މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022 ގެ ޖަޖުންގެ ޕެނަލް އިއުލާންކޮށްފިއެވެ.

ފަސް ޖަޖުން ހިމެނޭ މި ޕެނަލް އިއުލާންކުރެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ކުރެއްވި ޓުވީޓަކުންނެވެ.

މި ޕެނަލްގައި ހިމެނެނީ ހަތަރު ފިރިހެން ބޭފުޅުންނާއި އެއް އަންހެން ބޭކަނބަލެކެވެ. އެއީ އަހުމަދު ޝާހިރު، އަބްދުލް ނާފިޔު ތައުފީގް، އަލީ ސަލީމް، އިސްމާޢީލް ސުޖާއުގެ އިތުރުން އާމިނަތު ނާޝިދާއެވެ.

މީގެ ތެރެއިން ޝާހިރުއަކީ ކުރީގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިއެއްގެ އިތުރުން މެނޭޖަރުކަން ވެސް ކުރައްވާފައިވާ ފަރާތެކެވެ. އަދި އޭނާ އަކީ މިހާރު ފީފާ އަދި އޭއެފްސީގެ މެޗު ކޮމިޝަަނަރެކެވެ.

ނާފިޔުއަކީ ކުރީގެ ގައުމީ ބާސްކެޓު ޓީމުގެ ކުޅުންތެރިއެކެވެ. އޭނާ ވަނީ ގައުމީ ޓީމާއެކު ކުލަބް ލެވެލްގައި އެކި އެކި ތަފާތު ކާމިޔާބީތައް ހޯދާފައެވެ.

އަލީ ސަލީމަކީ ފީފާގެ ރެފްރީއެއްގެ ގޮތުގައި 20 އަހަރު މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ. އަދި މިހާރު ވެސް ރެފްރީ އިންސްޓްރަކްޓަރެއްގެ އިތުރުން ސްޕޯޓްސް އެޑްމިނިސްޓްރޭޓަރެކެވެ.

ސުޖާއު އަކީ ކުރީގެ ޓޭބަލް ޓެނިސް (ޓީޓީ) ކުޅުންތެރިއެކެވެ. އަދި އޭނާ ވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީކަން ވެސް ކުރައްވާފައެވެ. އަދި އޭނާ ވަނީ 2017 ވަނަ އަހަރު އޭޝިއަން އިންޑޯ އެންޑް މާޝިއަލް އާޓްސްގެ ޗެފް ޑި މިޝަން ކަން ވެސް ކުރައްވާފައެވެ.

މި ލިސްޓުގައި ހިމެނޭ ހަމަ އެކަނި އަންހެން ފަރާތްކަމުގައިވާ ނާޝިދާއަކީ ނެޓްބޯޅަ އެސޯސިއޭޝަންގެ ކުރީގެ ޖެނަރަލް ސެކްރެޓަރީއެވެ. އަދި 2019 ވަނަ އަހަރު އޮތް އިންޑިއަން އައިލެންޑް އޯޝަން ގޭމްސް (އައިއޯއައިޖީ) ގައި ޑެޕިއުޓީ ޗެފް ޑި މިޝަންކަން ވެސް ކުރައްވާފައެވެ. 2019 ވަނަ އަހަރު އޮތް ސައުތު އޭޝިއަން ގޭމްސްގެ ހެޑް އޮފް ވޮމަންސް ޑެލިގޭޝަން ކަން ވެސް ކުރެއްވީ ނާޝިދާއެވެ. އަދި ނާޝިދާއަކީ އެމްއެންއައިއެސް ގެ ބޯޑު މެމްބަރެކެވެ. އޭނާ ވަނީ ސްޕޯޓްސް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފްލާ އޮންނާނީ މިމަހުގެ 17 ވަނަ ދުވަހުގެ ރޭގައެވެ.