08 Mar 2022, 10:47
މާތްވެގެންވާ އިސްލާމް ދީނަކީ، އެންމެހައި ތަނަކަށާއި، އެންމެހައި ޒަމާންތަކަށް އެދީނުގެ ޝަރީޢަތް ނުވަތަ އެދީނުގައި މީހުން އުޅުމަށް އަންގަވާފައިވާ ޙުކުމްތަކަށާއި، އެދީނުގައި ތަބަޢަވުމަށް އަންގަވާފައިވާ ކަންތައްތަކަށް ތަބަޢަވެވޭފަދަ ތަކުލީފުތައް ލައްވަވާފައިވާ ދީނެކެވެ. މިގޮތުން ޒަމާންތަކާއި، ތަނާއި ޙާލަތު ބަދަލުވުމުން އެކަމުގެ ޙުކުމް ބަދަލުވާ ނުވަތަ އާކަމެއް ނުވަތަ މައްސަލައެއް ދިމާވުމުން އެތަނާއި ޒަމާނަށް ރިޢާޔަތްކޮށް ކުރިން ދީނުގައި ޙުކުމް އައިސްފައިވާ ކަމަކާއި ސަބަބު އެއްހަމަކޮށް، އަލަށް ދިމާވި މައްސަލައިގެ ޙުކުމް ޙާޞިލްކުރެވެއެވެ.
ޢަރަބި ބަހުގައި "ޤިޔާސް" ގެ ބަހަވީ މާނައަކީ، އެކަތި އަނެކެއްޗާއި، އަޅާބެލުމެވެ. "އުޞޫލުލް ފިޤުހު" ޢިލްމުވެރިންގެ އަރިހުގައި، އެއީ އެމައްސަލައެއްގެ ޙުކުމަށް ވާޞިލްވެވޭފަދަ ޝަރުޢީ ދަލީލެއް ނުވަތަ ނައްޞެއް އައިސްފައިނެތް މައްސަލައަކަށް، ކުރިން ޙުކުމް އައިސްފައިވާ މައްސަލައާއި، އޭގެ ސަބަބަށް ބަލައި، އައިސްފައިވާ މައްސަލައިގެ ޙުކުމްދިނުމެވެ.
އާދެ! އިސްލާމް ދީނުގެ ޙުކުމްތައް ކަނޑައެޅުމުގައި ބޭނުންކުރެވޭ މައިގަނޑު މަޞްދަރުތަކުގެ ތެރެއިން ޤިޔާސަކީ، ހަތަރުވަނަ މަޞްދަރެވެ. އަދި ގިނަ ޢިލްމުވެރީން ދެކެވަޑައިގަންނަވާ ގޮތުގައި، ޢަމަލީ ޙުކުމްތަކުގެ ދާއިރާގައި، ޤިޔާސްކުރުމަކީ، ޝަރުޢުގެ ޞައްޙަ ދަލީލްތަކުގެ ތެރެއިން ދަލީލެކެވެ. ޙުއްޖަތެކެވެ. މިފަދަ ޢިލްމުވެރީންނަށް ކިޔައިއުޅެނީ، "ޤިޔާސް ސާބިތުކުރާ މީހުންނެވެ." ނަމަވެސް ޝީޢީންގެ ބައެއް މަޒުހަބުތަކުގެ ޢިލްމުވެރީން، ޤިޔާސަކީ، ޝަރުޢީ ދަލީލެއްކަމަށް ޤަބޫލުނުކުރެއެވެ. މިފަދަ މީހުންނަށް "ޤިޔާސް ނަފީކުރާ މީހުން" މިހެން ކިޔައިއުޅެއެވެ.
ޤިޔާސްއަކީ ޙުއްޖަތެއްކަން އަންގައިދޭ ދަލީލްތައް
ޤިޔާސްއަކީ، ޝަރުޢީ ޙުކުމްތަކަށް ވާޞިލްވުމުގައި، އަދި ޙުކުމްތައް އިސްތިންބާޠު ކުރުމުގައި ފަހަކަށް އައިސް ބޭނުންކުރެވުނު ވަސީލަތެެއް ނޫނެވެ. އަދިކިއެއްތަ! އެއީ، ރަސޫލުﷲ ގެފާނުންގެ ޒަމާނުންފެށިގެން، ބޭނުންކުރެވެމުން އައިސްފައިވާ މަޞްދަރެކެވެ. ޤިޔާސަކީ ޝަރުޢީ ދަލީލެއްކަން، ޤުރުއާނާއި، ސުންނަތް އަދި ބުއްދީގެ ދަލީލްތަކުންވެސް ސާބިތުވެއެވެ.
ކީރިތި ޤުރުއާނުގެ އާޔަތްތަކަށް ބަލާލާއިރު، ކިރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّـهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّـهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا) (އައްނިސާއު:59). މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللَّه އަށް ކިޔަމަންވާށެވެ! އަދި، رسول އާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ! ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، اللَّه އަށާއި، رسول އާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު اللَّه އާއި، އެކަލާނގެ رسول އާގެ حكم އޮތްގޮތެއް ބަލައި އެގޮތަށް عمل ކުރާށެވެ!) ތިޔަބައިމީހުން، اللَّه އަށާއި، آخرة ދުވަހަށް إيمان ވާ ކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި، ނިމުމެއްގެގޮތުން ރީތިކަންވެސް ބޮޑުމެއެވެ."
ބަޔާންވެދިޔަ އާޔަތުގައި މާތް ﷲ އަޅުގަނޑުމެންނަށް އަންގަވާ ގޮތުގައި، ޙުކުމެއް ކަނޑައެޅިފައިނުވާ ކަމެއްގައި ﷲ އަށް ނުވަތަ ރަސޫލާއަށް ނުވަތަ އެކަމެއްގެ އަހުލުވެރީންނަށް އެކަމުގެ ޙުކުމް ނެރުމަށްޓަކައި އެކަން ރައްދުކުރުމަށެވެ. މިކަމުން އެނގިގެންދަނީ، ޤުރުއާނަށާއި، ސުންނަތަށް ރުޖޫޢަވުމަށެވެ. މިގޮތުން ޤުރުއާނާއި ސުންނަތުން ނައްޞެއް އައިސްފައިވާކަމެއް، ނައްޞެއް އައިސްފައިނުވާކަމެއްގެ ޙުކުމަށް ވާޞިލުވުމަށް ރައްދުކުރުމަކީ، ނުވަތަ ރުޖޫޢަވުމަކީވެސް ޙަޤީޤަތުގައި، ޤުރުއާނަށް ނުވަތަ ސުންނަތަށް ރުޖޫޢަވުންކަމުގައި ބެލެވޭނެއެވެ. އެހެންކަމުން ބަޔާންކުރެވުނު އާޔަތުން ޤިޔާސް ކުރުމަކީ، ޝަރުޢީ ދަލީލެއްކަން ނުވަތަ ޙުއްޖަތެއްކަމަށް ދަލީލްކުރެއެވެ.
ޤިޔާސްއަކީ ޝަރުޢީ ޙުކުމްތައް ނެރުމުގައި ޙުއްޖަތެއްކަން އަންގައިދޭ ސުންނަތުގެ ދަލީލްތަކަށް ބަލާއިރު، އަދި އެމަޞްދަރަކީ، ފަހުގެ މަޞްދަރެއް ނޫންކަން އަންނަނިވި ޙާދިޘާއިން ސާބިތުވެގެންދެއެވެ. ރަސޫލު ﷲ ގެފާނުން، މުޢާޒުގެފާނުން، ޤާޟީއެއްގެ ގޮތުގައި ޔަމަނަށް ފޮނުއްވަމުން، މުޢާޒުގެ ކުރެން އެއްސެވިއެވެ. "މައްސަލައެއްގައި، ޙުކުމް ކުރައްވާނީ، ކޮން ހަމައަކުންތޯއެވެ!" މުޢާޒު ވިދާޅުވިއެވެ."ތިމަންކަލޭގެފާނުން ޙުކުމް ކުރައްވާނީ، ﷲ ގެ ފޮތުގައިވާ ގޮތުގެ މަތީންނެވެ." ކީރިތި ރަސޫލާ ސުވާލުކުރެއްވިއެވެ. "ﷲ ގެ ފޮތުގައިނެތްނަމަ، ޙުކުމް ކުރައްވާނީ ކޮންހަމައަކުންތޯއެވެ!" މުޢާޒު ވިދާޅުވިއެވެ. "ﷲ ގެ ރަސޫލާގެ ސުންނަތުގައިވާ ގޮތުގެމަތީންނެވެ." ކީރިތި ރަސޫލާ ސުވާލުކުރެއްވިއެވެ. "ﷲ ގެ ރަސޫލާގެ ސުންނަތުގައި ނެތްނަމަ، ޙުކުމަކުރައްވާނީ ކޮންހަމައަކުންތޯއެވެ!" މުޢާޒު ވިދާޅުވިއެވެ. "އެހެންވެއްޖެނަމަ، ތިމަންކަލޭގެފާނު ޙުކުމްކުރައްވާނީ، އެކަމާމެދު ތިމަންކަލޭގެފާނަށް ކުޅަދާނަވި އެންމެބޮޑަށް ވިސްނެވުމަށްފަހު، ތިމަންކަލޭގެފާނަށް ފެނިވަދައިގެން ގޮތެއްގެމަތިންނެވެ." މުޢާޒު މިހެން ވިދާޅުވުމުން، ކީރިތި ރަސޫލާ ވިދާޅުވިއެވެ. "ﷲ ގެ ރަސޫލާ ރުހިވޮޑިގަންނަވާގޮތަށް ކަންކުރެއްވުމަށް، އެކަލޭގެފާނަށް ތައުފީޤުދެއްވިކަމަށްޓަކައި، މާތްﷲ އަށް ޙަމްދުހުއްޓެވެ."
މިޙަދީޘް އިން އެގޭގޮތުގައި، ހުށަހެޅޭ މައްސަލަތަކުގައި ގޮތްނިންމުމުގައި ނުވަތަ ޙުކުމްތައް ކަނޑައެޅުމުގައި ރުޖޫޢަވާންވީ ވަކިހަމައަކާއި ތަރުތީބެއްވެއެވެ. އެ އިޖްރާއަތަކީ، ޤުރުއާނަށްބެލުމެވެ. އެއަށްފަހު، ސުންނަތުން އެކަމުގެ ނައްޞެއް ފެނޭތޯ ބެލުމެވެ. މިދެންނެވި ދެމަޞްދަރުންވެސް ނައްޞެއް ފެނިވަޑައިނުގެންފިނަމަ، އިޖްތިހާދު ކުރާނީއެވެ. އެފަދައިން ޢަމަލުކުރާނެކަމުގައި ދެންނެވުމުން، އެކަމަށް ރަސޫލާވަނީ ތަރުޙީބަދީފައެވެ. މިކަމުން އިޖްތިހާދުގެ އަހައްމިޔަތުކަން އެގިގެންދެއެވެ. އަދި އަޅުގަނޑުމެންނަށް އެނގޭގޮތުގައި، އިޖްތިހާދުކުރުމުގައި، މައްސަލައެއްގެ ޙުކުމަށް ވާޞިލްވުމަށް ނުވަތަ ހޯދުމަށް އެމީހެއްގެ ކުޅަދާނަކަން ލިބިގެންވީ އެންމެމަތީ މިންވަރަކުން ގަދައަޅައި މަސައްކަތްކުރަންޖެހެއެވެ. އަދި އިޖްތިހާދުކުރުމުގެ އެއްވަސީލަތަކީ، ޤިޔާސްކުރުމެވެ. ކުރީގެ ޙުކުމާއި، އަޅާކިއުމެވެ.
އެއްދުވަހަކު، ކީރިތި ރަސޫލާގެ އަރިހަށް އަންހެނަކު އައިސް ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ! އަޅުގަނޑުގެ ބައްޕަގެ މައްޗަށް ޙައްޖު ވާޖިބުވީއިރު، ބައްޕަވަނީ ވަރަށް ބޮޑަށް މުސްކުޅިވެ، ޙައްޖައްދިއުމަށް ނުކުޅެދޭފަދަ ޙާލަތެއްގައެވެ. ބައްޕަގެ ފަރާތުން އަޅުގަނޑު ޙައްޖުވެއްޖެނަމަ، ބައްޕައަށް އެކަމުން މަންފާއެއް ކުރާނެތޯއެވެ؟" އެކަލޭގެފާނުން ޙަދީޘްކުރެއްވެއެިެވެ. "ތިބާގެ ބައްޕަގެ މައްޗަށް އޮތް ދަރަންޏެއް ތިބާ އަދާކޮށްދީފިނަމަ، އެކަމުން ތިބާގެ ބައްޕައަސް މަންފާއެއް ކުރާނެހެއްޔެވެ؟" އެއަންހެންމީހާ ދެންނެވިއެވެ. "އާދޭހެވެ." އެކަލޭގެފާނުން ޙަދީޘް ކުރެއްވިއެވެ. "ފަހެ، ﷲ އަށް އޮންނަ ދަރަނި އަދާކުރުން، މާ ހައްޤުކަން ބޮޑެވެ."
މިޙަދީޘް އިން އެގިގެންދަނީ، މީހެއްގެ މައްޗަށް އޮތް އަޅުކަމަކާއި، މީހެއްގެ މައްޗަށް އޮތް ދަރަންޏެއް އަޅާކިޔާ ޤިޔާސް ކުރައްވާފައެވެ. އަޅުކަމަކީ އަދި ދަރަންޏަކީވެސް މީހާ އަދާކުރަން ވާޖިބުކުރައްވާފައިވާ ކަންކަމެވެ. ދަރަންޏަށް ޤިޔާސްކުރައްވާ އަޅުކަމުގެ ޙުކުމް ބަޔާންކޮށްދެއްވާފައެވެ. އެހެނީ ބައްޕަގެ މައްޗަށް އަދާކުރަންޖެހޭ ދަރަންޏެއް ދަރިއަކު އަދާކުރުމުން އެކަމުން ބައްޕަގެ ޒިންމާއިން ބަރީޢަވާފަދައިން، ބައްޕަގެ ފަރާތުން ދަރިއަކު ހައްޖުވުމުންވެސް، އެކަމުގެ ސަވާބާއި ދަރުމަ ބައްޕައަށް ލިބޭނޭކަމުގެ އިޝާރާތްކުރައްވާއި ބަޔާންކުރައްވާފައެވެ. މިދެންނެވި ޙަދީޘްތަކުގެ އަލީގައި އަޅުގަނޑުމެންނަށް އެނގިގެންދަނީ، ޤިޔާސްއަކީ ޝަރުޢީ ޙުކުމްތައް ނެރުމުގައި ޙުއްޖަތެއްކަން އަންގައިދޭކަމެވެ.
ޤިޔާސްއަކީ، ޝަރުޢީ ދަލީލެއްކަން އަންގައިދޭ ބުއްދީގެ ދަލިލްތަކަށް ބަލާއިރު، އެގޭ އެއްކަމަކީ، މަޞްލަޙަތައްޓަކައިމެނުވީ، ﷲ އެއްވެސް ޙުކުމެއް ޝަރުޢު ކުރައްވާ އިންސާނާއަށް ތަކުލީފު ކުރައްވާފައިނުވާކަމެވެ. އަދި އެންމަހައި ޙުކުމްތަކެއް ޝަރުޢުކުރެއްވުމުގެ މައިގަނޑު މަޤުޞަދަކީ، އަޅުތަކުންގެ މަޞްލަހަތު ހިފަހައްޓާ ރައްކާތެރިކުރުންކަމެވެ. މިމޭރުމުންބަލާއިރު، ޙުކުމެއް އެނގިފައިވާ މައްސަލައެއްގެ ޢިއްލަތާއި ސަބަބު ހަމަ އެހެން މައްސލައެއްގައި، ޙާޞިލްވާނަމަ، ބުއްދީގެ މަގުން ވިސްނާއިރު ހަމަޖެހޭ އެންމެ ޢަދުލުވެރި ގޮތަކީ، ފަހުގެ މައްސަލައިގައިވެސް އެ ޙުކުމް ސާބިތުވުންކަމުގައި ބަލައިގަތުމެވެ. އެއީ، މިމޭރުމުން ޢަމަލުކުރުމުން މެނުވީ، އަޅުތަކުންގެ މަޞްލަހަތު ރައްކާތެރިނުކުރެވޭނެ ސަބަބައްޓަކައެވެ.
މިސާލަކަށް ދަންނަވަނީނަމަ، ބަނގުރާބުއިން ޙަރާމްކުރައްވާފައިވަނީ، އޭގައިވާ މަސްތުވުމުގެ ބާރުގެ ސަބަބުން ބުއްދިފިލައިގޮސް ބޮޑެތި ޖަރީމާތަކަށް އަރައިގަތުމުގެ އިތުރުން ބުއްދިއަށް ގެއްލުން ލިބޭކަމަށް ޤަބޫލުކުރެވޭހިނދު، މަސްތުވެ ބުއްދިފިލައިދަނިވި އެހެން އެއްޗެއް ޙަރާމްވާންޖެހޭކަމަށް ހަމަ ބުއްދި ޤަބޫލުކުރެއެވެ. އެހެންނޫންނަމަ، ބަނގުރާ ޙަރާމްކުރެއްވުމުގެ ސަބަބުން ރައްކާތެރިކުރެވޭ މަޞްލަޙަތު ކަމަށްވާ، ބުއްދި ޙިމާޔަތްކުރުމުގެ މަޞްލަޙަތު ރައްކާތެރިވެ ދެމެހެއްޓޭނެ ގޮތެއް މެދުވެރިއެއް ނުވާނެއެވެ.
ޤިޔާސްއަކީ، ޝަރުޢީ ދަލީލެއްކަން އަންގައިދޭ ބުއްދީގެ އަނެއް ދަލީލަކީ، ޤުރުއާނާއި ސުންނަތުގެ ނައްޞުތަކަކީ، ނިމުމެއްވާ ނައްޞުތަކަކަށްވެފައި، އެކި ޒަމާންތަކާއި، ޙާލަތްތަކާއި، ތަންތަނަށް ތަފާތު މައްސަލަތައް ދިމާމަވުންދާ އަދި މުސްތަގުބަލުގައި ދިމާވެދާނެ މައްސަލަތަކަކީ، ދުނިޔެ ދެމިއޮތްހާހިނދަކު ދެމިގެންދާނޭ މައްސަލަތަކެކެވެ. އިސްލާމް ދީނަކީ، ޢާލަމީ އަދި ޚާތަމީ ދީންކަމަށްވުމާއެކު، ނިމުމެއް ނުވާ މައްސަލަތަކެއްގެ ޙައްލު ނިމުމެއްވާ ނައްޞުތަކަކުން ނުލިބޭނެކަމަށްޓަކައި، އަލަށް ދިމާވާ މައްސަލަތަކުގެ ޙައްލާއި ޖަވާބު ނުވަތަ ޙުކުމް ދެނެގަތުމަށް ވަސީލަތެއް ﷲ ވަނީ އަޅުގަނޑުމެންނަށް މިންވަރުކުރައްވާފައެވެ. އަދި މިކަން ބުއްދީގެމަގުން ވިސްނުމުންވެސް ވާންވާނީވެސް ހަމަ މިފަދައިންނެވެ. އާދެ! އެއީ ޤިޔާސްގެ ވަސީލަތެވެ. ޤިޔާސްއާއި އިޖްތިހާދުކުރުމުގެ ހުއްދަ ދެވިފައިނެތްނަމަ، އަދި އެކަންކަމުން ވާޞިލްވެވޭ ޙުކުމްތަކަކީ، ނުވަތަ އެކަންކަމަކީ، ޝަރުޢީ ދަލީލްތަކަކަށް ނުވާނަމަ، އަލަށް އަޅުގަނޑުމްންނާއި ކުރިމަތިވާ މައްސަލަތަކުގެ ޙުކުމްތައް ދެނެގަނެވޭނެ ގޮތެއް ނޯންނާނެއެވެ. މިހެންވެއްޖެނަމަ، އިސްލާމް ދީނަކީ، އެންމެހައި ޒަމާންތަކާއި ތަންތަނަށް އެންމެ އެކަށީގެންވާ ދީންކަމުގައި ނުވާނެއެވެ. އަދި މިކަމީ، ﷲ ބާވައިލެއްވި ޝަރީޢަތާއި އެކަލާގެ ޒާތުފުޅަށް ބަލާއިރު، ވާނޭކަމެއްކަމަށް ޤަބޫލުނުކުރެވެއެވެ. އެހެނީ މިފަދަ އެންމެހައި ކަންކަމަކުން އެކަލާނގެ ހުސްޠާހިރުވަންތަވެ ވޮޑިގެންވެއެވެ. އަދި އިސްލާމް ދީނަކީ އެންމެހައި ޒަމާންތަކަށާއި، ތަންތަނަށް އެންމެ އެކަށީގެންވާ އިންސާނާގެ މަޞްލަޙަތު އަބަދަށް ރައްކާތެރިކޮށްދީ ދަމަހައްޓާފަދަ ފުރިހަމަ ދީނެކެވެ.
މިކަން މިހެން އޮތްނަމަވެސް ޢިލްމުވެރީންގެ ތެރޭގައިވެސް މަދުންނަމަވެސް ޤިޔާސް އެއީ ޝަރުޢީ ދަލީލެއްކަމަށް ޤަބޫލުނުކުރައްވާ އެއަށް އިންކާރުކުރާ ބޭފުޅުން އުޅުއްވައެވެ. އެބޭފުޅުންގެ ދަލީލްތަކަކީ، އެކަމުގައި މާ ބޮޑު އޮއްޓަރެއް އަދި ހަރުދަނާކަމެއް ހުރި ވާހަކަތަކަކާއި ދަލީލްތަކެއް ނޫނެވެ. އޭގެ ތެރޭގައި، ސޫރަތުލް އިސްރާއު ގެ 36 ވަނަ އާޔަތް ހިމެނެއެވެ. މިއާޔަތް މިޢިލްމުވެރީން މާނަކުރައްވާ ގޮތުގައި، ހީއަށް ބުރަނުވުމަށް ﷲ އަންގަވާފައިވީހިނދު، ޤިޔާސްއަކީ، ހީއެއްގެ މައްޗަށް ބުރަވެ އަދި އެއަށް ބިނާކުރެވޭ ދަލީލެއްކަމުން ހީއަށް ތަބަޢަނުވުމަށް މާތް ﷲ އަންގަވާކަމަށް ބުނެއެވެ. އެއާޔަތުގައި މާތް ﷲ ވަޙީކުރެއްވިއެވެ. (وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَـٰئِكَ كَانَ عَنْهُ مَسْئُولًا) (އަލްއިސްރާއު:36). މާނައީ: " އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް، ތިބާ تبع ނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު سؤال ކުރައްވާނެ ކަމެއްކަމުގައިވިއެވެ."
މިއާޔަތުގެ އަޞްލު މުރާދަށް ބަލާއިރު، ހަޤީޤަތުގައި ﷲ އަންގަވާފައިވަނީ، ޢަޤީދާއާއިބެހޭ ކަންކަމުގައި ހީއެއްގެމައްޗަށް ބިނާކޮށް އެކިއެކި ކަންތައްތައް ޤަބޫލުނުކުރުމަށެވެ. ނަމަވެސް ޢަމަލީ ޙުކުމްތަކުގައި، ޙަޤީޤަތުގައި ބުރަވެވޭނީ ޟަންނީ މައްޗަށެވެ. އެއްވެސް ޙާލެއްގައި އެކަން ﷲ މަނަޢަ ކުރައްވަނީއެއް ނޫނެވެ.
ޤިޔާސްގެ ބައެއް މިސާލުތައް
ޤިޔާސްގެ ބައެއް މިސާލުތައް ހިމަނައިލުމަކީ، މިމައުޟޫޢު އިތުރަށް އެނގުމުގައި އެހީތެރިވެދޭނެ އަދި ޤިޔާސްގެ ބޭނުންތެރިކަން ހާމަވުމަށް މުހިއްމުކަމެއްކަމަށް ދެކެމެވެ. މިގޮތުން ކުރިންވެސް ބަޔާންކޮށްފައިވާ ބަނގުރާގެ މިސާލު އިތުރަށް ތަފްޞިލްކޮށް ބަޔާންކުރަން ޤަޞްދުކުރަމެވެ. ބަނގުރާއަކީ، ކީރިތި ޤުރުއާނުގެ ޞަރީޙަ ނައްޞުން އެކަމުގެ ޙުކުމް ބަޔާންކޮށްދެއްވާ ހަރާމް ކުރައްވާފައިވާ އެއްޗެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ) (އަލްމާއިދާ:90). މާނައީ: " އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި نصيب ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، شيطان އާގެ عمل ތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ."
މިއާޔަތުން ދަލީލު ލިބޭ ގޮތުގައި ބަނގުރާ ބުއިމުގެ ޙުކުމަކީ، ޙަރާމް ވުމެވެ. އެކަމުގެ ސަބަބަކީ، ނުވަތަ ޢިއްލަތަކީ، އެއީ މަސްތުވާ އެއްޗަކަށް ވެފައި މުޑުދާރު ޢަމަލުތަކުގެ ތެރެއިން ހިމެނޭ ޢަމަލަކަށްވުމެވެ. އެހެންކަމުން، މި ޢިއްލާ ނުވަތަ ސަބަބު ނުވަތަ ނަތީޖާ ޙާޞިލްވާ ކޮންމެ އެއްޗެއްވެސް، އެއްޗަކަށް ކޮންމެ ނަމެއްކިޔަސް، އެއެއްޗެއް ބޭނުންކުރުމުގެ ޙުކުމަކީ، ހަމަ ޙަރާމްވުމެވެ.
ދެވަނަ މިސާލަކީ، ވާރުތަވެރިޔާ އޭނާގެ މުވައްރިޘް މަރާލައިފިނަމަ، އޭނާއަށް ވާރުތަ މުދަލަކުން އެއްވެސް އެއްޗެއް ކީރިތި ރަސޫލާގެ ޙަދީޘުގެ ނައްޞުން ސާބިތުވާ ގޮތުގައި ނުލިބޭނެއެވެ. ރަސޫލާ ޙަދީޘެއްގެ މާނައިގައިވެއެވެ. އެކަލޭގެފާނުން ޙަދީޘް ކުރެއްވިއެވެ. "ޤާތިލަކަށް ވާރުތަ ނުވާހުއްޓެވެ." މިކަމުގެ ޢިއްލަތަށް ބަލާއިރު މިޙުކުމް އައިސްފައިވަނީ، އެއްޗެއް ޙައްޤުވުމުގެ ކުރިން އެއެއްޗެއް ލިބިގަތުމަށްޓަކައި، ޙަރާމްކަމެއް ކުރުމެވެ. އެހެންކަމުން އެފަދަ ވާރުތަވެރިއަކަށް ވާރުތަވުން މަނަޢަކުރެއްވެވީއެވެ. މިބީދައިން ބަލާއިރު، ވަޞިއްޔަތަކުން، އެއްޗެއް ލިބެންއޮތް މީހަކުވެސް، އެއެއްޗެއް އޭނާއަށް ލިބިގަތުމަށް ވަޞިއްޔަތްކުރިމީހާ މަރައިލައިފިނަމަ، އޭނާއަކަށް އެ ވަޞިއްޔަތްކޮށްފައިވާ އެއްޗެއް ލިބުން މަނަޢަވާނެއެވެ. މިޙުކުމް އައިސްފައިވަނީ، ފަހުގެ މައްސަލައިގައިވެސް، ހަމަ ކުރީގެ މައްސަލައިގެ ޢިއްލަތް ޙާޞިލްވެފައިވާތީ، މިދެކަން އަޅައިކިޔުމަށްފަހުއެވެ.
ޤިޔާސްގެ ތިންވަނަ މިސާލެއްގެ ގޮތުން ބަލާއިރު، ހުކުރުދުވަހު، ނަމާދަށް ގޮވާލުމުން ގަނެވިއްކުމަކީ، މަކުރޫހަ ކަމެކެވެ. މިކަމުގެ ޙުކުމް ބަޔާންކުރައްވާ މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّـهِ وَذَرُوا الْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ) (އަލްޖުމްޢަތި:9). މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ."
މިއާޔަތުން އެނގޭގޮތުގައި، ހުކުރަށް ގޮވާލެވޭ ވަގުތު ވިޔަފާރިކުރުން މަކުރޫހަވެގެންވާ ސަބަބަކީ، އެކަމުން ނަމާދަށް ދިއުމަށް ހުރަސްއަޅާކަމެއްކަމުގެ ފުރުޞަތު އޮތީމައެވެ. މިބީދައިން ބަލާއިރު، މިނަތީޖާ ނުކުމެދާނެ ފަދަ ކަމެއްގައި މަޝްޣޫލުވެ އުޅުމާއި އެފަދަ ކަންކަމުގައި އުޅުމަކީ، ހުކުރުނަމާދަށް ދިއުމަށް ހުރަސްއަޅާފާނެކަމެއްކަމުގައި ވެއްޖެނަމަ، ކުރީގެ ޙުކުމުގެ ޢިއްލާ ޙާޞިލްވީއެވެ. އެހެންކަމަށްވާނަމަ، އެވަގުތު އެފަދަ ކޮންމެކަމެއްކުރުންވެސް ކުރީގެ ޙުކުމަށް އަޅާކިއުމަށްފަހު، އެކަމަކީ މަކުރޫހަ ކަމެއްކަމުގައި ކަނޑައެޅިދާނެއެވެ.
ބަޔާންވެދިޔަ ހުރިހާ މިސާލުތަކުން އެގޭފަދައިން، އެވަނީ، ކުރިން އެކަމެއްގެ ޙުކުމް ކީރިތި ޤުރުއާނުން ނުވަތަ ރަސޫލާގެ ޙަދީޘުން އެނގެންއޮތް ޙުކުމެއް، ޙުކުމެއް އައިސްފައިނުވާ ފަހުން ދިމާވެފައިވާ މައްސަލައަށް އަޅާކިއުމަށްފަހު އޭގެ ޢިއްލަތް އެއްގޮތްވުމުން އެއްޙުކުމެއް ނެރެވިފައެވެ. އެހެންކަމުން މިއިން އެގިގެންދަނީ، މިޒަމާނުގައި އިސްލާމީ އުއްމަތަށް އަލަށް ކުރިމަތިވާ އަދި ކުރިމަތިމަދުންދާ މައްސަލަތަކުގައި، ޝަރުޢީ ޙުކުމްތައް ނެރުމުގައި ޤިޔާސްގެ މަޞްދަރަކީ އިންތިހާއަށް އެއަށް ބޭނުންތެރި މަޞްދަރެއްކަމެވެ.
ޤިޔާސްގެ ބޭނުންތައް
ޤިޔާސްގެ ބޭނުންތެރިކަމާއި، އަހައްމިއްޔަތުކަން ވަރަށްވެސް ބޮޑެވެ. އިސްލާމް ދީނަކީ، ޢާލަމީ އަދި ޚާތަމީ ދީންގެ ގޮތުގައި ދެމި އޮތުމަށްޓަކައެވެ. ތަފާތު ޒަމާންތަކާއި، ތަންތަނަށް އެދީނުގެ ޙުކުމްތަށް މުނާސަބުވެ މީސްތަކުންގެ މަޞްލަޙަތު ރައްކާތެރިކުރުމަށްޓަކައެވެ. އެހެންކަމުން، މިޒަމާނަކީ، އިންސާނާގެ އުޅުމާއި ގުޅުންތައް މައުލުމާތާއި، ސައިންސާއި ޓެކްނޮލޮޖިގެ ޒަރީޢާގެ ސަބަބުން ބަދަލުވެފައިވާ ޒަމާނެކެވެ. ހޯދުންތަކާއި، އީޖާދުތައް ދަނީ ހޯދެމުންނެވެ. ދުނިޔެވަނީ ބަވަނަވެ އެންމެހައިކަންކަން އެއްތަނުން އަނެއްތަނަށް ވަރަށް ފަސޭހައިން ބަދަލުވެ ނަޤުލުވުމުގެ ސަޤާފަތެއްގެ ތެރޭގައެވެ. ވަރަށްވެސް ފަސޭހަކަމާއެކުގައެވެ. އެއީ، ރަނގަޅު ކަމެއްވިޔަސް އަދި ނުރަނގަޅު ކަމެއްވިޔަސް މެއެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ހިނގާ ކަންތައްތައް ވަގުތުން ވަގުތަށް އެކަންހިނގާ ވަގުތުގައި ބަލާލެވެއެވެ.
އިންސާނުންގެ މުޢާމަލާތާއި، އަޚުލާޤާއި، ޤަބޫލުކުރުންތަކަށް ވަރަށްބޮޑެތި ބަދަލުތަކެއް އައިސްފައިވާހިނދު އަދި އަންނަމުންދާ ދަނޑިވަޅެއްގައި، ދީނުގެ ތަރަހައިގެ ތެރޭގައި ޒަމާނާއި، ޒަމާނީ ވަސީލަތްތަކުގެ އަލީގައި ގެނެވޭ ބަދަލުތައްވެސް ބައްޓަންކުރުން މުހިންމެވެ. މިފަދަ ޙުކުމްތައް ނެރުމުގައި، ޤިޔާސްކުރުމުގެ މަޞްދަރަކީ، ދީނީ ދަލީލެއްގެ ގޮތުގައި ބަލައިގަނެވޭނެ އަދި އޭގެ ބޭނުން ވަރަށްވެސް ބޭނުންތެރި މަޞްދަރެކެވެ.
މިސާލަކަށް ތިމާމެންގެ ދަރީންކަން އެނގި ކަށަވަރުވާ ހިނދު، ދަރީން ނަފީކުރުމާއި، ބައްޕަ ނޫން ފަރާތްތަކަށް ކުދިން ނިސްބަތް ކުރުވުމަކީ ނުވަތަ އެޑޮޕްޓް ކުރުމަކީ އިސްލާމް ދީން ޙަރާމް ކުރައްވާފައިވާ ކަމެކެވެ. އަދި ދިވެހި މުޖްތަމަޢަށް ބެލިކަމުގައިވީނަމަވެސް މިއަދު އެކި ޞިނާޢީ ވަސީލަތްތައް ބޭނުންކޮށްގެން ދަރީން ހޯދަމުންދާކަން ފާހަގަވެއެވެ. އެހެން އަތްބެއްގެ ރަޙިމުގައި ދަރިއަކު އިންދައިގެން ހޯދުމަކީވެސް، ނުކޮށް ނުދާނެ ކަމެއްކަމުގައި ދެކެމެވެ. އަޅުގަނޑުމެންނަށް ނޭގިނަމަވެސް އެކަން ދިވެހި އަފްރާދުން ކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިފަދަ ވަސީލަތްތައް ދީނުގައި ހުއްދަކުރުމުގައި ވަރަށް ހަރުދަނާ ޝަރުތުތަކާއި، ގައިދުތައް ލައްވާފައިވީނަމަވެސް، މިކަންކަމުގައި މީހުން މާފަރުވާތެރިވާކަމަކަށް ނުދެންނެވޭނެއެވެ.
ދަރިންގެ ނަސަބު ކަށަވަރުކުރުމުގައި ދިވެހިރާއްޖޭގެ ޢާއިލާއާއިބެހޭ ޤާނޫނަށް ބެލިކަމުގައިވީނަމަވެސް، ތަފްޞީލީ ކަންތައްތަކެއް ހިމެނިފައިނެތެވެ. ޑީ.އެން.އޭ ނުވަތަ (Deoxyribonucleic Acid) އަކީ، މައިންބަފައިންގެ ފަރާތުން ވާރުތަވެފައިވާ ވިރާޘީ ބަހާއެވެ. ގާތްގަޑަކަށް ހަށިގަނޑުގެ ކޮންމެ ސެލްއެއްގައިވެސް މިމާއްދާ އެކުލެވިގެންވާނެއެވެ. އަދި އެއްމާބަނޑުވުމުގައި އެއްގޮތްކަން ހުންނަކުދިން ފިޔަވައި ޑީ.އެން.އޭ ހުރިހާ މީހުންގެވެސް ތަފާތުވާނެއެވެ. ވިރާސީ ކުރެހުން އެކުލެވިގެންވަނީ ކްރޮމޮޒޯމްތަކެއްގެ މައްޗަށެވެ. އިންސާނާގެ ކިބައިގައި އޭނާގެ މަންމައާއި ބައްޕަގެފުށުން ސިފަތައް ވާރުތަވެފައިވެއެވެ. އެއީ މަންމަގެ ފުށުން 23 ވިރާސީ ސިފައާއި ބައްޕަގެ ފަރާތުން 23 ވިރާސީ ސިފައެވެ. މުޅި ޖުމްލަ 46 ވިރާސީ ސިފަ އިންސާނާގެ ކިބައިގައި ވެއެވެ. އެއީ އިންސާނާ އުފެދިފައިވަނީ އެއްކުރެވިފައިވާ މަނި ތިއްކަކުންކަމުގައި ﷲ ބަޔާން ކުރައްވާފައިވެއެވެ. އެއީ ބައްޕަގެ ނުޠްފާ (މަނި) އާއި މައްމަގެ ނުޠްފާ އެވެ. މިކަން ޤުރްއާނުން އެނގެން އެބައޮތެވެ. އަލްއިންސާން ސޫރަތުގެ 2 ވަނަ އާޔަތުގައި ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، އެއްކުރައްވާފައިވާ މަނިތިއްކަކުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. (އެއީ) އޭނާ އިމްތިޙާން ކުރެއްވުމަށްޓަކައެވެ. ފަހެ، ކަންފަތަށް އިވޭ، ލޮލަށް ފެންނަ މީހަކު ކަމުގައި ތިމަންރަސްކަލާނގެ އޭނާ ލެއްވީމެވެ."
ފަހުގެ ދަންނަބޭކަލުންނާއި، ޖުމުހޫރު ޢިލްމުވެރީންގެ ރައުޔުގައި ކަނޑައެޅޭ ޙާލަތްތަކުގައި ނަސަބު ސާބިތުކުރަން ޑީ.އެން.އޭ ބޭނުންކުރުން ވަނީ ހުއްދަ ކުރައްވާފައެވެ. އެބޭފުޅުން ޤިޔާސްކުރައްވަނީ ޤިޔާފާއިން ނަސަބު ސާބިތުކުރުމުގެ މައްޗަށެވެ. އެހެނީ ޤިޔާފާއިން ނަސަބު ސާބިތުކުރެވޭ ހިނދު، ޑީ.އެން.އޭ އަކީ އެއަށްވުރެ ހަރުދަނާ، އަދި ވަރުގަދަ ޤަރީނާއަކަށް ވާހިނދު، އޭގައި ހިފުން މާ ބޮޑަށް އައުލާކަން ބޮޑުކަމަށް ޢިލްމުވެރީން ވިދާޅުވެއެވެ.
ޤިޔާފާއިން ސާބިތުވާ ޙުކުމް ޑީ.އެން.އޭ އިން ސާބިތުވާނެކަމަށް ޤިޔާސްކޮށް ދަލީލް ނެންގެވި ކަމުގައި ވީނަމަވެސް މި ދެގޮތުގައިވެސް ފާހަގަކުރެވޭ ތަފާތުތައް އެބަހުއްޓެވެ.
- ޑީ.އެން.އޭ ބިނާވެފައިވަނީ ސައިންޓިފިކް ޙަޤީޤަތެއްގެ މައްޗަށް ވީނަމަވެސް، ޤިޔާފާ ބިނާވަނީ ކުޅަދާނަކަމާއި، ފަރާސަތުގެ ޢިލްމުގެ މައްޗަށެވެ.
- ޤިޔާފާ ބޭނުން ކުރެވެނީ ހަމައެކަނި ނަސަބު ސާބިތުކުރުމަށް ކަމުގައިވީނަމަވެސް ޑީ.އެން.އޭ އެހެނިހެން ކަންކަން ކަނޑައެޅުމުގައިވެސް ބޭނުންކުރެވެއެވެ.
- ޤިޔާފާ ބިނާވަނީ ބޭރުފުށުން ފެންނަ ގުނަވަނުގެ އެއްގޮތް ސިފަތަކަށް ވާހިނދު އޮޅުމެއް އެކުލެވިގެންވުމީ އެކަށީގެންވާ ކަމެއްކަމުގައި ވީނަމަވެސް ޑީ.އެން.އޭ އަކީ މާއްދީ އެއްޗަކަށް ވެފައި އޭގެ ނަތީޖާއިން ޔަޤީނާއި ގާތަށް ވާޞިލުވެއެވެ.
- ޤިޔާފައިން ޚިލާފް ނަތީޖާއަކަށް އާދެވުން ނުވަތަ ދެމީހަކަށް ކުއްޖަކު ވައްތަރުވުން އެކަށީގެން ވާހިނދު، ޑީ.އެން.އޭ އިން ކަނޑައެޅިގެން އެފަދަ ނަތީޖާއަކަށް ވާޞިލްވުން ދުރުކޮށްދޭނެއެވެ.
އެހެންކަމުން، ޑީ.އެން.އޭ ބެލެވެނީ ހަރުދަނާ ނުވަތަ ކަށަވަރުކަން ލިބިގެންވާ ޤަރީނާއަކަށެވެ. އަދި ޝަރުޢީ ޙުކުމްތައް ކަނޑައެޅުމުގައި ސާބިތުކުރުމަށާއި، ނަފީ ކުރުމަށް އަންނަނިވި ދަލީލްތަކުގެ އަލީގައި ޑީ.އެން.އޭ ބޭނުން ކުރެވިދާނެއެވެ.
ޤުރުއާނާއި ސުއްނަތުގައި ހެކިންނާއި، އިޤްރާރުގެ އިތުރުންވެސް އެއެއްޗަކުން ޙަޤީޤަތް ފާޅުވާ ކޮންމެ އެއްޗަކީ ހެއްކެއްގެ ގޮތުގައި ބެލުމަށް ދަލީލްކޮށްދެއެވެ. ސޫރަތުލް އަޢުރާފުގެ 105 އިން 108 ގައި ﷲ ވަޙީކުރެއްވިއެވެ. (قَدْ جِئْتُكُم بِبَيِّنَةٍ مِّن رَّبِّكُمْ فَأَرْسِلْ مَعِيَ بَنِي إِسْرَائِيلَ ، قَالَ إِن كُنتَ جِئْتَ بِآيَةٍ فَأْتِ بِهَا إِن كُنتَ مِنَ الصَّادِقِينَ ، فَأَلْقَىٰ عَصَاهُ فَإِذَا هِيَ ثُعْبَانٌ مُّبِينٌ ، وَنَزَعَ يَدَهُ فَإِذَا هِيَ بَيْضَاءُ لِلنَّاظِرِينَ) މާނައީ: "ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ތިމަންކަލޭގެފާނު މިވަޑައިގަތީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ބަޔާންވެގެންވާ ހެތްކަކާއިގެންނެވެ. ފަހެ، إسـرآءيـل ގެދަރިން ތިމަންކަލޭގެފާނާ އެކުގައި ފޮނުވާށެވެ! އޭނާ ދެންނެވިއެވެ. ކަލޭގެފާނު ތިޔަވަޑައިގަތީ، ހެތްކަކާއިގެން ކަމުގައިވާނަމަ އަދި ތެދުވެރިންގެ ތެރެއިން ކަލޭގެފާނު ވާނަމަ، ފަހެ، އެ ހެތްކެއް ނިކަން ގެންނަވައި ބައްލަވާށެވެ! ދެން އެކަލޭގެފާނުގެ އަސާކޮޅު އެކަލޭގެފާނު އެއްލެވިއެވެ. ފަހެ، އެހިނދު، އެ އަސާކޮޅު ފާޅުވެގެންވާ ހަރުފަޔަކަށް ވެއްޖެއެވެ. އަދި އެކަލޭގެފާނުގެ އަތްޕުޅު ނެރުއްވިއެވެ. ފަހެ، އެހިނދު، ބަލަންތިިބި މީހުންނަށް އެ އަތްޕުޅު ފެންނަންއޮތީ، ވިދަވިދައިއޮތް ހުދު އަތްޕުޅެއްކަމުގައެވެ."
ސޫރަތު ޔޫސުފުގެ 26 އިން 28 ވަނަ އާޔަތުގައި ﷲ ވަޙީކުރެއްވިއެވެ. (قَالَ هِيَ رَاوَدَتْنِي عَن نَّفْسِي ۚ وَشَهِدَ شَاهِدٌ مِّنْ أَهْلِهَا إِن كَانَ قَمِيصُهُ قُدَّ مِن قُبُلٍ فَصَدَقَتْ وَهُوَ مِنَ الْكَاذِبِينَ ، وَإِن كَانَ قَمِيصُهُ قُدَّ مِن دُبُرٍ فَكَذَبَتْ وَهُوَ مِنَ الصَّادِقِينَ ، فَلَمَّا رَأَىٰ قَمِيصَهُ قُدَّ مِن دُبُرٍ قَالَ إِنَّهُ مِن كَيْدِكُنَّ ۖ إِنَّ كَيْدَكُنَّ عَظِيمٌ) މާނައީ: "އެކަލޭގެފާނު ވިދާޅުވިއެވެ. ނުބައިކަންތަކަށް ތިމަންކަލޭގެފާނުގެ ކިބައިން އެދުނީ، އެކަނބުލޭގެއެވެ. އަދި (އެކަމާމެދު) އެކަނބުލޭގެ ތިމާގެ މީހުންކުރެ ހެކިވެރިޔަކު ހެކިދީ ބުންޏެވެ. އެކަލޭގެފާނުގެ ގަމީސްކޮޅު ވީދިފައިވަނީ، ކުރިމަތިންނަމަ، އެކަނބުލޭގެ އެބުނީ ތެދެވެ. އަދި އެކަލޭގެފާނު ވަނީ ދޮގުވެރިންގެ ތެރެއިންނެވެ. އަދި އެކަލޭގެފާނުގެ ގަމީސްކޮޅު ވީދިފައިވަނީ، ފުރަގަހުންނަމަ، އެކަނބުލޭގެ އެހެދީ ދޮގެވެ. އަދި އެކަލޭގެފާނު އެވަނީ ތެދުވެރިންގެ ތެެރެއިންނެވެ. ފަހެ، އެކަލޭގެފާނުގެ ގަމީސްކޮޅު ފުރަގަހުން ވީދިފައިވާތަން ފެނުމުން، އޭނާ އެބަހީ: އެކަނބުލޭގެ ފިރިމީހާ ބުންޏެވެ. ހަމަކަށަވަރުން، އެއީ ތިޔަކަނބަލުންގެ މަކަރުވެރިކަމުގެ ތެރެއިން ކަމެކެވެ. ހަމަކަށަވަރުން، ތިޔަކަނބަލުންގެ މަކަރުވެރިކަމަކީ، ބޮޑުވެގެންވާ ކަމެކެވެ."
ޑީ.އެން.އޭ ބޭނުންކޮށްގެން ނަސަބު ސާބިތުކުރުމުގައި އަންނަނިވި ޙާލަތްތަކުގައި ޞައްހަވާނެކަމަށް ގިނަ ޢިލްމުވެރީން އެއްބަސްވެއެވެ.
އެކުއްޖާގެ ނަސަބު ކަނޑަ ނޭޅިވާހިނދު އެތައްބަޔަކު އެކުއްޖާއަކީ އޭނަގެ ކުއްޖެއްކަމަށް ބުނެ ދައުވާކުރާ ޙާލަތުގައި ނަސަބު ސާބިތުކުރުމުގައި ޑީ.އެން.އޭގެ ބޭނުން ހިފުން
- އެއްފަހަރާ ހޮސްޕިޓަލަކަށް ނުވަތަ އެހެންވެސް ތަނަކަސް ވިހެއި ކުދިންތަކެއް އޮޅުމުގެ ސަބަބުން އެކުދީންގެ ނަސަބު ސާބިތު ކުރަންޖެހޭ ޙާލަތެއް އަތުވެއްޖެނަމަ، އެހާލަތުގައި ކުއްޖާގެ އަޞްލު ބައްޕަ ނުވަތަ މައްމަ ހޯދުމަށް ޑީ.އެން.އޭ ބޭނުންކުރުން
- ކައިވެންޏަށްފަހު ވިހެއުމަށް ޝަރުޢުގައި ކަނޑައެޅިފައިވާ އެންމެ ކުރުމުއްދަތުގައި ވިހެއުމާއި ގުޅިގެން ނަސަބު ސާބިތުކުރުމަށް ބޭނުންވެއްޖެ ހިނދެއްގައި ޑީ.އެން.އޭ ބޭނުންކުރުން
- އޮޅިގެން ޖިމާޢުވެވިގެން ނުވަތަ ފާސިދު ކައިވެންޏަކުން ލިބޭ ދަރީގެ ނަސަބު ސާބިތު ކުރުމަށް ބޭނުންވާ ޙާލަތުގައި ނަސަބު ސާބިތުކުރުމަށް ޑީ.އެން.އޭ ބޭނުންކުރުން
- އައި.ވީ.އެފް ފަދަ ޞިނާޢީ ވަސީލަތްތަކުން ލިބޭ ދަރިއެއްގެ ނަސަބާމެދު ސުވާލު އުފެދޭ ޙާލަތްތަކުގައި، ކުއްޖާގެ ނަސަބު ޙިމާޔަތް ކުރުމަށްޓަކައި ޑީ.އެން.އޭ އިން ނަސަބު ސާބިތުކުރުން
- ޖިނާއީ ބޮޑެތި މައްސަލަތައް ސާބިތު ކުރުމަށް އެހީތެރިވުމަށް "ހަރުދަނާ ޤަރީނާ" އެއްގެ ގޮތުގައި ޑީ.އެން.އޭގެ ނަތީޖާ ބޭނުންކުރުން
- ލިޢާނު ކުރުމުން މަނަޢަ ވެގަތުމަށްޓަކައި އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ޑީ.އެން.އޭ ގެ ބޭނުން ހިފުން
- ރޭޕްކުރުން ފަދަ ބޮޑެތި ޖިންސީ ކުއްތަކާއި ގުޅިގެން ބަލިވެ އިންނަ ޙާލަތްތަކުގައި އެކަން ބަލައި ތަޙްޤީޤްކުރުމަށްޓަކައި، ނަސަބުގެ ގުޅުން ޑީ.އެން.އޭ ބޭނުންކޮށްގެން ބެލުން.
އާދެ! މިބަޔާންކުރެވުނު މިސާލުތަކުގެ އިތުރުންވެސް އިޖްތިހާދުކުރުމުގައި ޤިޔާސްކުރުން ބޭނުންކުރެވިދާނެ ޒަމާނީ ވަރަށްގިނަ މައްސަލަތައް ފާހަގަވެއެވެ. މީގެ ތެރޭގައި، އިންސާނުންނާއި، ޖަނަވާރުން ކޮލޯން ކުރުމާއި، އިންސާނުންގެ ހަށިގަނޑުގެ ގުނަވަންތައް ހަދިޔާކުރުމާއި އިންދުމާއި، ޞިނާޢީ ގޮތުން ދަރިން ހޯދައި އުފަންކުރުމާއި، ބޭންކުގެ މުޢާމަލާތްތަކާއި ރިބާއާއި މުޢާމަލާތްކުރުމާއި، ކައިވެންޏާއި ޢާއިލާއާއިބެހޭ އެކިއެކި ޙުކުމްތައް ނެރުމަށާއި، ޓެކުހާއި، ވަޤުފުކުރުމާއި ވާރުތަމުދަލާއިބެހޭ ޙުކުމްތައް ނެރުމަށާއި މިކަންކަމާއިގުޅޭ ޤާނޫނާއި ޤަވާޢިދުތައް އެކުލަވާލުމަށްވެސް ޤިޔާސްކުރުމުގެ ދައުރު ވަރަށްމުހިއްމެވެ.
މިކަން މިހެންއޮތްނަމަވެސް، ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ "ޢާއިލާއާއިބެހޭ ޤާނޫނު" އަދި "ޢާއިލާއާއިބެހޭ ޤަވާއިދު" މިފަދަ އިޖްރާއަތަކަށް އެންމެފުރިހަމަ ގޮތުގައި ތަންދީފައިނެތެވެ. އެހެންކަމުން މިފަދަ ޤާނޫނާއި ޤަވަޢިދުތައް ހެދުމުގައި އަދި އުޞޫލުތަކާއި ހަމަތައް ހެދުމުގައި، ދީނުގައި ލައްވާފައިވާ ޤިޔާސްފަދަ މަޞްދަރު ތަކުގައި ހިފައިގެން، ޒަމާނާއި އެކަށީގެންވާ ގޮތަށް ޒަމާނީ މައްސަލަތަކަށް ހަމަތައް ކަނޑައަޅައި ޙުކުމްތައް ނެރުމަކީ، އިސްލާމް ދީނުގެ މަތިވެރިކަމާއި ފުރިހަމަކަން ކަށަވަރުވެ ހާމަވެގެންދާނޭ ކަމެއްކަމަށް ދެކެމެވެ.