އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލީ އެ މަގާމަށް ގާބިލު މީހަކު ކުރިމަތިލައިފައި ނެތުމުންކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެވެ.

ފައްޔާޒް ރޭ "ސަން"އަށް ވިދާޅުވީ އޭނާ އެ މަގާމަށް ކުރިމަތިލީ އެމްޑީޕީގެ ކަންކަން އިސްލާހުކޮށް ޕާޓީ ހިންގާލަން ކަމަށެވެ.

"އަޅުގަނޑު އެ މަގާމަށް ކުރިމަތިލީ ޕާޓީގެ ކަންކަން ހަމަ މަގަށް އަޅުވައި ކަންކަން އިސްލާހުކޮށް ޕާޓީ އިތުރަށް ހިންގާލުމަށް،" ފައްޔާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމަށް ވިސްނި މައިގަނޑު ސަބަބަކީ އެ މަގާމަށް ގާބިލު މީހަކު ކުރިމަތިލާފައި ނެތުމުންކަމަށެވެ. އަަަދި މިހާރު އެމްޑީޕީގެ އެތެރޭގެ ކަންކަން ވަރަށް ބޮޑަށް ބޮއްސުންލައި، މެންބަރުންނާއި ޕާޓީއާއި އޮންނަ ގުޅުން ވަރަށް ބޮޑަށް ހީނަރު ވެފައިވާކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ޗެއާޕާސަންގެ އިންތިޚާބުގެ ކެމްޕެއިން ވަރަށް ފޯރިއާއެކު ކުރިއަށްދާކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ށ. މިލަންދޫގައި ބޭއްވި ކެމްޕޭން ޖަލްސާއިން ވެސް އޭނާއަށް ތާއީދު އޮން މިންވަރު ހާމަވެފައި ވާކަމަށެވެ.

ފައްޔާޒް ރޭ ވަނީ ކެމްޕެއިން ދަތުރުފުޅެއްގައި އައްޑޫ ސިޓީއަށް ވަޑައިގެންފައެވެ. އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އޭނާއަށް އެ ސިޓީން ހޫނު މަރުހަބާއެއް ކިޔާފައެވެ.

އޭނާ ވިދާޅުވީ އެ ދަތުރުގައި ގޭގެއަށް ޒިޔާރަތްކޮށް އެމްޑީޕީ މެންބަރުންނާ ބައްދަލުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކެމްޕޭނަށް ވީހާވެސް ގިނަ ރަށްރަށަށް ދަތުރުކުރުން. އިރާދަކުރެއްވިޔާ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަޅުގަނޑުމެން ކެމްޕޭނަށް ދަތުރުކުރާނަން،" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ މިހާރު ވެސް ވަރަށް ގިނަ ބައެއްގެ ތާއީދު އޭނާއަށް ލިބިފައިވާކަމަށެވެ. އެހެންކަމުން އެ އިންތިޚާބު އޭނާއަށް ކާމިޔާބު ކުރުމުގެ ފުރުސަތު މިހާރު ބޮޑުވެފައި ވާކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

އަންނަ މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޗެއާޕާސަންގެ މަގާމަށް, ފައްޔާޒުގެ އިތުރުން ދެން ކުރިމަތިލައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ.

ބައެއް ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި އެ އިންތިޚާބަކީ ދެ ރައީސުންގެ ކުރިމަތިލެއްވުމެކެވެ. އެގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަޅިން ފައްޔާޒް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފަޅިން ނުކުންނެވީ އިމްތިޔާޒް ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.

ވާދަވެރި ރޫހެއްގައި ދެ ކެނޑިޑޭޓުންގެ ކެމްޕެއިން ކުރިއަށްދާއިރު, އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްގެ ތާއީދު ފައްޔާޒަށް އޮތް ކަން ހާމަކޮށް އޭނާ ވަނީ ޓްވީޓެއް ކުރައްވާފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ބޯމަތިވެފައިވާއިރު އެންމެ ވާދަވެރިކޮށް ފެންނަނީ އެ ޕާޓީގެ އެންމެ ނުފޫޒުގަދަ އެއް މަގާމު ކަމުގައިވާ ޗެއާޕާސަންގެ މަގާމުގެ ރޭހެވެ.