުން ނޭޅުމާއި، ފިރިހެނުން އަންހެނުންނަށް ހާއްސަ ހެދުން ނޭޅުން ހިމެނެއެވެ. އަދި މީގެއިތުރުން، އެ ހެދުމެއްގެ ސަބަބުން އިދިކޮޅު ޖިންސުގެ ބެލުންތައް ތިމާއަށް ހުއްޓިދާފަދަ ހެދުމަކަށްނުވުން ޝަރުތު ވެގެންވެއެވެ. ﷲ ވަޙީކުރައްވާފައި ވެއެވެ. يَا أَيُّهَا النَّبِيُّ قُلْ لِأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِنْ جَلَابِيبِهِنَّ ۚ ذَٰلِكَ أَدْنَىٰ أَنْ يُعْرَفْنَ فَلَا يُؤْذَيْنَ ۗ وَكَانَ اللَّهُ غَفُورًا رَحِيمًا (އަޙްޒާބު: 59) މާނައީ: "އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން ނިވައިވެ ތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެންވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަންބޮޑެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ."
ލާފައި ހުންނަ ހެދުން ތިރިއަށް ސޮހިގެންގޮސް އައުރައިން ބައެއް ފާޅުވާނޭހެން ހެދުން އަޅާ ފިރިހެނުން މަދުންނަމަވެސް ފެނެއެވެ. މިއީ ރަނގަޅު ގޮތެއްނޫނެވެ. އަދި ބައެއްފަހަރަށް ލާފައި ހުންނަ ގަމީސް ނުވަތަ ޓީޝާޓު މާބޮޑަށް ކުރުވުމުގެ ސަބަބުން، ނަމާދުގައި ސަޖިދައަށްދާއިރު އައުރައިން ބައެއް ފާޅުވާތަން އާދެއެވެ. މިގޮތަށް ނަމާދުގައި އައުރަ ފާޅުވާނަމަ، ނަމާދު ބާތިލުވާ ހާލަތަށްދިއުމަކީ އެކަށީގެންވާކަމެކެވެ. ޖުމްހޫރު އިލްމުވެރިން ވިދާޅުވާގޮތުގައި ނަމާދުކުރާއިރު އައުރައިން އެކަށީގެންވާ މިންވަރެއް ފާޅުވެ، އެގޮތުގައި ގިނައިރުވާނަމަ ނަމާދު ބާތިލުވާނެއެވެ. އަދި ބައެއް އިލްމުވެރިން ވިދާޅުވާގޮތުގައި ނަމާދުގެ ތެރޭގައި އައުރައިން ކިތަންމެ ކުޑަ މިންވަރެއް ފާޅުވިޔަސް ނަމާދު ބާތިލުވާނެއެވެ.
އައުރަ ނިވައިކުރުން ވާޖިބުވަނީ ގެއިން ބޭރަށް ނިކުންނަންޖެހޭ ވަގުތު އެކަންޏެއްނޫނެވެ. އަހަރެމެންގެ އާންމު ދިރިއުޅުމުގެ ކަންތައްތައް ހުންނަގޮތުން، ގޭތެރޭގައިވެސް ޝަރުޢީ ހިޖާބުން ނިވައިވެގެން އުޅެންޖެހޭ ހާލަތްތައް އާދެއެވެ. ރައްޓެއްސަކު ނުވަތަ ކައިވެނި ހެޔޮވާ ތިމާގެ މީހަކު ނުވަތަ ޅިޔަނަކު ގެއަށް އަންނަހިނދު، ގޭތެރޭގައި އުޅޭ އަންހެނުން އައުރަ ނިވައިކުރަންޖެހޭނެއެވެ. އަދި އެފަދައިން، ރައްޓެހި އަންހެނަކު ނުވަތަ ކައިވެނި ހެޔޮވާ ތިމާގެ އަންހެނަކު ނުވަތަ ފަހަރިޔަކު ގެއަށް އަންނަހިނދު، ފިރިހެނުންވެސް އައުރަ ނިވައިކުރުން ލާޒިމުވާނެއެވެ. އެއްޗެތި ހިއްކަން އަޅަން ނުވަތަ އެހެން ބޭނުންމަކުވިޔަސް ބޭރަށް ހުޅުވިފައި ހުންނަ ބެލްކަންޏަށް ނިކުންނަންވާނީ އައުރަ ނިވައިކޮށްގެންނެވެ. ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "މުއުމިނު ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި މުއުމިނު އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް، ކަލޭގެފާނު ވިދާޅުވާށެވެ!(ނޫރު: 30-31)
ނިވައިކަން ކުޑަ ގޮތްގޮތަށް ފޮޓޯ ނަގައި ނުވަތަ ވީޑިއޯ ހަދައިގެން މީސްމީޑިއާގެ މަންސަތަކަށް ލުމަކީ ދެޖިންސުގެ މީހުންވެސް ކޮށްގެންވާނެ ކަމެއްނޫނެވެ. މިގޮތަށް މުޅި ދުނިޔެއަށް ދޫކޮށްލާ ފޮޓޯއަކަށް ނުވަތަ ވީޑިއޯއަކަށް ލިބޭ 'ލައިކް' ކޮޅަކަށްވުރެ، ތިމާގެ ޒީނަތްތެރިކަމުގެ އަގު މާބޮޑުކަން ހަނދާންކުރަންވާނެއެވެ. މަޖަލަކަށް ނުވަތަ މާލީ މަންފާއެއް ހޯދުމުގެ ބޭނުމުގައިވިޔަސް ޒަމާނީ އެޕްލިކޭޝަންތައް ބޭނުންކުރަންވާނީ އިސްލާމީ އަޚުލާގީ މިންގަނޑުގެތެރޭގައެވެ. ދީނުގައި މަނާކުރައްވާފައިވާ ކަންތައްތަކާ ދުރުހެލިވެގެން ތިބެ، އެފަދަ އެޕްލިކޭޝަންތައް ބޭނުންކުރުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް އޮންނާނެއެވެ.
އެންމެ ތުއްތު އިރުއްސުރެ، އުމުރާ ގުޅޭގޮތަށް ދަރިން ރަނގަޅަށް ފޭރާން ލެއްވުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. ޅައުމުރުގައި މިކަމަށް ސަމާލުކަން ނުދީފިނަމަ އެކުދީން ބޮޑެތިވާއިރު، އެހެންމީހުންނަށް އައުރަ ފެނިދާނެތީ ލަދެއް ނުގަންނާނެއެވެ. އަދި އައުރަ ނިވައިކުރުމަކީ މާ މުހިންމު ކަމެއް ކަމަކަވެސް ނުބަލާނެއެވެ. ކުޑައިރު އައުރަ ނިވައިކުރަން އާދަކޮށްދީފައިނުވާ ދަރިން ބޮޑެތިވެގެން، ނިވައިކަން ކުޑަ ހެދުންތައް ލާތީ އެކަން އެގޮތަށް ނުކުރަން ބުންޏަސް ދެން ކުރާނެ މާބޮޑު ފައިދާއެއް ނޯންނާނެއެވެ.
އައުރައަށް ރައްކާތެރިކުރުމަށް الله އަމުރުކުރައްވާފައިވާ، ނޫރު ސޫރަތުގެ 31 ވަނަ އާޔަތް ނިންމަވާލައްވަމުން ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އޭ މުއުމިނުންނޭވެ! ތިޔަބައިމީހުން އެންމެން الله އަށް ތައުބާވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، ނަޞީބު ލިބުމަށްޓަކައެވެ." މިއިން އެނގެނީ؛ ﷲ ގެ އަމުރަކަށް ނުވަތަ ނަހީއަކަށް ފަރުވާކުޑަކުރެވިފައިވާ މީހާ ތައުބާވެއްޖެނަމަ އޭނާ ފާފައިން ސަލާމަތް ކޮށްދެއްވާނެ ކަމެވެ. ވީމާ އައުރަ ނިވައިކުރުމުގައި ފަރުވާ ކުޑަކުރެވިފައިވިޔަސް އެއީ ސަލާމަތް ނުވެވޭނެ ވަރުގެ ކަމެއް ކަމަށް ނުބަލާށެވެ. އަވަހަށް ތައުބާވެ އެކަން އިސްލާހުކޮށްލާށެވެ! ﷲ އީ ގިނަގިނައިން ތައުބާ ގަބޫލުކުރައްވާ އޯގާވަންތަ ރަސްކަލާނގެއެވެ.(ބަޤަރާ: 37)