ރާއްޖޭގެ ކުޅުންތެރިން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022 ގެ ހޮސްޕިޓާލިޓީ ޕާޓުނަރަކާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު މީޑިއާއާ ވާހަކަ ދައްކަވަމުންނެވެ.

ކުޅުންތެރިން ރަނގަޅު ނަތީޖާއާ ހަމައަށް ވާސިލްވުމަށް ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ފައިސާގެ އިނާމު ސަރުކާރުން ދީފައިވާނެކަމަށާއި، އެކަން އެ ގޮތަށް ކުރުމުން ބައެއް މީހުން ސުވާލު އުފައްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ކުޅުންތެރިން ދުވާލެއްގެ މައްޗަށް ކުރާ ބުރަ މަސައްކަތާއި އެ ކުދިންގެ ބެލެނިވެރިން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.

"އެތްލީޓަކަށް ވުމަށް ހަގީގަތުގައި ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރޭ. އަޅުގަނޑުމެން ބައެއް ފަހަރު އިނާމު ފައިސާ އަޅުގަނޑުމެން އައިސް ބޮޑުކޮށްލީމާ، ޓީޓީ ކުޅެގެން ރަން މެޑަލް ލިބުނީމަ އަޅުގަނޑުމެން ވަރަށް ގިނަ ފައިސާ މިސާލަކަށް މިދެނީ. އިނާމް ފައިސާގެ ގޮތުގައި. ދިނީމަ ދޭންޖެހޭ ހެއްޔޭ ސުވާލުކުރާ އެތައް ބަޔަކު އެބަ ތިބި. ހާއްސަކޮށް ސޯޝަލް މީޑިއާގަ އަންނާނެ ރާސްލާފަ ކީއްވެތޯ؟ އެކަމު އެ ކުއްޖާ އެ ހިސާބަށް ދިޔުމަށް ކުރާ މަސައްކަތް، ދުވާލަކު ކިތައް ގަޑިއިރުތޯ އޭނަ މަސައްކަތްކުރޭތޯ، އޭނަގެ ބެލެނިވެރިން އެވީ ގުރުބާނީ. އިނގޭތޯ. މި ހުރިހާ އެއްޗެއްހެ އަގު ވަޒަން ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް މުހިންމު ކަމެއް،" މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.

ކުޅިވަރު ތަކުގެ މެދުގައި އޮތް ތަފާތު ނައްތާލުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދެކެވެ. އެ ވައުދުގެ ދަށުން ރާއްޖޭގެ ގައުމީ އަންހެން އަދި ފިރިހެން ޓީމުތަކުގެ ކުޅުންތެރިންނަށް އަންނަނީ ހަމަހަމަ އުސޫލުން އެލަވަންސް އެއް ދެމުންނެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާ އަންނަ މި މަހުގެ 17 ވަނަ ދުވަހު އެކުވެނި ޓްރެކްގައި ބާއްވާގޮތަށް ވަނީ މިހާރު ހަމަޖެހިފައެވެ.

"ގައުމީ ކުޅިވަރު އެވޯޑް" ގެ ނަމުގައި ސަރުކާރުން އެންމެ ފަހުން އެވޯޑު ދީފައިވަނީ 2012 ވަނަ އަހަރުގައެވެ. ކުޅިވަރުތަކުން ރާއްޖެއަށް ރީތި ނަން ހޯދައިދިން ކުޅުންތެރިންގެ އަގު ވަޒަކުރުމުގެ ގޮތުން އެ އަހަރު ހަތް ކުޅިވަރަކުން އެވޯޑު ދީފައިވެއެވެ.

މި އަހަރުގެ އެވޯޑު ހަފްލާއަކީ ގިނަ އަހަރުތަކެއްގެ މެދު ކެނޑުމަށްފަހު ސަރުކާރުން އަނެއްކާވެސް ދޭން ފަށާ އެވޯޑެކެވެ.