04 Mar 2022, 00:40
ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަކަރާއި ހީލަތުން ހުޅުމާލޭ ފިހާރައަކުން މުދާނެގި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖަނަވަރީ މަހުގެ އެކި ދުވަސް މަތިން ސައްޙަ ނޫން ސްލިޕް ބޭނުންކޮށްގެން މަކަރާއި ހީލަތުން އެއްލައްކަ އަށްވުރެ ގިނަ ރުފިޔާގެ މުދާނެގި މައްސަލަ އެއް ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި 25 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
އޮފިޝަލް ވިދާޅުވީ އެ ފިހާރައިން އޭނާ ނެގި ތަކެތީގެ ތެރެއިން އަށްޑިހަ ހާހަށްވުރެ ގިނަ ރުފިޔާގެ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.
އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.